ބަހަކީ ގައުމުގެ އެއް ތަނބެވެ. ގައުމީ ވަންތަކަމުގެ އެއް ނިޝާނެވެ. ގައުމެއް ފުރިހަމަ އަމިއްލަ ވަންތަ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ބަހުގެ ދައުރަށް ވުރެ ވަކިން ފުޅާ ދެވަނަ އެއްޗެއް ނޯންނާނެއެވެ. އަމިއްލަ ސަގާފަތަކާއި، އަމިއްލަވަންތަ ތާރީހެއް އޮތް ދިވެހިރާއްޖޭގެ ފަރުދުންނަކީ އަމިއްލަ ބަހެއްގެވެސް ފަހުރާއި އުފާ މީގެ އެތައް ޒަމާނެއް ކުރިންވެސް ހާސިލުކުރަމުން އައި ބައެކެވެ.

ދިވެހި ބަހުން ވާހަކަ ދައްކާ ހަމައެކަނި ބަޔަކީ ދިވެހިންކަމުގައި ބުނެ، ޝަރަފަކަށް އެކަން ހެދިއިރު މިބަހުގެ ނާޒުކު ކަމާމެދުވެސް ވިސްނާލުމަކީ ދިވެހި ކޮންމެ ދަރިއެއްގެވެސް ފަރުދީ ޒިންމާއެކެވެ. ދިވެހިބަސް އުވި ވަޅުޖެހެމުންދާ ނިޝާންތައް ފެންނަމުންދާ މި ޒަމާނުގައި ބަހަށް އެކަށީގެންވާ ކާނާ ދިނުމަކީ ބަހުގެ އަހުލުވެރިންގެ ޒިންމާއެކެވެ.

ދިވެހިބަހުގެ އަސްލަކީ ކޮބައި؟

ތަނެއްގެ ބަސް ގުޅޭނީ އެތަނެއްގެ ފުރަތަމަ ވަޒަންވެރިންނާއި އެމީހުން ވާހަކަދެއްކި ބަހަކާ ކަމުގައި ވުމުން، ބަހުގެ އަސްލު ހޯދައި ބަލާއިރު އެތަނެއްގެ ފުރަތަމަ ވަޒަންވެރިންނަކީ ކޮންތާކުން އައި ކޮންބައެއްތޯ ބަލަން ޖެހެއެވެ. ލިބިފައިވާ ހެކިތަކަށް ބަލައި ރާއްޖޭގެ ސިއްހީ ދާއިރާއަށާއި ރާއްޖޭގެ ތާރީހަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި އަދި މިހާރު ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ މުޝީރު ކަމުގެ މަގާމުގައި ހުންނެވި ނަސީމާ މުހައްމަދު (1998) ހާމަކުރެއްވި ގޮތުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން މީހުން ދިރިއުޅޭތާ ގާތްގަނޑަކަށް 2500 އަހަރު ވެދާނެ ކަމަށް ލަފާކުރައްވާފައި ވެއެވެ. އީސާގެފާނުގެ 500 އަހަރު ކުރިއަކީ ތާރީހަށް ބަލާއިރު ވަރަށް ކުރިއަކަށް ވުމުން ދިވެހީންގެ ބަހުގެ އަސްލު ގުޅިފައިވަނީ މާކުރީ ޒަމާނެއްގައި ދިވެހިރާއްޖޭގައި ވަޒަންވެރިވި ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާއެވެ. ކުރީގެ ދުވަސްވަރަކީ ތާރީޚު ލިޔެވިފައިވާ ދުވަސްވަރަކަށް ނުވާތީ ސާބިތު ހެކިތައް ފެންނާކަށް ނެތެވެ.

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނާއި ބެހޭގޮތުން ޖޯންސްޓޭންލީ ގާޑިނަރ (1899) ކުރެއްވި ސައިންޓިފިކް ތަހުލީލަކާއި ހަވާލާ ދެއްވައި ނަސީމާ މުހައްމަދު (1998) ވިދާޅުވަނީ، ދިވެހިރާއްޖޭގެ އަހުލުވެރިންގެ ނަސްލު ގުޅިފައިވަނީ އިންޑިޔާގެ ސަބުކޮންޓިނެންޓާއި، އޮޅުދޫކަރައާއި، އަރަބިކަރަ، އެފްރިކާ އަދި އަސޭކަރައިގެ މީހުންނާ ކަމުގައެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންނަކީ މިއީ ކަމުގައި ވާނަމަ، ދިވެހިރާއްޖޭގެ މީހުން ފުރަތަމަ ބޭނުންކުރި ބަހަކަށް ވާންޖެހޭނީ އިސްވެ ދެންނެވުނު މީހުން ވާހަކަ ދައްކާ އުޅުނު ބަހެވެ. އެހެންކަމުން އެބައިމީހުންގެ ބަސް ބަދަލުވުމުގެ އޮއިވަރުގައި ޒަމާނާއެކު ތަރައްގީވަމުންގޮސް ދިވެހި ބަހަށް ބަދަލުވެގެން ދިޔައީ ކަމަށް ގަބޫލުކުރެވެއެވެ.

