ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް) ހިމެނޭ ސަރަހައްދުގެ ރަށެއްގައި 13 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ މި މަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލައިގެ ކޯޓު އަމުރެއްގެ ދަށުން އޭޕްރީލް 13 ވަނަ ދުވަހު އުމުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި އެއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ރޭގެ ވަގުތެއްގައިވެސް، ދެކުނުގެ ރަށަކުން އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ.

ރޭ ހުށަހެޅުނު މައްސަލައާ ގުޅިގެން، އުމުރުން 25 އަހަރާއި 63 އަހަރުގެ ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަވެސް އިތުރަށް ތަހުގީގެ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވަމުން އަންނައިރު ޖެނުއަރީ މަހު އެކަނި ވެސް 27 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.