ވަގު ޑޮލަރު ނޫޓުތަކުން މުއާމަލާތު ކުރި ކަމަށް ކުށް ސާބިތުވި މީހަކު 40 ހާހެއްހާ ރުފިޔާ އިން ޖޫރިމަނާ ކޮށް، ކޮމިއުނިޓީ ސާވިސްގެ ގޮތުގައި 480 ގަޑިއިރު ވަންދެން މުޖުތަމައަށް ހިދުމަތް ކޮށްދިނުމަށް ހުކުމް ކޮށްފިއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު، އަބްދުﷲ ނަޝީލް ނަމަކަށް ކިޔާ މީހަކު ވަނީ އައިބޭ އާއި ފޭސްބުކުން ފޯނު ވިއްކާ މީހެއްގެ އަތުން "އައިފޯން 14 ޕްރޯ މެކްސް" އެއް ގަތުމަށް ފޯނުން ގުޅައި މުއާމަލާތު ކޮށް، ފޯނުގެ އަގު ކަމަށް އެއްބަސްވެފައިވާ 1،500 އެމެރިކާ ޑޮލަރަށްވާ 100 ޑޮލަރުގެ 15 ނޫޓު، ވިއްކާ މީހާ އަށް ދީފައެވެ.
ނަމަވެސް، ނަޝީލް ދީފައި ވަނީ 100 ޑޮލަރުގެ ވަގު ނޫޓުތަކެއް ކަން ހުކުމްގައި ބަޔާންކޮށްފައި ވެއެވެ. އެހެންވެ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިން ކަމުގެ ކުށުގެ ދައުވާއެވެ.
ގާޒީ ސަފްވަތު ހަބީބު ކުރެއްވި ހުކުމްގެ ބަޔާނުގައިވާ ގޮތުން، އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ނަޝީލް ވަނީ، ދައުލަތުން ކުރި ދައުވާތަކަށް އިއުތިރާފްވެ، އެކަން ކުރި ގޮތް ކިޔައިދީފައެވެ. އޭނާ އިއުތިރާފްވެފައި ވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށް އެ ހުކުމްގައި ވެއެވެ.
އެހެންކަމުން، އެ މައްސަލައިގެ ޝަރީއަތް ނިންމާފައި ވަނީ އަވަސް ނިޔާއިންނެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމްކުރީ ނަޝީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ނަޝީލް ކުރި ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި 12 ދުވަހުގެ ޖަލު ހުކުމަކަށްވީ ނަމަވެސް، ކުށަށް އިއުތިރާފްވުމުން އޭނާ އަށް ކުރި ޖަލު ހުކުމް ވަނީ އެއް އަހަރާއި 12 ދުވަހަށް ކުޑަކޮށްފައެވެ. އެކަމަކު 30 ދުވަސް ވަންދެން ނަޝީލް ބަންދުގައި ހުރުމުން، ބަންދުގައި ހުރި ދުވަސްތައް އުނިކޮށް، ނުވަ މަހާއި 12 ދުވަހަށް އޭނާގެ ޖަލު ހުކުމް ކުޑަކުރިއެވެ.
މިވަގުތު ވަޒީފާއެއް އަދާކުރަމުންދާ ނަޝީލް އެދުނީ، އޭނާގެ އަދަބު ލުއިކޮށްދިނުމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ، އޭނާ އަށް ވަޒީފާ އެއް ލިބިފައި ވުމެވެ. އެހެންވެ، ގާޒީ ސޮފްވަތު ހުކުމްކުރެއްވީ:
- ނުވަ މަހާއި 12 ދުވަހުގެ ޖަލު ހުކުމްގެ ތެރެއިން ހަ މަހާއި 12 ދުވަހުގެ މުއްދަތު 38،400 ރުފިޔާގެ ޖޫރިމަނާ އަދަބަކަށް ބަދަލުކުރުމަށް
- އެ ފައިސާ މިއަދުން ފެށިގެން ހަ މަހުގެ ތެރޭ މީރާ އަށް ދެއްކުމަށް
- ބާކީ ތިން މަސް ދުވަހަށް ޖަލަށް ލުމުގެ އަދަބު 480 ގަޑިއިރު ވަންދެން މުޖުތަމައަށް ހިދުމަތްކޮށްދިނުމަށް
ރާއްޖޭގައި ވަގު ޑޮލަރު ދައުރުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވި ނަމަވެސް ގިނަ މުއާމަތާތްތަކުގައި ބޭނުން ކުރަނީ ސައްކަ ފައިސާކަން ފާހަގަ ކުރެވެއެވެ.