ލޯމާފާނު- ކުރީ ޒަމާނުގައި މުހިންމު ލިޔުންތައް ލިޔެ އުޅުމަށް ބޭނުން ކުރި އެއްޗެއް

ދިވެހިބަހުގެ އަސްލާ ގުޅޭގޮތުން އިލްމުވެރިންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވެއެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ދިވެހި ބަހުގެ އަސްލަކީ ސާންސްކުރިތު ބަސް ކަމުގައެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ ސިންގަޅަބަސް ކަމުގައެވެ. މަދުބޭފުޅުން ޕާލީ ބަހާއި އިންޑަކްސް ބަސް ކަމުގައި ވިދާޅުވާއިރު ބަހުގެ އަސްލު ތިން ހަތަރު ބަހާއި ގުޅިފައިވާކަމަށް ވިދާޅުވާ ބޭފުޅުންވެސް އުޅުއްވައެވެ. ދިވެހި ބަހުގެ އަސްލާއި ގުޅޭގޮތުން ވާހަކަދައްކާފައިވާ ގިނަ ބަހަވީ އިލްމުވެރިންގެ ނަޒަރުގައި ދިވެހިބަހަކީ ސާންސްކުރިތު ބަހުން އުފެދިފައިވާ ބަހެކެވެ. ހުސައިން ރަޝީދު އަހުމަދު (1995) ވިދާޅުވާގޮތުގައި، ދިވެހިބަހަކީ ސާންސްކުރިތު ބަހުގެ ގޮތްޕެއް ކަމުގައި ބުނެވިދާނެއެވެ. ސަބަބަކީ މިހާރު ހިންދުކަރައާއި އިންޑިޔާ ކަނޑުގައި ހިމެނިފައިވާ ރަށްތަކުގެ މީހުން ވާހަކަދައްކާ އުޅެނީ ސާންސްކުރިތު ބަހުން އުފެދިފައިވާ ބަސްތަކުން ކަމުގައި ވާތީއެވެ. ހަމަމިއާއެކު، މުހައްމަދު އަމީން (1368ހ.) އޭނާގެ ފޮތް ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާގައި، ބަޔާންކުރައްވާފައިވާ ގޮތުގައި "ދިވެހި ބަހުގެ އަސްލަކީ ސާންސްކުރިތު ބަހާއި ޕާލީ ބަހެވެ." (ސ.11)

އިދާރީ ގޮތުން އިންޑިޔާގެ ހިންދުސްތާނުގެ ލަކްޝަދްވީޕް ޓެރިޓަރީގެ ދަށުން ހިނގާ މަލިކަކީ އިހު ޒަމާނުއްސުރެ ތާރީޚާއި އާދަކާދައިގެ ގޮތުން ދިވެހިރާއްޖެއާއި ގުޅިފައިވާ ރަށެކެވެ. އެރަށު މީހުން ވާހަކަ ދައްކާ ބަހަކީވެސް ދިވެހިބަހެވެ. މަލިކު މީހުން ދިވެހި ބަހަށް ކިޔަނީ، "މަހަލް" އެވެ. މަޙައްލު ގެ މާނައަކީ، ތަނެވެ. އެހެންވީމާ، އެއިން މާނަކުރެވެނީ، ތަނުގެ ބަސް ކަމަށް ބުނާފަދައެވެ. އަދި ދިވެހިރާއްޖެ އަށް ކުރިން ކިޔަނީވެސް މަޙައްލު ދީބެވެ. މަލިކު އަތޮޅަކީ، ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. ނަމަވެސް ޖޯގްރަފީ އާއި އިޖުތިމާޢީ ހާލަތު ނިޔާކުރި ގޮތުން އެ އަތޮޅު ވަނީ ދިވެހިރާއްޖެއިން ވަކިވެފައެވެ. ދިވެހިރާއްޖެ އިން ވަކިވެގެން އިންޑިއާގެ ދަށަށް ދިޔައީ މަލިކު މީހުން އަމިއްލައަށެވެ. އެމީހުން އެގޮތް ބޭނުންވީ، ދިވެހިރާއްޖެއިން އެމީހުންނަށް ކުރިމަތިވަމުން ދިޔަ ބައެއް ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެވެ އެވެ.

ދިވެހިބަސް ބިރުވެރި ހާލަތަކަށް ދިޔައީ މިހެންވެ!

