ރޯގާ ޖެހުންފަދަ ވައިރަލް އިންފެކްޝަންތަކުގައި ނޭވާލުމަށް އުނދަގޫވެ ފުރާނައަށް ނުރައްކާވާ ވައިރަސް އަކަށް ދޭނެ ވެކްސިނަކަށް އެމެރިކާގައި ހުއްދަ ދީފިއެވެ. މިއީ މިބާވަތުގެ ވެކްސިނެއް ދުނިޔޭގައި އުފައްދާ ހުއްދަ ދިން ފުރަތަމަ ފަހަރު ކަމުން މި ވެކްސިނާ އެކު ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ވެކްސިން އުފެއްދި ފަރާތްތަކުން އުމްދީދު ކުރެއެވެ.
އަރެކްސްވީ ގެ ނަމުން ނަން ދީފައިވާ ވެކްސިނަކީ، ރެސްޕިރޭޓަރީ ސިންޑްރޯމް ވައިރަސް (އާރުއެސްވީ) އަށް ހާއްސަކޮށް އުފެއްދި ވެކްސިނެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރަކު 100-300 ކުޑަކުދިން މި ބަލީގައި އެމެރިކާގައި މަރުވެއެވެ. އަދި 6000-10000 އާ ދެމެދުގެ އުމުރުން 65 އަހަރުން މަތީގެ މީހުން މަރުވެއެވެ. މީގެ އިތުރުން އަހަރެއްގެ މައްޗަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 120،000 އަށް އަރާ ކަމަށް ބުނެއެވެ.
ބޭސް އުފައްދާ ކުންފުނި ގީއެސްކޭގެ އުފެއްދުމެއް ކަމަށް ވާ މި ވެކްސިނަށް އެމެރިކާގެ އެފްޑީއޭއިން ހުއްދަ ދީފައި ވީ ނަމަވެސް އާންމުކޮށް ބޭނުން ކުރަން ހުއްދަ ދޭނީ އެެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އިން ހުއްދަ ލިބުމުންނެވެ. އެއާއެކު އެންމެ ފުރަތަމަ ހުއްދަ ދޭނީ އުމުރުން 60 އަހަރުންގެ މަތީ މީހުން ބޭނުން ކުރަން ކަމަށް ވެސް ބުނެއެވެ.
އާރުއެސްވީ ނުވަތަ ރޯގަގެ ސަބަބުން ޖެހޭ މި ބަލީގައި ފުއްޕާމޭގައި އަރިދަފުސް ހިފާ، ދުޅަވެ ނޭވާލާން އުނދަގޫވެއެވެ. އާންމުކޮށް ތުއްތު ކުދިންނާއި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ތަފާތު އެހެން ބައްޔެއްގެ ސަބަބުން އުނދަގުލާ ދިމާވަ މީހުން ގިނައެވެ.
މި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރާތާ 60 އަހަރު ވެފައި ވާ އިރު މިހާރު ހުއްދަ ލިބިފައި ވުމުން މިއީ ކާމިޔާބީއެއް ކަމަށް ވެކްސިން އުފައްދާ ކުންފުނިން ވަނީ ބުނެފައެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ގީއެސްކޭ ކުންފުނިން ބުނީ، ހުސްވި ފެބްރުއަރީ މަހު ކުރިއަށް ގެންދިޔަ ދިރާސާއިން އެނގުނު ގޮތުގައި ވެކްސިންގެ އެފިކަސީ ނުވަތަ އަސަރު ކުރާ މިންވަރު ހުރީ 82.6 ޕަސެންޓްގައެވެ. އަދި ވެކްސިންގެ ސަބަބުން ދިމާވާ ސައިޑް އިފެކްޓްތައް ދަށް ކަމަށާއި ދެދުވަހެއްވާންޖެން އިންޖެކްޝަން ޖަހާ ތަނުގައި ކުޑަ ރިހުމެއް ހުރެދާނެ ކަމަށެވެ.