ރޭގެ ވަގުތެއްގައި ތ. ހިރިލަންދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން އެރަށުން 2 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އެ ރަށު ގެއެއްގެ ތެރެއަށް ރަށުގެ ބަޔަކު ވަދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީގައި 2 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވެފައި ވަނީ އުމުރުން 49 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ ދެމީހުންނަށް އެ ރަށު ސިއްހީ މަރުކަޒޫން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ތ. ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރާއި 32 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ހައްޔަރު ކުރީ މާރާމާރީ ހިންގުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމަންއަމާންކަން ނަގާލަން މަސައްކަތް ކުރުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފުރަތަމަ މާރމާރީ ހިންގާފައި ވަނީ ރޭ 10 ޖަހާކަށް ހާއިރެވެ. އެ ވަގުތު އެ ރަށުގެ ގިނަ ބަޔކު ވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރާ މީހެއްގެ ގެއަށް ވަދެ އެމީހާގެ ގައިގައި ތަޅައިގެންފައި ކަމަށް މައުލޫމާތު ލިބެއެވެ.
ADS BY CYRYX COLLEGE ރަށުގެ ބަޔަކު އެމީހާގެ ގައިގައި ތަޅައިގެން ސަބަބެއް ކަމަށް ރަށުގައި ދެކެވޭ ވާހަކަތައް ހިއްސާ ކުރި މީހަކު ބުނީ، އެމީހާގެ ގެއަށް ބަޔަކު ގޮސްފައި ވަނީ އެ ރަށު އެހެން މީހަކު މަރާލާނެ ކަމަށް ބުނެ އެ މީހާ އިންޒާރު ދިނުމުން ކަމަށެވެ. އަދި އޭނާ ވަނީ ރަށުން ބާލާފައި ކަމަށާއި އަދި އެރަށުން މި މައްސަލައިގައި މީހަކު ވެސް ހައްޔަރު ކުރިކަމަށް އެމީހާ ބުނެއެވެ. މީގެ އިތުރުން އެ ރަށުގެ ރައްޔިތުން ވަނީ ރޭ މެންދަމު 2 އާއި 4 އާ ދެމެދުގެ ވަގުތެއްގައި މާރާމާރީ ހިންގި ގޭދޮށުގައި އެއްވެ ހަޅޭއްލަވައި އެގެއަށް ގާއުކާފައި ކަަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލުން މައުލޫމާތު ދެމުން ބުނީ، އެ ރަށުގައި ވައްކަން ކުރުމާއި ޑްރަގްގެ މައްސަލަތައް ބޮޑުވެފައިވާ ކަމަށާއި ރަށުގެ ރައްޔިތުން ރޭގެ ވަގުތެއްގައި ގެއަކަށް ގޮސް މާރާމާރީ ހިންގާފައި ވަނީ އެފަދަ ކަންކަމާ އޮތް ހިތްހަމަނުޖެހުމެއްގައި ކަަމަށް ބެލެވޭ ކަމަށެވެ. މި ހާދިސާގައި މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ތުހުމަތު ކުރާ މީހާއަކީ އެ ރަށު މީހެއް ނޫން ކަމަށާއި މައްސަލަ ގޯސްވުމުން ތ. ވޭމަންޑޫއިން ފުލުހުން އައިސް އެމީހާ ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
އަނިޔާ ލިބުނު މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައި ނުވި ނަމަވެސް އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މީހާ އެ ރަށުގައި ހުރި ގޭގެ ވެރި މީހާ އާއި އަދި އެ ރަށުގެ އިތުރު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.