އެމެރިކާއިން އިޒްރޭލަށް ދޭ އެހީ ހުއްޓުވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ޑިމޮކްރެޓިކް ކޮންގްރެސްވުމަން ބެޓީ މެކްކޮލަމް ހުށަހެޅި ބިލުގައި ވަނީ ފަލަސްތީނުގެ ކުޑަކުދިން ހިފަހައްޓާ ބަންދުގައި ބޭތިއްބުން ފަދަ ލާއިންސާނީ އަމަލުތައް އިޒްރޭލުން ހިންގާ އިރު އެގައުމުގެ އަސްކަރީ ހަރަކާތްތަކަށް އެމެރިކާގެ އެހީ ދިނުން މަނާކުރުމަށް ހުށަހަޅާފައެވެ.

މެކްކޮލަމް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކަށް އަރައިގަތުމަށާއި އާއިލާތަކުގެ ގެދޮރު ތަޅާލުމަށާއި ފަލަސްތީނުގެ ބިންތައް ދާއިމީކޮށް ހިފުމަށް އެމެރިކާގެ އެހީގެ 1 ޑޮލަރުވެސް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

"އެމެރިކާއިން ކޮންމެ އަހަރަކު ވެސް އިޒްރޭލުގެ ސަރުކާރަށް އެތައް ބިލިއަން އެހީއެއް ދޭ - އަދި އެ ޑޮލަރުތައް ދޭން ޖެހޭނީ އިޒްރޭލުގެ ސަލާމަތަށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި ގެއްލުމެއް ލިބޭ ފަދަ އަމަލަކަށް ނޫން."
މެކްކޮލަމް

މިފަދަ ބިލެއް ހުސަހެޅި ނަމަވެސް ކޮންގްރެސްގައި ފާސްކުރުމުގެ ފުރުސަތު ކުޑައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބޮޑެތި ޖަމާއަތްތަކުން ބުނާ ގޮތުގައި ނަސްލީ ތަފާތުކުރުން ގެންގުޅޭ އިޒްރޭލަށް އަހަރަކު މަދުވެގެން 3.8 ބިލިއަން ޑޮލަރުގެ އެހީ އެެމެރިކާއިން ދެއެވެ.

ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ސިޔާސަތާ މެދު ބަހުސްތަކެއް އުފެދި، ޝަރުތެއް ނެތި އިޒްރޭލަށް ދޭ އެހީއާ މެދު މިހާރު ސުވާލު އުފެއްދޭނެ ކަމަށެވެ. އާންމުންގެ ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން، ހާއްސަކޮށް ޑިމޮކްރެޓުން ފަލަސްތީނަށް ހަމްދަރުދީވެ، އިމެއްނެތި އިޒްރޭލަށް އެހީވުމަށް ދެކޮޅުހަދައެވެ.

މެކްކޮލަމްގެ ބިލަކީ ވާޖީނިއާގެ ރެޕްރެޒެންޓޭޓިވް ޑޮން ބެޔާ ހިމެނޭ ގޮތަށް 16 ޑިމޮކްރެޓުން ކޯ-ސްޕޮންސާ ކޮށްފައިވާ ބިލެކެވެ.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ ގެތައް ގާނޫނާ ހިލާފަށް ތަޅާލުމާއި ފަލަސްތީނުގެ އާންމުން ގަދަކަމުން ގެއިން ނެރުން ފަދަ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ބޮޑެތި ކިތަންމެ ކަމެއް ކުރެއެވެ.

އަދި ކޮންމެ އަހަރަކު ވެސް އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ފަލަސްތީނުގެ 500 އާއި 700 އެއްހާ ކުޑަކުދިން އިޒްރޭލުން ހިފަހައްޓައި އަސްކަރީ ކޯޓުތަކުގައި ދައުވާ ކުރެއެވެ.

މެކްކޮލަމް އެންމެ ފުރަތަމަ މި ބިލު ހުށަހެޅުއްވީ 2017 ވަނަ އަހަރުއެވެ. އެއްފަހަރުވެސް ފާސްވެފައި ނުވާ މި ބިލް ބައެއް ބަދަލުތަކާއެކު އޭގެ ފަހުން ކޮންމެ ދެ އަހަރަކުން ކޮންގްރެސްއަށް އަލުން ހުށަހަޅައެވެ.

މިދިޔަ މަހު ސެނެޓަރު ބާނީ ސޭންޑާސް އާއި މެކްކޮލަމް ހިމެނޭ ގޮތަށް ކޯ ސްޕޮންސަރުންގެ ތެރެއިން 14 މެމްބަރަކު ވަނީ، އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަމަލުތައް ބެލުމަށް ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖޯ ބައިޑަން އަށް ގޮވާލައި ސިޓީއެއް ވެސް ނެރެފައެވެ. އެ ސިޓީގައި ވަނީ "އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ފަންޑުން ގަވައިދާ ހިލާފަށް ފަލަސްތީނުގެ ބިންތަކުގައި ހިންގާ މަޝްރޫއު ތަކަށް އެއްބާރުލުން ނުދިނުމަށް" ގޮވާލާފައެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ބައިޑަން ވަނީ އިޒްރޭލަށް ދޭ އެހީ ދިނުމުގައި ޝަރުތުތަކެއް ކަނޑައެޅުމަކީ ވަރަށް އާދަޔާ ހިލާފު ވިސްނުމެއް ކަމަށް ވިދާޅުވެފައެވެ.