ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތުންގެ ހައްގުތަށް ނަގަހައްޓާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމް ރޭ ދެއްވައިފިއެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ގައުމުގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ބަންގްލަދޭޝް އަބަދު ވެސް ރާއްޖެ އަށް އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާ ކަމަށެވެ.

އެގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އަބަދު ވެސް ދެމިއޮންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖޭގެ އިޖުތިމާއީ ތަރައްގީ އާއި އިގްތިސޯދީ ތަރައްގީގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، 1978 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ގުޅުން ގާއިމްކުރުމުގެ ކުރިން ވެސް، ރާއްޖެ އާއި ބަންގްލަދޭޝްގެ އާދަކާދަ އާއި ސަގާފަތާއި ވިޔަފާރި ފަދަ ކަންކަމުގައި އެއްގޮތް ކަންކަން ހިއްސާ ކުރެއެވެ.

އޭގެ އިތުރުން، ނައިބު ރައީސް ވަނީ އެ،މަނިކުފާނުގެ ވާހަކަފުޅުގައި ބަންގްލަދޭޝްގެ ތާރީހަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެގޮތުން:

  • ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ، ބަންގަބަންދު ޝައިޚް މުޖީބުއްރަހްމާން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރެއްވި
  • 1971 ވަނަ އަހަރު ބަންގްލަދޭޝް އުފެދުނީ ބަންގަބަންދުގެ ލާމަސީލު މަސައްކަތްޕުޅުންކަން ފާހަގަކުރެއްވި
  • 7 މާޗް، 1971 ގައި ބަންގަބަންދު ދެއްކެވި ވާހަކަފުޅަކަށް އަލިއަޅުވާލައްވައި ނައިބު ރައީސް ވާހަކަފުޅު ދައްކަވާފައިވޭ

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ގިނައީ ބަންގްލަދޭޝްގެ ރައްޔިތުން ކަން ފާހަގަކުރެވެއެވެ.

ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 22 ސެޕްޓެމްބަރު، 1978 ގައެވެ.