ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ބަދަލުކޮށްފައި ނުވާނެ ކަމަށް ބުނެ، ސަރުކާރުން އިދިކޮޅަށް ރައްދު ދީފިއެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނުގައި ވާ ގޮތުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ ދަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ދީފައިވެއެވެ.

އަދި އދގެ އާއްމު މަޖިލީހުގެ ގަރާރެއް ކަމަށްވާ، "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965"ގެ ގަރާރު، އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހަޅަައިފިނަމަ ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ ކަމަށް ވެއެވެ.

އަދި މި ނިންމުން ނިންމާފައިވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެންކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުންވެސް މި މައްސަލާގައި، އިބްރާހިމް މުހައްމަދު ސޯލިހް އަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ގާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕީޕީއެމް އިން ކޮށްފައިވާ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އަދި ޗާގޯސް އާކިޕެލާގޯގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާ ކޮށްފައި ނުވާކަމަށާއި ޕީޕީއެމްގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށްވާއިރު، އެކަމުގެ ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ސަރުކާރުގެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.

އދ އިން ނެގި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕީޕީއެމް އިން އޭރު ބުނެފައިވާކަމަށް ފާހަގަކޮށް އިތުރަށް ބުނެފައިވަނީ އެ ޕާޓީން އެގޮތަށް ބުނެފައިވީ ނަމަވެސް، ޕީޕީއެމްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އދގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ލާފައިވާ ކަމަށެވެ.

އަދި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިއާއަތްކޮށް، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމަވާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަމަށް ބަޔާނުގައި ވެއެވެ.