ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މޭ 23، 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

މި ގޮތުން އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަދެނީ ހިއްސާދާރުންގެ ޖިނާއީ މައްސަލައެއް ނެތް ސައްތައިން ސައްތަ ދިވެހީންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި އުމްރާއަށް މީހުން ގެންދިއުމަށް އެދޭއިރު ކޮންމެ ކުންފުންޏަކުން ވެސް ކުންފުނީގެ މައުލޫމާތާ، އުމްރާއަށް މީހުން ގެންދިއުމަށް އެދޭ އަދަދު ޕްރޮޕޯސަލްގައި ހިމަނަންޖެހެއެވެ.

މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްފެންވަރުގެ އޮފީހެއް މާލޭގައި ހުންނަންޖެހެއެވެ. އުމްރާއަށް މީހުން ގެންދަން ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަށެވެ.

ރާއްޖޭން މީހުން އުމްރާއަށް ގެންދިއުމުގެ ހުއްދަ 43 ކުންފުންޏަކަށް ދީފައިވާއިރު އޭގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހުގެ ނިޔަލަށް ހަމަވާނެކަމަށް އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ.