މެދު ރާއްޖެތެރޭ ރަށެއްގައި ދޮންދަރިއަކަށް ޖިންސީ އަމަލު ހިންގާ މަންޒަރު ދެއްކި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ، އަލީ ނަދީމް ބެއްލެވި މި މައްސަލައިގައި ބުނެފައި ވަނީ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޭނާގެ ދޮންދަރިއަށް ޔޫޓިއުބް މެދުވެރިކޮށް ބަދުއަހުލާގީ މަންޒަރު ދައްކުވާދޭ ވީޑިއޯ ދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލައަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށެވެ.

އަދި އެ ހުކުމް ސާބިތު ކުރުމަށް ޝަރީއަތަށް ބޭނުންވާ އެކަށީގެންވާ ހެކި ލިބިފައި ނުވާ ކަަމަށާއި އެހެންކަމުން އެ ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ތަފާތު މައްސަލަތައް ފެންމަތި ވަމުން އަންނަ އިރު ކުށް ކުރާ މީހުންނަށް ކަނޑައެޅިފައިވާ އަދަބު ނުލިބި މުޖްތަމައު ތެރެއަށް ދޫވެފައި ތިބުމަކީ މިފަދަ ނުރައްކާތެރި ކުށްތަށް ތަކުރާރު ވަމުން އަންނަ އަސްލެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ އުތުރު ސަރަހައްދުގެ ރަށެއްގައި ތަކުރާރުކޮށް އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ ފުލުހުން ބަލަން ފަށާފައެވެ.

މީގެ އިތުރުންވެސް ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ގުރުއާން ޓީޗަރަކު ވަނީ މި މަހު ތެރޭގައި ހައްޔަރު ކޮށްފައެވެ.