މާދަމާ 21، އޭޕްރީލްވާ ހުކުރު ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

ހަރަމައިން ޝަރީފައިން އިން ބުނީ ޝައްވާލު މަހުގެ ހަނދު ފެނިފައިވާތީ މާދަމާއަކީ އީދު ދުވަސް ކަަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ސައުދީއިން މާދަމާއަކީ އީދު ދުވަސްކަން އިއުލާނު ކޮށްފައި ވާއިރު މެލޭޝިއާ، ސިންގަޕޫރު، އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާ އިން އީދު ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ ހޮނިހިރު ދުވަހެވެ.

ރާއްޖެއިން ބަލަނީ ސައުދީގެ ހަމަތަކަށް ކަމުން، މާދަމާ އަކީ ރާއްޖެއަށްވެސް އީދަށް ވާނެއެވެ.

މި އަހަރުގެ ފިތުރު އީދު ނަމާދު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ތިން ތަނެއްގައި ބޮޑު ޖަމާއަތް ބާއްވަން ހަމަޖެހިފައި ވާއިރު، އެއީ މާލެއިން މާފަންނު ސްޓޭޑިއަމް ސަރަހައްދު، ވިލިމާލެ ބޯޅަދަނޑު އަދި ހުޅުމާލެ ފޭސް 2ގެ ކްރިކެޓް ސްޓޭޑިއަމް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެއެވެ.