ރާއްޖޭގެ ފަސް ރަށެއްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ 25 ޓަނުގެ އައިސްޕްލާންޓް އަޅަން ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އައިސްޕްލާންޓް އަޅަން ހަމަޖެހިފައިވާ ރަށްރަށަކީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫ ކަމަށެވެ. އެ ރަށްރަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ފެނަކައާ ހަވަޅުކޮށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ޔާމީން އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު މުހައްމަދު އެވެ.

މިފްކޯއަށް ކުރިމަތިވަމުން ދިޔަ ގޮން ޖެހުންތަކުގެ ސަބަބުން މިފްކޯއިން އައިސް ފޯރުކޮށްދެމުން ދިޔަ 14 އައިސްޕްލާންޓެއް ހިންގުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު ވަނީ ފެނަކަ ކޯޕަރޭޝަން ހަވާލުކޮށްފައެވެ. އޭގެ ފަހުން އައިސްޕްލާންޓް ގާއިމް ކުރުމަށް އެ ކުންފުންޏާ އަންނަނީ ހަވާލު ކުރަމުންނެވެ.

އެ ގޮތުން މި އަހަރު ކުރީކޮޅު ގދ. ފިޔޯރި އާއި ގދ. މަޑަވެލީގައި އައިސްޕްލާންޓް ގާއިމް ކުރުމަށް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.