ރާއްޖެެއަށް އެތެރެކުރާ މުދާ ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ އުސޫލެއްގެ ތެރެއިން ރައްކާތެރިކަމާއިއެކު ބަނދަރުގައި ބެހެއްޓޭނެ އިންތިޒާމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް) އިން ގާއިމުކޮށްފިއެވެ.

އިއްޔެ އެމްޕީއެލް އިން ކުރި އިއުލާނެއްގައި ބުނީ މާލޭ ކޮމާޝަލް ހާބަރުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދެވޭ ހިދުމަތް ތަރައްގީކޮށް ފުޅާކުުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާކަމަށެވެ. މި ގޮތުން 15 މޭ 2023 ވަނަ ދުވަހުން ފެށިގެން ރާއްޖެެއަށް އެތެރެކުރާ މުދާ ރައްކާތެރިކަމާއިއެކު ބަނދަރުގައި ބެހެއްޓޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް އެމްޕީއެލް އިން ބުނީ އަލަށް ތައާރަފް ކުރެވޭ މި ހިދުމަތުގެ ސަބަބުން މުދާ ބަނދަރުގައި ހުންނަ ދުވަސްތަކުގައި ކުރަންޖެހޭ ހޭދައަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ކޮންޓެއިނާ ގައި މުދާ އެތެރެކުރާ ފަރާތްތަކަށް މުދާ ކްލިއާ ކުރުމުގައި ކުރަންޖެހޭ ހަރަދުކުޑަވެގެންދާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޕީއެލް އިން ބުނީ މި ހިދުމަތުގެ ސަބަުން ޝިޕިން އެޖެންޓުންނަށް އެކޮންޓެއިނާ އަވަހަށް ބޯޓުފަހަރަށް ލޯޑުކުުރުމަށް ފުރުސަތު ލިބިގެން ދާނެކަމަށެވެ. މި އުސޫލުގެ ދަށުން ބަނދަރުގައި މުދާ ބަހައްޓަން ބޭނުންވާ ފަރާތްތަކަށް މުދާ ބަހައްޓާ މުއްދަތުގައި ސްޓޯރޭޖް ފީއެއް ނެގުމަށްވަނީ ހަމަޖެހިފައެވެ.