އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ބުނީ އިސްރާއީލުން ވައިގެ ހަމަލާތައް ފެށި ފަހުން ފަލަސްތީނުގެ 31 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެ، މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ހަލާކުވެފައިވާ ކަމަށާއި އިސްރާއީލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ފޮރިން މިނިސްޓްރީއިން ބުނީ އިސްރާއީލު ސިފައިންގެ މި އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ ގެ ސަލާމަތީ މަޖިލީހާއި އދ ގެ އާންމު މަޖިލީހުގެ ކަމާ ގުޅޭ ގަރާރުތަކާއު ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި ސަރަހައްދުގެ ސުލްހަމަސަލަސްކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ ކަމަށެވެ.
ސަރުކާރާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއިއެކީ ތިބިކަން ހާމަކުރަމުން ދިވެހި ސަރުކާރުން ވަނީ ފަލަސްތީނުގެ ދައުލަތަށް މިނިވަންކަމާއި އިސްތިގުލާލު ހޯދުމަށް ކުރާ ޝަރުއީ އަދި އިންސާފުވެރި މަސައްކަތަށް ދިވެހި ސަރުކާރުން ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީއިން ބުނީ ފަލަސްތީނުގެ މަސައްކަތަށް ވަކާލާތު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައާ ގާތުން މަސައްކަތް ކުރުމަށް ދިވެހިން ސާބިތުވެގެން ތިބޭ ކަމަށެވެ.