ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަބީރް އަކީ އަބީމަންޔޫގެ ދަރިއެއްކަން ފަޅާއަރައިފިއެވެ.
އަބީރްގެ ހިތުގައި މައްސަލައެއް އުޅޭކަން އަކްޝަރާ އަށް އެނގޭ ހިސާބުން އަކްޝަރާ އަބީމަންޔޫ އަށް ގުޅައި، އެކަން އަންގައެވެ. ސަބަބަބީ އަބީމަންޔޫއަކީ ހިތުގެ ސާޖަންއަކަށްވުމުންނެވެ. އަބީރުގެ ސިއްހީ މައްސަލަ އަޑުއަހައި އަކްޝަރާގެ ރުއިމުގެ އަޑުއަހަން އަބިމަންޔޫ އަކަށް ކެތެއް ނުވިއެއެވެ. އަކްޝަރާ އޭނާގެ އާއިލާ އާއެކު އެނބުރި އުދައިޕޫރަށް އައީ އަބީރްގެ ހިތުގެ ސާޖަރީ ކުރުމަށެވެ.
ނަމަވެސް އަކްޝަރާގެ ކޮއްކޮ އަރޫހީ އަށް އަބީރް އަކީ އަބީމަންޔޫގެ ދަރިއެއްކަން ފަޅާއެރުމުން އަކްޝަރާގެ މިހާރުގެ ފިރިމީހާ އަބީނަވްގެ ބޮލަށް އެރިގެން އަބީރްގެ އޮޕަރޭޝަނަށް ޔޫއެސް އަށް ދާން ބުންޏެވެ. އެކަމާ އަކްޝަރާ ވެސް އެއްބަވެސްވެ ފުރަން ދުވަހަކަށް ވެފައި ހުއްޓާ އަބީމަންޔޫ އަށް އަބީރް އަކީ އޭނާގެ ދަރިއެއްކަން އެނގުނެވެ. 6 އަހަރު ވަންދެން ދަރިފުޅު ލޮލަށް ނުދައްކާ އުޅުމުން އަބިމަންޔޫ ހުރީ އިންތިހާއަށް އަކްޝަރާ ދެކެ ރުޅިއައިއްސައެވެ. ނަމަވެސް އަބީމަންޔޫގެ ރުޅިގަނޑު ފެނުމުން ވެސް އަކްޝަރާ ހިތަށް އަސަރެއް ނުކުރިއެވެ. އަބިމަންޔޫ އަށް ވުރެ އަބިނަވް މާ ރަނގަޅުކަމަށް ބުނެ އަބިނަވް އަކީ އަބީރް އަށް އެންމެ އެކަށޭނެ ބައްޕަ ކަމަށް އަކްޝަރާ ބުންޏެވެ. އެކަމާ ގުޅިގެން ޔޫއެސް ނުދާން އަބިމަންޔޫ ބުނި ނަމަވެސް އަކްޝަރާގެ ވިސްނުން ބަދަލެއްނުވެއެވެ.
މާދަމާ ރޭގެ އެޕިސޯޑުގައި އަބިމަންޔޫ އަކްޝަރާމެން ގެއަށް ދާނެއެވެ. ގޮސް އެމީހުން ޔޫއެސް އަށް ދިޔުން ހުއްޓުވަން އަބީމަންޔޫ މަސައްކަތްކުރެއެވެ. ސަބަބަކީ އަބީރް އަކީ އަބީމަންޔޫގެ ދަރިއަކަށްވުމުން ބައްޕައެއް ހައްގު އޮންނާތީއެވެ.
ޑްރާމާގެ މިހިސާބަށް އައިއިރު އަބީރް އަކީ އަބީމަންޔޫގެ ދަރިއެއްކަން އެނގެނީ ތިން މީހުންނަށެވެ. އެއީ ކައިރަވް، އަރޫހީ އަދި މުސްކާނެވެ. އެހެން އެއްވެސް މީހަކަށް އަބީރް އަކީ އަކްޝަރާގެ ކުރީގެ ކައިވެންޏަށް ލިބުނު ދަރިއެއްކަމެއް ނޭނގެއެވެ. ނަމަވެސް ކުރިއަށް ހުރި އެޕިސޯޑުތަކުގައި އަކްޝަރާގެ މުޅި އާއިލާ އަށާއި އަބީމަންޔޫގެ އާއިލާ އަށް އަބީރްގެ ބައްޕަ އަކީ ކާކުކަން ހާމަވެގެންދާނެއެވެ.