ތައުލީމް އުނގަންނައިދޭ މަރުކަޒުތަކުގެ ފަލްސަފާއަކަށް ވާން ޖެހޭނީ މުސްތަގުބަލަށް ހަރުދަނާ ދަރިވަރުން ބިނާ ކުރުމެވެ. އެފަދަ ކުދިންނަކީ ފަހަށް ރައްކާ ކުރަން ދަންނަ، ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން އެނގޭ ބަޔަކު ކަމުގައި ވުމަކީ ހަރުދަނާ ޖީލެއް ބިނާ ކުރުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ. ނަމަވެސް މިއަދު ކަންތައްތައް ހިނގަމުން ދަނީ މިފަދައިން ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސުކޫލަށް ބޭނުންވާ ޒަރޫރީ ތަކެތި މިނިސްޓްރީން ދަރިވަރުންނަށް ދޭ ވައުޗަރު ގެ ސަބަބުން ހިލޭ ލިބުނު ނަމަވެސް އެކިއެކި ކަންކަމާ ގުޅިގެން ބެލެނިވެރިންގެ އަތުން ބޮޑެތި ހަރަދުތައް ދާކަމުގެ ޝަކުވާ އެފަރާތްތަކުން ދަނީ ކުރަމުންނެވެ.

ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ބޮޑު ހަރަދެއް

ތަފާތު އެކިއެކި މުނާސަބާތަކާއި ގުޅިގެން ސުކޫލުތަކުގައި އެ ދުވަސްތައް ދަނީ ފާހަގަ ކުރަމުންނެވެ. މި ނިމިދިޔަ ކުޑަކުދިންގެ ދުވަސް ވެސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައެވެ.

"ސްކޫލުން ބުނީ ފެއަރީ ޓޭލް ތީމް އަށޭ ހެދުން ލައިގެން އަންނަން ވާނީ. އެކުއްޖަކު ބޭނުންވާ ކެރެކްޓާ އަކަށް ވެވޭނެ އޭ. އަޅުގަނޑު ދަރިފުޅު ފޮނުވީ ރީތި ހެދުމެއް ލައްވާފަ. އެއީ މިވަގުތު ބޮޑު އަގު ދީފަ ކޮސްޓިއުމްއެއް ގަނެވެން ނެތީމަ. ގެއިން ދިޔައިރުވެސް ވަރަށް އުފަލުން ހުރީ ރީތި ހެދުމުގަ ސްކޫލަށް ދެވޭތީ. ބަލާ ދިޔައިރު ފާޑަކަށް ހުރީ."
ބެލެނިވެރިއެއް

ބެލެނިވެރިޔާ ކިޔައިދިން ގޮތުގައި ކަން މިހެން ވާން ދިމާވީ ކުލާހުގައި ތިބި އެހެން ކުދިންގެ ފަރާތުން ލިބުނު މަލާމާތާއި ބަދު ބަސްތަކުގެ ސަބަބުންނެވެ. ތީމާއި ގުޅޭގޮތަށް ހެދުން ނުލީ ކީއްވެތޯއާއި މަންމަ 'ޕްރިންސެސް' ހެދުން ނުގަނެދިނީތޯ ކުދިން ސުވާލުކުރި ކަމަށް ބުންޏެވެ. މިކަމުގެ ސަބަބުން މާޔޫސްވި ކަމަށާއި ކޮންމެ ބެލެނިވެރި އަކީ 500ރ ދިނުމަށް ފަހު އެފަދަ ކޮސްޓިއުމެއް ގަނެވޭނެ ފަދަ ފުދުންތެރިކަމެށް ހުންނާނެ ބެލެނިވެރިއެއް ނޫންކަމަށް އޭނާ ބުންޏެވެ.

