އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ތިން މީހެއްގެ ޑީއެންއޭ ބޭނުންކޮށްގެން ތުއްތު ކުއްޖަކު އުފަންވެފައިވާ ކަމަށް ފާޓިލިޓީ ރެގިއުލޭޓަރުން ބުނެފިއެވެ.
އެ މީހުންގެ ޑީއެންއޭ ގިނަ ފަހަރަށް ލިބެނީ ދެ މައިންބަފައިންގެ ފަރާތުންނެވެ. އަދި ގާތްގަނޑަކަށް 0.1 ޕަސެންޓް ލިބެނީ ތިން ވަނަ، ޑޯނާ އަންހެނެއްގެ ފަރާތުންނެވެ. މިއީ ޓެކްނިކަކީ ނުރައްކާތެރި މައިޓޮކޮންޑްރިއަލް ބަލިތަކާއެކު ކުދިން އުފަންވިޔަ ނުދިނުމަށް ކުރެވޭ މަސައްކަތެކެވެ.
މައިޓޮކޮންޑްރިއަލް ބަލިތަކަކީ ފަރުވާއިން މުޅިން ރަނގަޅު ނުވާ ބަލިތަކެކެވެ. ކުއްޖާ އުފަންވާތާ ދުވަސްކޮޅެއް ނުވަތަ ގަޑިއިރެއްގެ ތެރޭގައި ވެސް މި ބަލިތަކުގެ ނުރައްކާ ކުރަން ފަށާފާނެއެވެ. ބައެއް އާއިލާތަކަށް މި ބަލިތަކުގައި އެތައް ދަރިންނެއް ގެއްލުނު އިރު، މި ޓެކްނިކަކީ އެފަދަ ހާލަތްތަކުގައި ދުޅަހެޔޮ ކުއްޖަކު ލިބުމަށް އޮތް ހަމައެކަނި ގޮތް ކަމަށް ބުނެއެވެ.
މައިޓޮކޮންޑްރިއާއަކީ ހަށިގަނޑުގެ ގާތްގަނޑަކަށް ކޮންމެ ސެލްއެއްގެ ތެރޭގައި ހުންނަ ކުދި ކުދި ކޮމްޕާޓްމަންޓްތަކެވެ. ކާ އެއްޗެހީގެ ސަބަބުން ގައިގައި ވަރުޖެހިގެން ދަނީ މި ކޮމްޕާޓްމަންޓްތަކުގެ ސަބަބުންނެވެ. ނަމަވެސް ޑިފެކްޓިވް މައިޓޮކޮންޑްރިއާއަކީ ހަށިގަނޑުގައި ވަރު ޖެހުން ފެއިލްވެ ސިކުނޑިއަށް ގެއްލުންދިނުމާއި ހިތް ހުއްޓުން އަދި ލޯކަނުވުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެކެވެ.
އެ އެއްޗެހި ކުއްޖާއަށް ލިބިގެން ދަނީ ހަމަ އެކަނި މަންމަގެ ފަރާތުންނެވެ. އެހެންކަމުން މައިޓޮކޮންޑްރިއަލް ޑޮނޭޝަން ޓްރީޓްމަންޓަކީ އައިވީއެފްގެ މޮޑިފައިޑް ވައްތަރެކެވެ. މި ޓްރީޓްމަންޓްގައި މައިޓޮކޮންޑްރިއާ ބޭނުންކުރާނީ ސިއްހަތު ރަނގަޅު ޑޯނާ ބިހަކުންނެވެ.
މައިޓޮކޮންޑްރިއާގެ އަމިއްލަ ޖެނެޓިކް މައުލޫމާތު ނުވަތަ ޑީއެންއޭ ހުރުމުގެ މާނައަކީ ނަތީޖާއެއްގެ ގޮތުން އުފަންވާ ކުދިންނަށް މައިންބަފައިންގެ ފަރާތުން ޑީއެންއޭ އަދި ޑޯނަރުގެ ފަރާތުން ވެސް ކުޑަ މިންވަރެއް ވާރުތަވާ ކަމެވެ. މިއީ ޖީލުތަކުގެ މެދުގައި އަންނާނެ ދާއިމީ ބަދަލެކެވެ.
މި ޑޯނާ ޑީއެންއޭ އަކީ ހަމައެކަނި ހަރުދަނާ މައިޓޮކޮންޑްރިއާ އުފެއްދުމަށް ބޭނުންވާ ޑީއެންއޭއެކެވެ. އޭގެ ސަބަބުން އެހެން ކަންތައްތަކަށް، މިސާލަކަށް ސިފައަށް އަސަރުކޮށް ނުވަތަ 'ތިންވަނަ ބެލެނިވެރިއަކަށް' ޑޯނާ ވެގެނެއް ނުދާނެއެވެ.
މި ޓެކްނިކްގެ ތަހުލީލުތައް އެންމެ ފުރަތަމަ ކުރީ ނިއުކާސަލްގައެވެ. އަދި މި ޓެކްނިކް ބޭނުންކޮށްގެން ދަރިން އުފެއްދުމުގެ ހުއްދަ އިނގިގިރޭސިވިލާތުގައި ދިނީ 2015 ވަނަ އަހަރުއެވެ.
ހިއުމަން ފާޓިލައިޒޭޝަން އެންޑް އެމްބްރިއޯލޮޖީ އޮތޯރިޓީ (އެޗްއެފްއީއޭ) އިން ބުނަނީ 20 އޭޕްރީލް 2023 ގެ ނިޔަލަށް އުފަންވެފައި ވަނީ ފަސް ކުދިންނަށް ވުރެ މަދު އަދަދެއް ކަމަށެވެ. އާއިލާތަކުގެ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި ތަފްސީލީ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައުލޫމާތުވެސް ފެންމަތިވެފައި ވަނީ ގާޑިއަން ނޫހުން، މައުލޫމާތޯ ހޯދައި ލިބިގަތުމުގެ މިނިވަންކަމުގެ ދަށުން އެދުނު އެދުމަކާ ގުޅިގެންނެވެ.
ނިއުކާސަލްގައި ތިބި ޓީމުތަކުގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ މި ޓެކްނިކް ކާމިޔާބުވި ކަމެއް އަދިވެސް ނޭނގެއެވެ.
ފްރާންސިސް ކްރިކް ރިސާޗް އިންސްޓިޓިއުޓްގެ ޕްރޮފެސަރު ރޮބިން ލޮވެލް-ބެޖް ވަނީ މައިޓޮކޮންޑްރިއަލް ރިޕްލޭސްމަންޓް ތެރަޕީ ޓެކްނިކް އަމަލީ ފެންވަރެއްގައި މަސައްކަތް ކުރީ ކިހާ ވަރަކަށްތޯ އާއި ތުއްތު ކުދިންނަކީ މައިޓޮކޮންޑްރިއަލް ބަލިތަކުން ސަލާމަތްވެފައިވާ ކުދިންތޯ އާއި ހަޔާތުގައި ފަހުން އެކުދިންނަށް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ކޮންމެ ޑިފެކްޓިވް މައިޓޮކޮންޑްރިއާއެއް ވެސް އަދަދުއިތުރުވެ، އަދިވެސް ބަލިޖެހުމުގެ ފުރުސަތު އެބައޮތެވެ. އިނގިރޭސިވިލާތުގައި މުސްތަގުބަލުގައި ކޮންމެ އަހަރަކު ވެސް މިފަދަ 150 އެއްހާ ކުދިން އުފަންވެދާނެ ކަމަށް މީގެ ކުރިން އަންދާޒާކޮށްފައިވެއެވެ.