ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް އިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައި ވަނީ ރޭ ފަތިސްވާން އުޅެނިކޮށް ވެހެން ފެށި ވާރޭ ނުހުއްޓި ގިނަ އިރުތަކެއްވާންދެއް ވެހުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު 06:08 ގައި ވަނީ ފަށާފައެވެ.

އެމްއެންޑީއެފް އިން ބުނީ މިހާތަނަށް މާލޭގެ ތިން ސަރަހައްދެއްގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ޣިޔާސުއްދީން ސުކޫލް ސަރަހައްދާ، އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް ސަރަހައްދުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލޭގައި ފެންބޮޑުވާއިރު މާފަންނުގެ ގިނަ ސަރަހައްދުތަކަކީ އަބަދުވެސް ފެންބޮޑުވާ ސަރަހައްދުތަކެކެވެ. މާލެގެ ބިންގަނޑު އޮތް ގޮތުން މާފަންނަށް އަޑިވީމައި ފެންގަނޑު ގޮސް އޮންނަނީ މާފަންނުގެ ސަރަހައްދުތަކުގައެވެ. އެގޮތުން ގިނަ ބަޔަކު ސިއްހީ ފަރުވާ ހޯދަން ދާ އައިޖީއެމްއެޗާއި، ގިނަ ދަރިވަރުން ކިޔަވާ މާފަންނު މަދަރުސާ އާއި ގިނަ ބަޔަކު ކައިބޮއެ ހަދަން ދާ ހުޅަނގު ހާބަރު ފްޓްކޯޓް ސަރަހައްދުގައި ފެންބޮޑުވެއެވެ. ނަމަވެސް މިކަން ހައްލު ކުރަން އެ ސަރަހައްދުތަކުގެ ބިންގަނޑު އުސްކޮށް އެއްވަރު ކުރަން އެއްވެސް މަސައްކަތެއް ކަމާބެހޭ އިދާރާތަކުން ނުކުރާކަން ފާހަގަ ކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ވިއްސާރަ ކުރަމުން އަންނައިރު މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން 12:00 އަށް ލ.އަ ތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ރީދޫ ސަމާލު ނެރެފައެވެ.