ކުދިން ކޮސްޓިއުމް ނުލައްވާ ފޮނުވީމަ. އާދައިގެ ހެދުމެއްގައި ފޮނުވީމަ، ގެއަށް އައި އިރު އޭނާ ހުރީ ރޮވިފައި. މިއަދު ވަރަށް މަޖާހޭ ކީއްހޭ ކުރީ އަހާލީމަ ބުނީ، ކްލާސް ކުދިން ދިމާ ކުރީ އޭ. ކޯއްޗެއްހޯ ލައިގެން އައީ. ތީމާ ނުގުޅޭ ހެދުމެއް ލައިގެންނޯ ހުރީ ކިޔާފަ މަގޭ ދަރިއަށް ކުދިން ދިމާކުރީ. އޭނާ ރޯތީ ހިތަށް އެރި ސްކޫލަށް ނުފޮނުވުނު ނަމައޭ.
ބެލެނިވެރިއެއް

3 ނުވަތަ 4 ދަރިން ތިބޭ މީހުންނަށް މިފަދަ ދުވަހެއްގައި ކޮންމެ ކުއްޖަކަށް ކޮސްޓިއުމެއް ހޯދުމަކީ ބޮޑު ތަކުލީފަކަށް ވާނޭ ކަމެކެވެ. އާންމުކޮށް ސްކޫލްތަކުން ހޮވާ ތީމްއަކާ ގުޅޭ ހެދުމެއް ހޯދާ ނަމަ ކާޓުން ކެރެކްޓާސް ހެދުމެއް ގަންނަން ލިބޭނީ 500 ރުފިޔާ އާއި 1000 ރުފިޔާއާ ދެމެދުގެ އަގުތަކަކަށެވެ. އަދި ތަފާތު ރީތި ގޮތްގޮތަށް ހެދުމެއް ފަހައި ދެނީވެސް ބޮޑު އަގުގައެވެ.

މި އަހަރު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކާޓޫން ކެރެކްޓާސް ތީމަށް ޓީޗަރުންނާއި ކުދިން ހެދުން އަޅައިގެން

ކުދިންނަށް އުފާވެރިކަން ގެނެސްދިނުމަށް ފާހަގަ ކުރާ މިފަދަ ދުވަސްތަކުން ކުދިން ހިތުގައި ޖެހި ބަދު ބަސްތައް ރައްދުވާނަމަ އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް ކިޔެވުން މަތިން ފޫހިވެ ސުކޫލަށް ދާން ބޭނުން ނުވުމަކީވެސް ދިމާވެދާނެ ކަންކަމެވެ. މިއީ ވިސްނާލުން މުހިންމު ކަމެކެވެ.

ސުކޫލުގެ ގަޑި ތަކަށާއި މުބާރާތްތަކަށްވެސް ހަރަދުކުރަން ޖެހެނީ ބެލެނިވެރިން

ކޮންމެ ހަފުތާއަކު އެއްދުވަހު އޮންނަ ކްރިއޭޓިވް އާޓް ގަޑިއަށް ގެންދަން ޖެހޭ ސާމާނުގެ އަގު އެކަނިވެސް ބައެއް ދުވަސްދުވަހު މި ހުންނަނީ 100 ނޫނީ 200 ރުފިޔާއިން މަތީގަ. ކުލާހެއްގަ އެބައުޅޭ 30 ކުދިން. ގުރޭޑެއްގެ އެބައޮވޭ ހައެއްކަ ކުލާސް. މިހުރިހާ ކުދިންވެސް މި އެއްޗެހި ގެންދަން ޖެހޭނެތާ... ގާތްގަނޑަކަށް އެދުވަހު އެކަނި ގެންދަން ޖެހޭ އެއްޗެހީގެ އަގު ކުލާހަކަށް ބަލާއިރު ހައެއްކަ ހާސް ރުފިޔާއަށް އެބައަރާ. މިއީ ހުރިހާ ބެލެނިވެރިންނަށް އެފޯޑު ކުރެވޭނެ ކަންކަމެއް ނޫން.
ބެލެނިވެރިއެއް

މިއީ ސުކޫލްތަކަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުން ދާތީ އާއި މިކަމުގެ ސަބަބުން އެތައް ތަކުލީފެއް އުފުލަން ޖެހޭ ކަމަށް ބުނެ ބެލެނިވެރިޔަކު ދެއްކި ވާހަކަތަކެވެ.