ހިތާމައާއިއެކު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިހާރު ދިވެހިބަހުން ވާހަކަ ދެއްކުމަކީ ބައެއް މީހުން ލަދުގަންނަ ކަމަކަށް ވާއިރު އަނެއްބައި މީހުންގެ ނަޒަރުގައި އެއީ "އަޕްޑޭޓް" ނުވާ ދެރަވަރު މީހުން ވާހަކަ ދައްކާ ގޮތެވެ. އަތޮޅުތަކަށް ބެހިފައިވާ ބަހުރުވައަކީ ބޮޑު ޚަޒާނާއެއްގެ ގޮތުގައި ދިވެހިބަހުގެ އުސްތާޒު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ) ފާހަގަ ކުރައްވައެވެ. ތަފާތު ބަސްތަކާއި ބަސްތަކުގެ ހަމަތައް ގެއްލިއްޖެނަމަ އެއީ މާދަރީ ބަހަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމާއި އަދި އަމިއްލަ ބަހުރުވައިން ވާހަކަދެއްކުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫންކަމާއި އެއީ ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ސޯދުބެ ވިދާޅުވިއެވެ.

އަމިއްލަ ބަހުރުވައިން ވާހަަކަ ދެއްކުމަކީ ލަދުގަންނަން ޖެހޭ ކަމެއްތޯ؟ ބަހަކީ، ބަހުރުވައަކީ އެއީ އޭނާގެ ފަހުރު. އޭނާގެ އިއްޒަތް. އޭނާގެ އަބުރު. އެކަން ދަމަހައްޓަން ޖެހޭ
ސޯދުބެ
ސުކޫލެއްގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ / ފޮޓޯ: މިހާރު

މީގެއިތުރުން މިހާރަކަށްއައިސް ކުދިން ގޭތެރޭގަ އާއި ސުކޫލު މާހައުލުގައިވެސް ވާހަކަ ދައްކާ އުޅެނީ ދިވެހިބަހުގެ ބަދަލުގައި އިނގިރޭސި ބަހުންނެވެ. މައިންބަފައިން ދަރިންނާ މުހާތަބުކުރަނީ އިނގިރޭސި ބަހުންނެވެ. މިހެން ކަންތައް ކުރަނީ ދަރިން މޮޅު ކުދިންނަށް ހެދުމުގެ މަގުސަދުގައި ހެއްޔެވެ؟ ނަމަވެސް ދެނެގަންނަން ޖެހޭ ހަގީގަތަކީ އެންމެ ތޫނުފިލި ކުދިންނަކީ އަމިއްލަ މާދަރީ ބަހަށް މޮޅެތި ކުދިންކަން ހެދިފައިވާ އެތައް ސާވޭ އަކުން ސާބިތުވާކަމެވެ. "ޑެޑީ" ނުވަތަ "މޮމީ" ކިޔުމުގެ ބަދަލުގައި މަންމަ، ބައްޕަ ކިއުން ކިހާ ރީތި ހެއްޔެވެ. "ހައު އާ ޔޫ؟" ބުނުމުގެ ބަދަލުގައި ހާލު ކިހިނެތްހޭ އަހާލުން ކިހިނެތް ވާނެ ހެއްޔެވެ. އަހަރެމެންގެ މިހާ ރީތި އަމިއްލަ ބަހެއް އޮއްވާ އިތުރު ބައެއްގެ ބަސް ބޭނުންކުރަނީ ކީއްކުރަން ހެއްޔެވެ. ނަމަވެސް މިހާރު ވާހަކަ ދައްކާއިރު ކޮންމެ ދެބަސް ދޭތެރެއަށް އިނގިރޭސި ލަފްޒެއް ނުލައި ވާހަކަ ދެއްކޭ ކަމަކަށް ނުވެއެވެ. ދިވެހީންނަށް ވެތިބެ ހަގީގަތުގައި ލަދު ގަންނަން ޖެހޭނީ މިކަމާ ނޫންތޯއެވެ؟

އެރަށެއްގެ ބަހުރުވައިން ނުވަތަ އެ އަތޮޅެއްގެ ބަހުރުވައިން މައިންބަފައިންނާއި ދަރިން ވާހަކަ ދައްކާއިރު، އެ އޮންނަ ގާތްކަން އެހެން ބަހުރުވައަކުން ވާހަކަ ދެއްކުމުން ނޯންނާނެކަމަށް ދިވެހި މުދައްރިސް އަދި އަދަބީ ދާއިރާގައި ފުންނާބު އުސް ބޭފުޅެއްކަމުގައިވާ ރަޝީދާ އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

