ދޮންދަރިއަކާއެކު ޖިންސީ އަމަލު ހިންގި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ދައުވާ ކޮށްފައިވަނީ ވ.ތިނަދޫ، ބުލްބުލާގެ، ހަސަން އީސާ އަށެވެ. އޭނާއަށް ކޮށްފައި ވަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ އާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ބުނީ، 2018 ޑިސެންބަރު މަހުން ފެށިގެން އެކި ދުވަސްމަތިން، އޭނާގެ ދޮންދަރި އަކަށް އޭނާ ދިރިއުޅޭ ގޭގެ، އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި އެކުއްޖާގެ މޭމަތީގައާއި، ކުރިމަތި ފަރާތުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ހަސަން އީސާ، އޭނާއަށް ކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރި ނަމަވެސް ދައުލަތުގެ ފަރާތުން ހަސަން އީސާގެ މައްޗަށް ކޮށްފައިވާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އެންމެހާ ރުކުންތައް ސާބިތުކޮށްދީފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އެހެން ކަމުން މި ދައުވާއަކީ އޭނާގެ މައްޗަށް ސާބިތުވާ ދަޢުވާއެއްކަމަށް ކަނޑައަޅައި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.