ދިވެހި ރާއްޖޭގައި ކުޑަކުދިންގެ އާބާދީއަކީ 121،634 ކަމަށާއި އެއީ މުޅި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 ޕަސެންޓް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.
އެމްބީއެސް އިން ކުޑަކުދިންގެ ދުވަހާ ގުޅިގެން ނެރުނު ތަފާސްހިސާބު ތަކުން ދައްކާގޮތުގައި 2022ގެ ބޯހިމެމުމުން ރާއްޖޭގައި 121،634 ކުޑަކުދިން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 62،541 ފިރިހެން ކުދިންނާއި 59،093 އަންހެން ކުދިންނެވެ. ރައްޖޭގެ ކުޑަކުދިންގެ އާބާދީގެ ގޮތުގައި ބަލަނީ 0 އަހަރާއި 17 އަހަރާ ދެމެދުގެ އާބާދީ އަށް ކަމަށް އެމްބީއެސް އިން ބުނެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންގެ އާބާދީގެ ތެރެއިން އެންމެ ގިނައީ އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނެވެ. އެ އުމުރު ފުރައިގެ ކުދިންގެ އަދަދު 20،000 އަށް ގާތްކުރާއިރު އެންމެ މަދީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އެ އުމުރު ފުރައިގެ ކުދިންގެ އާބާދީ 10،000 އަށް ވެސް ނާރައެވެ.
އެމްބީއެސް އިން ބުނާގޮތުގައި 2022 ވަނަ އަހަރު ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ކޮންމެ 100 މީހަކަށް 38 ކުދިން ބަރޯސާ ވެއެވެ.
2021 އަހަރު ކުޑަކުދިން އުފަންވާ އަދި މަރުވާ ރޭޓު:
- އުފަންވާ ރޭޓް: 10 (އާބާދީގެ ކޮންމެ 1000 މީހަކަށް ޖެހޭ)
- ޅަފަތުގައި (0-27 ދުވަސް) ކުޑަކުދިން މަރުވާ ރޭޓް: 6 (އުފަންވިއިރު ދިރިހުރި ކޮންމެ 1000 ކުއްޖަކަށް ނިސްބަތްކޮށް)
- 1 އަހަރުން ދަށުގެކުދިން މަރުވާ ރޭޓް: 10 (އުފަންވިއިރު ދިރިހުރި ކޮންމެ ކުއްޖަކަށް ނިސްބަތްކޮށް)
- 5 އަހަރުން ދަށުގެ ކުދިން މަރުވާ ރޭޓް: 11 (އުފަންވިއިރު ދިރިހުރި ކޮންމެ 1000 ކުއްޖަކަށް ނިސްބަތްކޮށް)
ސްކޫލުތަކުގައި އެކި ގްރޭޑްގައި ކިޔަވާ ކުދިންގެ އަދަދު 2022/2023 އަށް ބަލާއިރު، އެންމެ ގިނަ ކުދިން ކިޔަވަމުން ގެންދަނީ ގްރޭޑް އެކެއްގައެވެ. އެގޮތުން އެކެއްގައި ކިޔަވާ ދަރިވަރުންގެ އަދަދު 4500 އަށް ގާތްކުރެއެވެ. އެންމެ މަދީ ބޭބީ ނާސަރީ އާއި ގްރޭޑް 12 ގައެވެ.