އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019 ވަނަ އަހަރު އެ ގައުމުން ހުށަހެޅި މައްސަލައިގައި މިއަދު ހުކުމް ކުރަން ވެފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިޓްލޮސް އަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ކަނޑުގެ ގާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މިއަދު ހުކުމް ކުރުމަށް ތައްޔާރު ވަމުންދާ އެ މައްސަލާގައި ޖުމްހޫރީޕާޓީ އިން ކަންބޮޑުވާ ކަންކަން ބަޔާން ކޮށް އިޓޮލްސްއަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތްކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި ދިވެހި ގައުމުގެ ގާނޫނު އަސާސީގެ 3 ވަނަ މާއްދާއާ ފުށުއެރުންތަކެއް ހުރިކަމަށް އެ މަނިކުފާނަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ ސިޓީއަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ފޮނުއްވި ސިޓީފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވާ އިރު، ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި ފުށޫ އަރާ 4000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެބައޮތެވެ.

ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ހަދަން ލިބުނު އެންމެފަހުގެ ފުރުސަތު ގެއްލުވާލީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް މިސަރުކާރުން ބުނެއެވެ.

ޗާގޯސް މައްސަލައިގައި ފަހުވަގުތު ސިޔާސީ ޕާޓީތަކުން ސިޓީތައް ފޮނުވާ އިރު އިއްޔެ ޕީޕީއެމް އިންވެސް ވަނީ ސިޓީއެއް ފޮނުވާފައެވެ.