ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ ޔާމީން ލޯންޑާކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ކަމަށެވެ.
މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އެ ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރެއް ނެރެމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް މައްސަލަ ސާބިތުވާކަމަށް ނިންމާ ހުކުމްކުރިއިރު މި ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައިނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީގޮތް ސާފުކުރުމަށް އެދުމުން، "ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ގެ އަމުރެއް އެކޯޓުން ނެރެފައިވާ ކަމަށް ޕީޖީން ބުނެއެވެ. އަދި އެ އަމުރު ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފުކުރުމުން އެ އަމުރު ބާތިލުކަމަށް ކަނޑައަޅާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ބުނީ، ކުރިމިނަލް ކޯޓުން ޑިސެންބަރު މަހުގައި ނެރުނު ހުކުމުގައި ފައިސާ ނެގުމުގެ ބައި މިހާރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ ހުކުމް ޔާމީންގެ މައްޗަށް އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ. އަދި ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގައި ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 53 މިލިއަން ރުފިޔާ 6 މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކެވުމަށް ރައީސް ޔާމީނުގެ މައްޗަށް އަމުރު ކޮށްފައެވެ.
މި ހުކުމަށް ދެ މަސްވީފަހުން ނެރުއްވި އަމުރު ބާތިލުކުރަން ހައިކޯޓަށް ރައީސް ޔާމީނުގެ ވަކީލުން ހުށަހަޅުއްވާފައި ވާ މައްސަލަ އެ ކޯޓަށް ބަލައިގެންފައި ވެއެވެ.