މެލޭޝިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ބަޓިކް އެއާ އިން ރާއްޖެ އަށް ދަތުރުތައް ފަށައިފިއެވެ. އަދި އަންނަ މަހުގެ ފަހުކޮޅު މެލޭޝިއާ އާއި ރާއްޖެ އާ ދެމެދު ސީދާ ދަތުރުތައް ފަށާނެއެވެ.
57 ފަސިންޖަރުންނާ އެކު ރޭ 8:30 ގައި ވެލާނާ އެއާޕޯޓުގައި ޖެއްސި ބަޓިކް އެއާގެ ފްލައިޓަށް މަރުހަބާ ކިޔާފައި ވަނީ ހާއްސަ ވޯޓާ ސެލިއުޓަކުންނެވެ.
ބަޓިކް އެއާގެ ދަތުރުތަކާ ބެހޭގޮތުން އެމްއޭސީއެލުން މީޑިއާތަކަށް ބުނީ:
- އެ އެއާލައިނާއި ރާއްޖެ އާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ ކަމަށް
- ދަތުރުތައް ކުރާނީ ރާއްޖޭން ލަންކާ އަށް، އެއަށް ފަހު މެލޭޝިއާ އަށް ކަމަށް
- މެލޭޝިއާ އާއި ރާއްޖެ އާ ދެމެދު ސީދާ ދަތުރުތައް ވެސް ބާއްވާނެ ކަމަށް
- ރާއްޖެ އަށް ދަތުރުކުރާނީ ބޯއިން 737 މަރުކާގެ 180 ފަސިންޖަރުންގެ ޖާގައިގެ ބޯޓަކުން ކަމަށް
އެމްއޭސީއެލުން ބުނި ގޮތުގައި، ބަޓިކް އެއާ އިން ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ސީދާ ދަތުރުތައް ފަށާނީ އަންނަ މަހުގެ ފަހުކޮޅުގައެވެ.
މަލިންޑޯ އެއާގެ ނަމުގައި މީގެ ކުރިން އޮޕަރޭޓްކުރަމުން އައި އެ އެއާލައިނުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅު ބަޓިކް އެއާ އަށް ނަން ބަދަލުކުރުމަށް ފަހު، ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް ހާއްސަ ޕްރޮމޯޝަނާ އެކު އެކި މަސައްކަތްތައް ފަށާފަައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތު ދެއެވެ.
27 ސެޕްޓެމްބަރު 2012 ގައި އޮޕަރޭޓްކުރަން ފެށި ބަޓިކް އެއާ އިން އޮސްޓްރޭލިއާ އާއި ޗައިނާ އާއި ސިންގަޕޫރުގެ އިތުރުން ތައިލޭންޑް ހިމެނޭހެން 45 މަންޒިލަކަށް ދަތުރުތައް ބާއްވައެވެ.
މި އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ފްލައިނަސް އާއި އެމެރިކާގެ ވާޖިން އެޓްލާންޓިކުން ވެލާނާ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.