އއ. ތޮއްޑޫގައި ބިދޭސީއަކު ރެސްޓޯރަންޓަކަށް ގޮސް ރޮށި ދޭން ބުނުމުން އެތަނުގެ ވެއިޓަރަކު ރޮށި ނެތް ކަމަށާއި ޑިސްކެއް ލިބިދާނެ ކަމަށް ބުނުމުން ވެއިޓަރުގެ ކަރަށް ވަޅިއަކުން ހަމަލާދީފިއެވެ.

މިހާދިސާގެ މައުލޫމާތު މީޑިއާ އަށް ތިލަވުމުން މިރޭ ފުލުހުން ބުނީ، ތޮއްޑޫ ރެސްޓޯރަންޓެއްގެ ތެރޭގައި ރޭ އިރާކޮޅު ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި ކަމަށެވެ.

މި މާރާމާރީގައި އުމުރުން 26 އަހަރުގެ ބިދޭސީއަކަށް އަނިޔާވެގެން ތޮއްޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދާ ކަމަށެވެ. ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން ރޭގެ އެ ހާދިސާގައި ޒަހަމްވި މީހާގެ ކަރުގައި މާ ފުން ޒަހަމެއް ނެތުމުން ބޭސް އެޅުމަށް ފަހު ރޭ ވަނީ ދޫކޮށްލާފައެވެ.

ނަމަވެސް ހަމަލާދީން އުމުރުން 22 އަހަރުގެ ބިދޭސީ މީހާ ހައްޔަރު ކޮށް 7 ދުވަހުގެ ބަންދެއް ވަނީ ޖަހާފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ އިރު އއ. ތޮއްޑޫ އަކީ ދަނޑުވެރިކަމުގެ މަސައްކަތާއި ގެސްޓްހައުސް ވިޔަފާރީގެ މަސައްކަތް ފުލާ ދާއިރާއެއްގައި ކުރާ ރަށަކަށް ވާއިރު ރަށުތެރޭގެ ގިނަ މަސައްކަތްތަކުގައި ގިނަ އަދަކަށް ބިދޭސީން އުޅޭ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.