އެހެނިހެން ރޮނގު ރޮނގުންވެސް ތޫނުފިލިކަން ލިބިގެންދާނެ އަމިއްލަ ބަހުން، ބަހުރުވައިން ވާހަކަ ދެއްކުމުން. މިހާރުވެސް ބަހުރުވައިގެ ގިނަ ބަސްތަކެއް ވަނީ ގެއްލިގެން ގޮސްފަ. މިހާރު ނެތިގޮސްފައިވާ އެކިއެކި މުހާވިރާތައް އަލުން ހޯދައި ކުރިއަށް އޮތް ޖީލުތަކަށް އެބައެއްގެ ބަހުރުވައިގެ މުއްސަނދިކަން އަންގައިދޭންޖެހޭ.
ރަޝީދާ އިބްރާހިމް

ދިވެހިބަސް ރައްކާތެރި ކުރެވޭނީ ބަހާމެދު ދެކޭ ގޮތް ބަދަލުކޮށްގެން ކަމަށް، މިނިސްޓަރ އޮފް އާރޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު މާދަރީ ބަހުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.

މިއަދު ގިނަ ކުޑަކުދީންނާއި ޒުވާނުން ވިސްނަނީ އިނގިރޭސި ބަހުން. ވާހަކަ ދައްކަނީ އިނގިރޭސި ބަހުން. މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް. މިއީ ބަސް އުވިގެންދާން މެދުވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް. މިހެންވުމުން ދިވެހިބަސް ރައްކާތެރި ކުރެވޭނީ ބަހާމެދު އަޅުގަނޑުމެން ދެކޭ ގޮތް ބަދަލުކޮށްގެން
މިނިސްޓަރ ޔުމްނާ މައުމޫން

ބަސް ދިރުވާ އާލާކުރުމަށް އެންމެން އަތުކުރި އޮޅާލަންޖެހޭ

ދިވެހިބަސް ރައްކާތެރި ކުރުމަށް ކޮންމެ ދިވެހި ރައްޔިތަކުމެ އެމީހެއްގެ ފެންވަރުން މަސައްކަތް ކުރަން ޖެހޭނެއެވެ. މައިންބަފައިން ދަރިންނާއި ދިވެހި ބަހުން ވާހަކަ ދެއްކުމަކީ ނުހަނު މުހިންމު ކަމެކެވެ. އިނގިރޭސި ބަހުން ލިޔެފައިވާ ވާހަކަ ފޮތްތައް ގަނެދިނުމުގެ ބަދަލުގައި ދިވެހި ވާހަކަ ގަނެދީ އެއަށް ކުޑަކުދިން އަހުލުވެރިކުރުވާށެވެ. މީގެ އިތުރުން ސުކޫލު ތަކުގައިވެސް މާދަރީ ބަހުގެ ދުވަސްފަދަ ދުވަސްތައް ވީހާވެސް ކުލަގަދަކޮށް ފާހަގަކޮށް ދިވެހިބަހާމެދު ދަރިވަރުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ގަދަރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. 2019 ވަނަ އަހަރު ދުނިޔޭގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ޔުނެސްކޯގެ "އެޓްލަސް އޮފް ދަ ވޯލްޑްސް ލޭންގުއޭޖްސް އިން ޑޭންޖަރ" އާއި ހަވާލާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ 2465 ބަހެއް މިހާރުވެސް ވަނީ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިވެފައި ކަމަށާއި، 230 ބަހެއްވަނީ 1950 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ނެތިގޮސްފައިކަމަށެވެ.

ދިވެހިބަސް ދިރުވައި ދެމެހެއްޓުމަށްޓަކައި ކުޑަކުދީންނަށް ހާއްސަ، ދިވެހި ކާޓޫނާއި ޑްރާމާއި އަދި ތަމްސީލާއި ފިލްމު އުފެއްދުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މިނިސްޓްރީ އޮފް އާޓްސް އިން މިހާރުވެސް ކުރެވިދާނެކަމެއް. އޭގެ އިތުރުން ކުޑަކުދީންނާއި ފުރާވަރު ކުދިންނަށް ހާއްސަކޮށްގެން ވާހަކަ ފޮތް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޭއްވުމަކީވެސް ކުރެވިދާނެކަމެއް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން ބަވަނަވަމުންމިދާ ދުނިޔޭގައި ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކޮށް ދިވެހި ބަހުގެ ގާނޫނެއް އޮންނައިރު އެ ގާނޫނު ތަންފީޒު ކުރުމަކީ އެޅިދާނެ ހަރުދަނާ ފިޔަވަޅެކެވެ.

ދީނާއި، ސަގާފަތާއި އާދަކާދަ މި ހުރިހާ އެއްޗެއް ދައްކައިދޭ އެއްޗަކީ ބަސްކަމަށް ވާއިރު ބަހެއް ނެތި ދާއިރު މިހުރިހާ އެއްޗެއް ނެތިގެންދާނެއެވެ. އެހެންކަމުން ދިވެހިބަސް ރައްކާތެރި ކަމާއެކު ކުރިއަށް އޮތް ޖީލަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެކެވެ.