2020 ވަނަ އަހަރު ކޮވިޑް ވައިރަސް މު ޅި ދުނޔެއަށް ފެތުރި ރާއްޖެއިން ވެސް އެ ބަލި ފެތުރެމުން ދިއުމަށް ފަހު ބަލި ކޮންޓްރޯލް ކުރި ފަހުން އަނެއްކާވެސް ކޮވިޑް ކޭސްތައް މި ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުން އިތުރުވެފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި ދިޔަ 23 އިން 29 އާ ދެމެދުގައި 194 ފަރާތަަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކޮށްފައިވާ އިރު، އެންމެ ގިނަ ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެއިން 105 މީހަކާއި، ރަށްރަށުން 42 މީހަކާއި އަދި އެހެނިހެން ތަންތަނުން 47 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިދިޔަ މާޗް މަހުގެ މެދެއްހާ ހިސާބުން ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު މިދިޔަ ހަފްތާއަކީ އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ ހަފްތާއެވެ. 38 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ބަލާ ނަމަ އެންމެ ގިނަ އަދަދަކަށް މި ބަލީގައި މީހުން އެޑްމިޓް ކުރި ހަފްތާވެސް މެއެވެ.
ވޭތުވެދިޔަ މަސް ދުވަހުގެ ކޮވިޑް ކޭސްތަކުގެ ތަފްސީލް:
- 26 މާޗް - 1 އޭޕްރިލް: 39 ކޭސް
- 2 އޭޕްރިލް - 8 އޭޕްރިލް: 84 ކޭސް
- 9 އޭޕްރިލް - 15 އޭޕްރިލް: 148 ކޭސް
- 16 އޭޕްރިލް - 22 އޭޕްރިލް: 199 ކޭސް
- 23 އޭޕްރިލް - 29 އޭޕްރިލް: 194 ކޭސް
ވޭތުވެދިޔަ 5 ހަފްތާ ތެރޭ ކޮވިޑް ކޭސްތައް އިތުރުވަމުން އައިސްފައިވާ ގޮތަށް ބަލާއިރު، ކޮންމެ ހަފްތާއަކު ވެސް ބޮޑު ތަފާތެއް އަންނަނީ ފެންނަމުންނެވެ. މިހާތަނަށް މި ބަލީގައި ވަނީ 313 މީހުން މަރުވެފައެވެ. މިދިޔަ ހަފްތާގައި މި ބަލީގައި މީޙަކު މަރުވެފައި ނުވި ނަމަވެސް އޭގެ ކުރީ ހަފްތާގައި 2 މީހަކު ވަނީ މަރުވެފައެވެ.
2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮވިޑް ކޭސްތައް ފެންނަން ފަށައި ހަލުވި ކަމާއެކު ބަލި ފެތުރެމުން ދިއުމުން ލޮކްޑައުންކޮށް ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކޮވިޑް ކޭސްތައް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ކޭސްތައް ކޮންޓްރޯލް ކުރެވިފައި ވަނީ ކޮވިޑުން ދިފާއު ވުމަށް ގިނަ ބަޔަކު ވެކްސިން ޖެހުމުންނެވެ. ނަމަވެސް މިއަހަރު ފެށިގެން މާޗް މަހުގެ މެދަކާ ހިސާބަށް ދިޔައިރު ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާ ތަން މި ވަނީ ފެންނަން ފަށާފައެވެ.
މީގެ ކުރިންވެސް މި ބަލިން ރައްކާތެރިވުމަށް އަޅަމުން އައި ފިޔަވަޅުތަކަށް އާންމުން ސަމާލުވާން ޖެހެއެވެ. ބަލީގެ އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓް ކުރުމަކީ މުހިއްމު ކަމެކެވެ. ހަމައެއާއެކު ބަލީގެ އަލާމާތް ފެންނަ ނަމަ މާސްކް އަޅައިގެން އުޅުމާއި ގައިދުރުކަން އިސްކުރުމާއި، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އިސްކަން ދިނުމަކީ ބަލިން ދިފާއު ވުމަށް ކުރެވޭނެ ކަންކަމެވެ.