ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުން އެތައް ބައެއްގެ ސަމާލުކަން ލިބުނު އުމުރުން ހަތް އަހަރުގެ ޝަވަން މުހައްމަދަކީ މިހާރު އާ މޫނަކަށް ނުވާނެއެވެ. މިދިޔަ ނޮވެމްބަރު މަހު މަކުނުދޫ ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި، ދުވެލި ހައުސްގެ 41 ނަމްބަރު ކުޅުންތެރިޔާ، ޝަވަންގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވުމުން އެތައް ބައެއްގެ ސަމާލުކަން ވަނީ ޝަވަން އަށް ލިބިފައެވެ.
އެ ވީޑިއޯގައި އެއް ފައިމައްޗަށް ހުރެ ކޮރަމުން އޭނާ ފުޓްބޯޅަ ކުޅުނު މަންޒަރު ފެނި އެތައް ބައެއްގެ ތައުރީފް ބަންޑުއްކޮށްލި ޝަވަންގެ އާއިލާއަށް މި ވަނީ އެމީހުން ދެކެމުން އައި ހުވަފެން ހަގީގަތަށް ވެފައެވެ. ޝަވަން އަށް ކުޅިވަރު ކުޅުމަށް ރަނިން ބްލޭޑެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން އެހީވެދީގެން މިހާރު ޝަވަން ގެ ފަޔަށް ވަނީ ރަނިން ބްލޭޑެއް ޖަހާފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭނާގެ މަންމަ، އާއިޝަތު ވިޝާހް ބުނީ، ޝަވަންގެ ފައި ޖެހުމަށް އިންޑިއާއަށް އެމީހުން ފުރީ މިދިޔަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އިންޑިއާއަށް ދިޔުމަށް ފަހު ޖެނުއަރީ 9 ވަނަ ދުވަހު ޝަވަންގެ ފައިގެ އޮޕަރޭޝަން ކުރި ކަމަށާއި އެ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އޭނާ ބުނެއެވެ.
އޮޕަރޭޝަނަށް ފަހު ރިކަވަރީއަށް އެއް މަސް ދުވަހު މަޑު ކުރި ކަމަށާއި އެއަށް ފަހު ފައެއް ޖަހައިގެން 2 މަސް ދުވަހަށް މަޑުކުރި ކަމަށް އޭނާ ބުނެއެވެ. އޭގެ ފަހުން ރަނިން ބަލޭޑް ޖެހި ކަމަށާއި އެ ބްލޭޑް ޖަހައިގެން މަސް ދުވަހު މަޑުކުރި ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން މިއަދު ޝަވަން މާލެ އައިސްފައިވާ އިރު އަދި ޝަވަން ގޮވައިގެން ފޮލޯއަޕް އަށް ޑޮކްޓަރަށް ދައްކަން އަންނަ މަހުގެ 12 ވަނަ ދުވަހު އިންޑިއާއަށް ދާން ޖެހޭ ކަމަށް ވިޝާހް ބުނެއެވެ.
ރަނިން ބްލޭޑް ޖަހައިގެން އިންޑިއާގައި މަޑުކުރި އެއް މަސް ދުވަހު އެ ބްލޭޑާ އެކީ ހިންގަން ޕްރެކްޓިސް ކޮށްފައިވާ ކަމަށް ވިޝާހް ބުނެއެވެ. މިހާރު ޝަވަން އަށް ކޮޅަށް ހުރެވޭ އިރު އަމިއްލައަށް ހިނގައި ވެސް އުޅެވެއެވެ. ނަމަވެސް އަދިވެސް އޮޕަރޭޝަން ކުރިތަނުގައި ރިއްސާތީ އުޅޭ ކަމަށް ވިޝާހް ބުނެއެވެ.
ޑޮކްޓަރުން ބުނީ، އޮޕަރޭޝަން ކުރި ތަނުގައި ހުރި ޓިޝޫތައް އަދި ޅަ ވާނެ ކަމަށާއި އެހެން ކަމުން އަދި ތަދުވާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 6 މަހެއްހާ ދުވަސް ތެރޭ ޝަވަންގެ ފައި އެއްކޮށް ރިކަވާ ވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާގެ މަންމަ ބުނެއެވެ.
