އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓާ ފިލި ޝަހުބާން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ޝަހުބާން ފެނިފައިވަނީ އއ. ރަސްދުއާ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި އަނެއްކާވެސް ފުލުހުންގެ ހައްޔަރަށް އޭނާ ގެންގޮސްފައި ވާ ކަމަށް ބުނެއެވެ.

އއ. ހިމަންދޫއަށް ނިސްބަތްވާ ޝަހުބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ހުރި މީހެކެވެ. އޭނާ ފިލާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެއެވެ.

އޭނާ ފިލާފައި ވަނީ ގޮޅިން އިއްޔެ ނެރެފައި ހުއްޓާ ފާރު މަތިން ފުންމާލައިގެން ކަމަށް މީގެ ކުރިން ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. "ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކުރަމަތި ރިސޯޓު ފަޅު ތެރޭގައި އަޅާފައިވާ ބޮއެއްގައި ހިފަހައްޓައިގެން އޮށްވައެވެ.

ޝަހުބާން ހޯދުމަށް އާންމުންގެ އެހީތެރި ކަމަށް އެދި ފުލުހުން ވަނަވަރު އާންމު ކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޝަހުބާން ފިލި މައްސަލައާ ގުޅުވައި، ސޯޝަލް މީޑިއާގައި ދައުރު ވަމުންދިޔަ ޕޯސްޓެއްގައިވާ ގޮތުން، އޭނާ ވަނީ ރަސްދޫ ފުލުހުންގެ ސްޓޭޝަންގެ ތަނެއް ފަޅާލައި، ބައެއް ތަކެތި ވަގަށްވެސް ގެންގޮސްފައެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.