މިއަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

ތިން އުމުރުފުރާއަކަށް ބަހާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ހަ އަހަރުން ދަށުގެ އުމުރުފުރާ، 7 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަދި ކުރެހުމުގެ ވަކި ގަވާއިދުތަކެއް އެކުލަވާލުމުގެ އިތުރުން ކުރެހުންތައް އުފެއްދުމުގައި އެސްޓީއޯއިން ފޯރުކޮށްދޭ ބްރޭންޑްތައް ހިމަނައިގެން ކުރެހުންތައް ތައްޔާރު ކުރުމަށް ބާރުއެޅުމަށް ތީމް ތަކެއްވެސް ވަނީ ނެރެފައެވެ. ކޮންމެ އުމުރުފުރާ އަކުން ވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މެއި 10 ވަނަ ދުވަސް ކަމުގަިއ އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކޮންމެ އުމުރުފުރާ އަކުން އެއްވަނަ އަށްދާ ބައިވެރި އަކަށް 1500 ރުފިޔާގެ ވައުޗާގެ އިތުރުން ގިފްޓް ޕެކެއް ދިނުމަށް ހަމަޖެހިފައި ވާއިރު ދެވަނަ އަށް 1000 ރުފިޔާގެ ވައުޗާގެ އިތުރުން ގިފްޓް ޕެކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނައަށް ދާ ބައިވެރި އަކަށް 500 ރުފިޔާގެ ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދިނެވެ.

ކުރެހުމަށް މާކްސް ދޭ ގޮތަށް ބަލާއިރު އުފެއްދުން ތެރިކަމަށް 75 ޕަސެންޓް އަދި ކޮންސެޕްޓް އަށް 25 ޕަސެންޓްގެ އުސޫލުން މާކްސް ދިނުމަށް ވެއެވެ. ކުރެހުންތައް ހުށަޅާނީ އެ ކުންފުނީގެ މެއިލް އެޑްރެސް ކަމަށްވާ [email protected] އަށް ކަމަށް އެސްޓީއޯއިން މައުލޫމާތު ދިނެވެ.