ސްކޭމް ކޯލްތަކާއި ކުންފުނިތަކުގެ ނަމުގައި މެސެޖް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައިގައި ފުލުހުން ހޯދަން އެދޭ މައުލޫމާތުގެ ތެރެއިން ކޯޓު އަމުރަކާ ނުލައި ދެވެން ހުންނަ ހުރިހާ މައުލޫމާތު ދޭ ކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނީ އެ ކުންފުނިން ސައްހަ މައުލޫމާތު ދޭ ކަމަށާއި ރެގުލޭޓަރެއްގެ ހައިސިއްޔަތުން އަމަލުކުރަން ޖެހޭ ގާނޫނެއް އޮތުމާއެކު ކޯޓު އަމުރަކާ ނުލައި ދެވެން އޮންނަ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭ ކަމަށެވެ. އަދި ކޯޓު އަމުރެއް އޮތް ނަމަ، އެ އަމުރަކާ އެއްގޮތަށް އަމަލު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ސްކޭމް ކޯލްތައް ޓްރޭސް ކުރުމުގެ ބޭނުމުގައި ޓެލެކޮމް އޮޕަރޭޓަރުންނާއި ފުލުހުން ހަދާފައިވާ ޖޮއިންޓް ޕްރޮޓަކޯލް އެއްބަސްވުމުގައި ސްވިޗް ޑޭޓާ ފޯމެޓުގައި 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައި ވީ ނަމަވެސް ޓެލެކޮމް އޮޕަރޭޓަރުން މައުލޫމާތު ހިއްސާ ކުރާއިރު ތަފާތު ފޯމެޓަށް ހުރުމަކީ މައްސަލައެއް ކަމަށް ފުލުހުން ފާހަގަ ކުރާތީ އުރީދުން ބުނީ، ތަފާތު ފޯމެޓުތަކަށް މައުލޫމާތު ހުރެދާނެ ކަމަށާއި އެދިއްޖެނަމަ މައުލޫމާތު ހުންނަ ފޯމެޓު ވެސް ބަދަލުކޮށްދޭ ކަމަށެވެ. ނަމަވެސް ރެގުލޭޓަރުންނަށް ކުރުން ލާޒިމު ކޮށްފައި ހުންނަ ގާނޫނީ ކަންކަމުގެ ދަށުން ކޯލްތަކުގެ މައުލޫމާތު ދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫއިން މިހެން ބުނެފައިވަނީ ސްކޭމްތައް ހިންގާ ފަރާތްތަކުން ބޭނުން ކުރާ ނަންބަރުތައް ދެނެ ނުގަނެވެނީ ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުން ފުލުހުންނަށް ހިއްސާކުރުމަށް އެއްބަސްވެފައި އޮންނަ މައުލޫމާތު ފުރިހަމަ ނުކުރާތީ ކަމަށް ފުލުހުން ބުނެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ބުނެ މައުލޫމާތު ދީފައި ވާތީއެވެ.
އެސްއޯއީ ކޮމިޓީން މިހެން ބުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ވެރިފަރާތް ތަކަށް ނޭނގި އެ އެކައުންޓްތަކުން ފައިސާ ކެނޑެމުންދާ މައްސަލައާއި އެކައުންޓް ބްރީޗްވިކަން ނޭނގި އެހެން އެކައުންޓްތަކަށް ފައިސާ ޓްރާންސްވާ މައްސަލައާއި ބޭންކް އެކައުންޓްތައް ފްރީޒް ކުރަމުންދާ މައްސަލައިގެ އިތުރުން ސްކޭމްތަކުގެ ސަބަބުން އެކައުންޓްތަކުގެ ވެރިފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބެމުންދާ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ބެލުމަށްފަހު އެ ކޮމިޓީން ފާސްކޮށް މަޖިލީހަށް ފޮނުވި ރިޕޯޓުގައެވެ.
އެ ރިޕޯޓްގައި ވަނީ ސްކޭމްގެ ކުށްތައް މައިގަނޑު ގޮތެއްގައި ފެންނަނީ ކ. މާފުށީ ޖަލުގައި ތިބޭ ގައިދީންގެ ފަރާތުން ކަމަށާއި އެކަމަށް ތަފާތު އުކުޅުތައް ގައިދީން ބޭނުން ކުރަމުންދާ ކަން ފާހަގަކޮށް، ޖަލުގައި ޓަވަރު ހަރުކުރުމަށް ތައްޔާރުކުރި ޖޮއިންޓް ޕްރޮޓަކޯލް އެއްބަސްވުމުގައި ސްވިޗް ޑޭޓާ ފޯމެޓުގައި 14 މައުލޫމާތެއް ހިއްސާ ކުރުމަށް އެއްބަސްވެފައި ވީ ނަމަވެސް ޓެލެކޮމިއުކޭޝަން ސާވިސް ޕްރޮވައިޑަރުން ފުލުހުންގެ ހިދުމަތާ ހިއްސާ ކުރަމުން ދާ މައުލޫމާތު ފުރިހަމަ ނުވާ ކަމަށެވެ.
އެގޮތުން ހިއްސާ ކުރަމުންދާ ޓަވަރު ޑޭޓާ އެއް ފޯމެޓަކަށް ނެތުމުން އެނަލައިޒްކޮށް ގައިދީން ބޭނުން ކުރަމުންދާ ނަމްބަރުތައް ދެނެގަތުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މައުލޫމާތު ފޯރުކޮށް ދިނުމަށާއި ދުވަހުން ދުވަހަށް ހިއްްސާކުރާ ޓަވަރު ޑޭޓާ އެއް ފޯމެޓަކަށް ހިއްސާކުރުމަށް ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑަރުންނަށް އެންގުމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.