ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާ ކުށްވެރިކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ވެރިކަން ކުރާ މައި ޕާޓީން އެމްޑީޕީން ގޮވާލައިފިއެވެ.
ޒަރީރަށް ހަމަލާދީފައި ވަނީ އިއްޔެ ރޭގެ ފަތިހުގެ ވަގުތެއްގައި، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.
މިހަމަލާ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ ހަސަން ޒަރީރުއަށް ދިން މި ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް މި ނުރައްކާތެރި ކުށްކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާފައެވެ.
ފުލުހުން ބުނީ ޒަރީރަށް ހަމަލާދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ. މި ހަމަލާއާ ގުޅިގެން ޒަރީރަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައިވާއިރު އަދި މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ ޒަރީރަށް ހަމަލާ ދިން މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.