ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް އިތުރު ހަމަލާއެއް ދޭން އުޅޭކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އިންތި މި މައްސަލަ ފުލުހަށް ހުށަހެޅުއްވީ ރައީސް ނަޝީދުއަށް ދެމުން ގެންދާ ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ހަރަދު ބޮޑުކަމަށް ބުނެ މަޖިލީހުގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ގޮތުން އިންތި ވިދާޅުވީ އެ މައްސަލަ ފުލުހަށް ހުށަހަޅުއްވަން ނިންމެވީ ރައީސް ނަޝީދުއަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ދިނުން ހުއްޓައިލަންޖެހޭ މޭރުމަކުން ބާރުގަދަ ނުފޫޒުގަދަ ބޭފުޅުންތަކެއް ވާހަކަ ދައްކަވަމުން ދިއުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަކަށް ވާތީ ކަމަށެވެ.
ރައީސް ނަޝީދަކީ ކުރިންވެސް ނުރައްކާތެރި ބޮމުގެ ހަމަލާއެއްގެ ޝިކާރައަކަށް ވެވަޑައިގެންފައި ހުންނެވި ބޭފުޅެއްކަން ފާހަގަކޮށް އިންތި ފުލުހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމަނިކުފާނަށް އެ ހަމަލާ އާއި ގުޅިގެންވެސް އިންސާފު ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެ ނުރައްކާތެރި ހަމަލާ ރައީސް ނަޝީދަށް ދީފައިވަނީ އެމަނިކުފާނަށް އޮތް ނުރައްކާ ކްރިޓިކަލް ދަރަޖައިގައި އޮއްވައިކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި އިންކުއިރީ ރިޕޯޓުންވެސް އެނގޭކަމަށް އިންތިގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
މިހާރުވެސް ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސްގެ އިތުރުން ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ފާހަގަކޮށް އިންތި ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވާ ހުސައިން ޝަމީމް އާއި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ފަދަ ބޭފުޅުން ރައީސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ދެކޮޅުހައްދަވައި އެކަން ހުއްޓުވަންޖެހޭ މޭރުމަކުން ވާހަކަދެއްކެވުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ސަރުކާރާ ގާތް ގުޅުން އޮންނަ ބާރާއި ނުފޫޒުގަދަ ބޭފުޅުން ރައީސް ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ދެކޮޅުހައްދަވައި އެކަން ހުއްޓުވަންޖެހޭ މޭރުމަކުން ވާހަކަދެއްކެވުމުން ނުބައި ރޭވުމެއް އޮތްކަމަށް އިންތި ވަނީ ތުހުމަތުކުރައްވާފައެވެ. މީގެ އިތުރުން އިންތި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކަލުގެ ދަރަޖަ އެންމެ މަތީ މިންވަރުގައި އޮތް އެފަދަ ބޭފުޅަކަށް ގާނޫނުން ލާޒިމުކުރާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ދެކޮޅަށް ވާހަކަދައްކަވަންވީ އިތުރު ސަބަބެއް އޮންނާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އިންތި ގެ ސިޓީގައިވަނީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހުއްޓުވަންޖެހޭކަން ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމަކީ އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބައި ނިޔަތެއްގައި ހީލަތްތެރިކަމާއެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރަރިޒަމުގެ ކުށެއްގެ އަމަލު ހިންގުމަށް ތައްޔާރުވަމުންދާކަމުގައި ބެލުމުގެ ޖާގަ އެބައޮތްކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަމަށް ކަންބޮޑުވުން އޮތުމާއެކު، އެ މައްސަލަ ބައްލަވައި ޖިނާއީ އަމަލެއް އެކުލެވޭނަމަ ފިޔަވަޅުއެޅުމަށް ފުލުހުންގެ ކިބައިން އިންތި ވަނީ އެދިވަޑައިގެންފައެވެ.