ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދަވާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނީ، އިއްޔެގެ ވަގުތެއްގައި ސީރިއަސް ބައްޔަކާ ގުޅިގެން އަދީބު ހާއްސަ ޑޮކްޓަރެއްގެ ފަރުވާ ހޯއްދަވާފައި ކަމަށެވެ. ‏އަދި 2015 އިން 2018 އަށް ބޭސްފަރުވާއިން މަހްރޫމުކޮށް އައިސޮލޭޝަން ޖަލެއްގައި 24 ގަޑިއިރު ތަޅުލައިގެން ދިން އަނިޔާގައި ސިއްހީ އެތައްކަމެއް އަދީބަށް ދިމާވެފައިވާ ކަމަށް ވެސް އެމްޓީޑީން ވަނީ ބުނެފައެވެ.

ނަމަވެސް އެ ސީރިއަސް ބަލީގެ ތަފްސީލެއް އެ ޕާޓީން ދީފައެއް ނުވެއެވެ.

ރާއްޖޭގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށް ވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރިއެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސް އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އަދީބު މިހާރު ހުންނެވީ ގޭ ބަންޑުގައެވެ.

އަދީބު ވަނީ ދައުވާ އަށް އެއްބަސްވުމުގެ އިތުރުން އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން، ކުރެވުނު ކުށްތަކަށް ތައުބާވެވަޑައިގެންފައި ވާ ކަމަށް ވެސް ވިދާޅުވެފައެވެ.