އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ' އަށް މީހަކު އޭނާގެ ހަތަރު އަނބިން ގޮވައިގެން ދިއުމަށް މުޅި ޝޯ ގަނެލައިފިއެވެ.

ހަތަރު އަނބިން ގޮވައިގެން ފިލްމު ބެލުމަށް 50،000 ރުފިޔާއަށް އަންގާރަ ދުވަހުގެ ރޭގެ މުޅި ޝޯ އޭނާ ގަނެލި ނަމަވެސް ހަތަރު އަނބިންގެ ތެރެއިން ދައުވަތު ގަބޫލުކޮށް އޭނާއާ އެކު ފިލްމަށް ދިޔައީ އޭގެ ތެރެއިން ދެ އަނބިން ކަމަށް މައުލޫމާތު ލިބެއެވެ.

އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި އެ ފިލްމު ބަލަން ސިނަމާ ހޯލަށް ވަދެ ތިބީ މި ތިން މީހުން އެކަންޏެވެ. މިއީ ދިވެހި ސިނަމާގެ ތާރީހުގައި ވެސް މުޅިން އަލަށް ހިނގި ކަމެކެވެ.

"ލޯބިވެވިއްޖެ" ފިލްމުގެ ޕްރޮޑިއުސްކޮށް އަލީ ސީޒަން ބުނީ، ހައުސްފުލް ޝޯއެއް ވިއްކައިގެން 62،000 ރުފިޔާ ލިބޭ ކަމަށާއި ނަމަވެސް ޕްރައިވެޓް ޝޯއެއް 50،000 ރުފިޔާއަށް ގަނެލެވޭނެ ކަމަށެވެ.

ގާތްގަނޑަކަށް 800،000 ރުފިޔާ ހަރަދުވި 'ލޯބިވެވިއްޖެ'ގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަނީ 150 ރުފިޔާ އަށެވެ. މިހާރު މި ފިލްމުގެ ޝޯތައް އެކި ރަށްތަކުގައި ދެއްކުމުގެ ތައްޔާރީތައް މިހާރު ވެސް އަންނަނީ ކުރިއަށެވެ. މި ފިލްމުގައި ސީޒަން، މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ)ގެ އިތުރުން އަހުމަދު އީސަ އަދި އައިމިނަތު ރިޝްފާ ފެނިގެންދެއެވެ.