ޝަވަން އަކީ އުފަން ވީ އިރު ވެސް ކަނާތު ފައިގެ ކަކުލުން ތިރި އުފެދިފައި ނުވާ ކުއްޖެކެވެ. އޭނާ އުފަން ވުމުން އެއީ ނުކުޅެދުންތެރިކަން ހުރި ކުއްޖެއްކަން އެނގުމުން ބައެއް މީހުންގެ މަލާމާތުގެ ބަސްތަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ބައެއްގެ ލޯތްބާއި އަޅާލުން ލިބުނު ނަމަވެސް މަލާމާތް ރައްދުވީ ފަރާތްތަކަށް ޝަވަންގެ މަންމަ ރައްދެއް ދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް މިއަދު ޝަވަންއަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފައެވެ.
ޝަވަން އަކީ އޭނާ ފަހުރުވެރިވާ ފަދަ ކުއްޖެއް ކަމަށާއި މާތް ﷲ އޭނާއަށް ދެއްވި ނިއުމަތެއް ކަމަށް ބަލައިގެން ދިރިއުޅުން ކުރިއަށް ގެންދިޔައީ އޭނާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ގޮތުގައި ދެކި މުޖުތަމައު ތެރެއަށް ނުނެރެއެއް ނޫނެވެ. މަދުރަސީ ހަޔާތް ފެށުމުން ވެސް އޭނާ އަށް ހިތްވަރު ދީ ސްކޫލްގެ އެކި ހަރަކާތްތަކުގައި ބައިވެރިކޮށްގެން ޝަވަންއަށް އުފާވެރިކަން ގެނެސް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގައި އެ މަންމަ ދިޔައީ އެތައް ގުރުބާނީއެއް ވަމުންނެވެ.
މިއަދު ޝަވަންގެ މަންމަ ދެކެމުން އައި ހުވަފެން މިވަނީ ހަގީގަތަކަށް ވެފައެވެ. މާތް ﷲ އަށް ހަމްދު ކުރަމުން ވިޝާހް ބުނީ، އޭނާ މިއަދު ހުރީ ވަރަށް އުފަލުން ކަމަށެވެ. ދެން ޝަވަން ރިކަވަރީއަށް ފަހު، އެއްވެސް ތަކުލީފަކާ ނުލައި ދުވެ، ކުޅޭ މަންޒަރުން ދުށުމުގެ ފޮނި އުންމީދުައި ހުރި ވިޝާހް ބުނީ، ވަރަށް އަވަަހަށް ރަށަށް ދާން ނިންމާފައިވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ވެސް ތިބީ ޝަވަން ދެކޭ ހިތުން ކެތް މަދުވެފައި ކަމަށެވެ.
ޝަވަން އަށް ތަރުހީބުކޮށް، ހިތްވަރުދީ ތައުރީފްގެ ބަސްތައް ބަންޑުން ކޮށްލި ހުރިހާ ދިވެހިން ވެސް ދެކެން ބޭނުންވާނެ ދުވަހަށް ދެން ވާނީ ޝަވަން ރަނިން ބްލޭޑާ އެކު ފުޓްބޯޅަ ދަނޑުގައި ދުވެލާ، ކުޅެލާ މަންޒަރެވެ. ޝަވަން އަށް އަވަސް ޝިފާއަކަށް އެދޭ ހުރިހާ އެންމެންގެ ވެސް ދުއާ އަކީ ޝަވަން ދެކެމުން އައި ފޮނި ހުވަފެންތަކުގައި ކުލަ ޖެއްސުމަށް މަސައްކަތް ފަށައި އެ ހުވަފެންތައް ހަގީގަތަކަށް ވުމެވެ.
އަލްހަމްދުލިﷲ... ވަރަށް އުފާވެއްޖެ. ދެން ބޭނުމީ ޝަވަން ރަނިން ބްލޭޑްގައި ފުޓްބޯޅަ ކުޅެލާ ތަން ބަލާލަން