މިފަދައިން އެތައް ބެލެނިވެރިއަކު ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މިފަދަ އެތައް ޝަކުވާއެއް ދަނީ ކުރަމުންނެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ބެލެނިވެރިންގެ ޝަކުވާއަކަށް ވެފައިވަނީ އެކި ކަންކަމަށް އަންނަ ޓީޗަރުން، ނޫނީ މެހެމާނުން އައުމުން އެ ހަރަކާތްތަކުގަ އުޅޭ ދަރިވަރުންނާއި އެހެން މީހުންނަށް ތިންއިރު ކެއުމާއި ހަވީރު ސައި ހަދަން މިޖެހެނީ ވެސް ބެލެނިވެރިންގެ އަމިއްލަ ހަރަދުގަައި ކަމުގައެވެ. އަދި ހަރަދު ނުކުރެވޭ ބެލެނިވެރިންގެ ދަރިން އެ ކަންކަމުގައި ގިނަ ފަހަރަށް ބައިވެރިވެސް ނުކުރުވާ ކަމަށް ވެއެވެ.

މީގެ އިތުރުން ހޭންޑްބޯލް، ފުޓްބޯޅަ، ބާސްކެޓް ފަދަ ކުޅިވަރުތަކަށް ވެސް ހުރިހާ ހަރަދެއް ކަހަލަ ގޮތަކަށް ކުރަން ޖެހެނީ ބެލެނިވެރިން ކަމަށާއި ޕްރެކްޓިހަށް ދަނޑު ނެތް ނަމަ ކުއްޔަށް ދަނޑު ނޫނީ ކޯޓު ހޯދުމާއި ކުދީންގެ އިންޓަވަލާއި ޖޯޒީ ސެޓާއި ފަސްޓް އެއިޑް އަދި ކޯޗުންގެ ހަރަދު ފަދަ ހުރިހާ ކަމެއްވެސް އޮންނަނީ ބެލެނެވެރިންނަށް ކަމަށް ބުނެއެވެ. އަދި އިތުރު ހަރަކާތްތަކުގައި ބައިވެރި ނުވާނަމަ ރިޕޯޓް ފޮތަށް "އެކްސެލެންޓް" ނާރާ ކަމަށާއި ރަނގަޅު ގްރޭޑެއް ބޭނުންނަމަ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުންވެސް އޮންނަނީ މަޖުބޫރުކަމަކަށް ވެފައި ކަމަށް އެފަރާތްތަކުން ބުނެއެވެ.

އިންޓަރ ސުކޫލު ފުޓުބޯޅަ މުބާރާތެއްގައި ޓީމެއްގެ ކުދިންތަކަކާއި މިނިސްޓަރ ސަލާމް ކުރައްވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލްތަކުގައި ފާހަގަ ކުރާ ހާއްސަ މުނާސަބަތުތަކާއި އެކި ހަރަކާތްތަކަށް ބެލެނިވެރިންގެ އަތުން ބޮޑެތި ހޭދަތައް ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލްތަކަށް ވަނީ އަންގައިފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވާ ސްކޫލްތަކުގެ އިސްވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި އޮތީ އެކި މުނާސަބަތުތަކަށް ބެލެނިވެރިންގެ އަތުން ހޭދަ ކުރަންޖެހޭ ގޮތަށް ސްކޫލްތަކުން ކަންކަން އިންތިޒާމް ކުރަމުން ދާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.

ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާތައް ބަދަލުކުރުމާއި އެކިއެކި ހަފުލާތައް ބޭއްވުމަށް ބޮޑެތި ހަރުދުތައް ނުކުރުމީ މިނިސްޓްރީގެ އިލްތިމާސެއް
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ( ސުކޫލުތަކަށް ފޮނުވި ސިޓީގެ ތެރެއިން)

މިކަމާ ގުޅޭ ގޮތުން ޕްރިންސިޕަލުން ބުނަނީ ކީކޭ؟

މިކަމާގުޅިގެން ބައެއް ޕްރިންސިޕަލުން ވިދާޅުވީ، ކްރިއޭޓިވް އާޓް ގަޑި ފަދަ ގަޑި ތަކަކީވެސް މުހިންމު ފިލާވަޅުތަކެއް ކުދިންނަށް ނަގައިދޭން ޖެހޭ ގަޑިތައް ކަމަށެވެ. އެހެންކަމުން އެ މާއްދާއަކަށް ނުވަތަ އެ ފިލާވަޅާކަށް ބޭނުންވާ ތަކެތި ކުދިން ހޯދުމަކީ އެކުދިންނަށް އޭގެން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ހަފުތާއަކު 100 ނުވަތަ 200 ރުފިޔާ މިކަމަށް ހަރަދު ނުވާނެ ކަމަށާއި މިއީ ވަރަށް މަދު އަދި ގޭތެރެއިން ލިބެން ހުންނަ އެއްޗެހި ބޭނުން ކޮށްގެން ގިނަ ފަހަރު ފިލާވަޅު ނަގައިދޭ މާއްދާއެއް ކަމަށެވެ.

އަޅުގަނޑަކަށް ހިޔެއް ނުވޭ އެންމެ ދުވަހަކަށްވެސް 100 ނުވަތަ 200 ރުފިޔާގެ ހަރަދު އެ މެޓީރިއަލް ހޯދަން ކުރަންޖެހޭނެ ކަމެއް. އެކަމަކު ބައެއް މެޓީރިއަލްސްތަކަކީ ގަންނަން ޖެހޭ އެއްޗެހި ނޫނެކޭ ނުއެއް ބުނާނަން. އެކަމަކު ކޮންމެ ހަފުތާއަކު މިވަރަކަށް ހަރަދުތަކެއް ނުދާނެ. ބައެއް ދުވަސްތައް ހަމައެކަނި ފެންކުލަ ޖައްސާ ދުވަސްތައްވެސް ދާނެ. ކުރަހައި ކުލަޖައްސާ ދުވަސްތައްވެސް ދާނެ.
އަމީނިއްޔާ ސުކޫލުގެ ޕްރިންސިޕަލް ނާޒްލީ ވާފިރު

އަތޮޅުތެރޭ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ދޭ ބަޖެޓުން މުޅި އަހަރު އެ ހުރިހާ ހަރަދެއް ނުކުރެވޭ ކަމަށެވެ. ބައެއް ފަހަރު ބެލެނިވެރިން އަމިއްލައަށް ބޭނުންވެގެން މިފަދަ ކަންކަމުގައި އިސްނަގައިގެން އަމިއްލައަށް ހަރަދުކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ދަރިންނަށް ހޯދައިދޭނީ އެންމެ ރަނގަޅު ތަކެތި ކަން ކަށަވަރެވެ. ބައެއް ބެލެނިވެރިންނަކީ ދަރިން ސުކޫލަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި ދަރަންޏަށްވެސް ރުފިޔާ ނަގައިން އުޅޭ މީހުންނެވެ. އެހެންކަމުން މިފަދަ ބޮޑެތި ތަކުލީފުތައް ބެލެނިވެރިންނަށް ޖެއްސުމުގެ ބަދަލުގުގައި މިކަމަށް އޮތް އެންމެ އެކަށޭނެ ހައްލަކާމެދު ވިސްނާ މިކަމަށް އަވަސް ހައްލެއް މިވަނީ ގެންނަން ޖެހިފައެވެ.