ހިއްކަން އުޅޭ ހުޅުމާލޭ ފަޅުގެ އިހްތިސޯސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އާބަންކޯއިން ސަރުކާރާއެކު ކުރަމުންދާ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ ބިމަށް ބިން އިތުރު ކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަން ފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ކަމަށާއި ނަމަވެސް، އެކަން ކުރަން ވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
މިގޮތުން ހިއްކަން އުޅޭކަމަށް ބުނާ ސަރަހައްދަކީ، އާބަންކޯއަށް ހަދައިދީފައިވާ ރެޖިސްޓްރީގައި ނުހިމެނޭ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަކީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މި މަޝްރޫއަކީ، ހުޅުމާލެ މާސްޓާޕްލޭނާ ހިލާފު ކަމެއް ކަމަށާއި ޕްލޭން ކުރުމެއްނެތި ކުރާ މިފަދަ ބޮޑުކަމެއް ކުރަންވާނީ އެކަމާ ގުޅިގެން މާސްޓާޕްލޭނަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށެވެ.
މުއިއްޒު ވަނީ، މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ އަދި އާބަންކޯ ގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް، ގާނޫނާ ހިލާފަށް، ހުޅުމާލޭގެ މާސްޓާޕްލޭނާ ވެސް ހިލާފަށް، ކައުންސިލްގެ މަޝްވަރާއެއް ނެތި، އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހޯދުމަކާ ނުލާ، ކުރަން އުޅޭ އުޅުން އިސްލާހު ކޮށް، ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތީން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެގޮތަށް ކުރިޔަށް ގެންދާނަމަ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތައް ކުރި ނަމަވެސް، އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްކަން ހުށަހަޅަނީ ހުޅުމާލޭ ދެ ފޭސް ގުޅުވާލާ ބްރިޖްތައް ހިމެނޭ ޓަނަލްގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން، އުތުރަށް އޮތް މުޅި ފަޅެވެ. ގާތްގަނޑަކަށް 17 ހެކްޓަރުގެ އެ ސަރަހައްދު ހިއްކަން މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
އެސަރަހައްދު ހިއްކާއިރު ކުރިން ރިސޯޓެއްގެ ގޮތުގައި އޮތް އަދި މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެެއްގެ ގޮތުގައި އޮތް ފަރުކޮޅުފުށި ވެސް އެކީއެކަށް ހިކިގެން ދާނެއެވެ.
ހުޅުމާލެ އިން ހިއްކަން މަޝްވަރާ ކުރާ ސަރަހައްދަކީ ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫޒް ޓާމިނަލެއް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި މާސްޓާ ޕްލޭންގައި ހިމެނި ސަރަހައްދެކެވެ. އަދި އެ މަސައްކަތަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް މީގެ ކުރިން އާބަންކޯ އިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އަދި ދެވަނަ ފިހަވަހިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް މި ސަރުކާރުން ވަނީ ނިންމާ އިއުލާން ވެސް ކޮށްފައެވެ.
ތިޔައީ ކައުންސިލް ތަނެއްނަމަ މިހާރު ހުންނާނީ ވިއްކާ ނިންމާ، ފައިސާކޮޅު ޖީބަށް ޖަހާލާފައެވެ. އަހަރުންނަށް މުއިއްޒު ބަރާބަރަށް އެގެއެވެ.