އަލުތްވަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އެއީ އަހަރުމެންގެ ކެއްކުމުގައި މުހިއްމު ދައުރެއް އަދާކުރާ ބާވަތެކެވެ. އެއްބަޔަކު އަލުވި ކަނީ ތެތްލައިގެން ކުޑަކޮށް މުރަނަކޮށް ފްރައިޒް ހަދައިގެންނެވެ. އަނެއް ބަޔަކަށް އަލުވި މީރީ ހިކިކޮށް ރިހަ ހަދައިގެންނެވެ. ތަފާތު ހެދިކާ ހަދާއިރު ވެސް އަލުވި ބޭނުންކުރެއެވެ.
ދައްކަން މިއުޅެނީ އަލުވިން ސިއްހީ ގޮތުން ލިބޭ ފައިދާގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އަލުވިން މޫނު ހަންގަނޑު ރީތި ކުރުމަށް ކުރެވިދާނެ ކަންތައްތައް އަދި އެއްޗިހި ސާފުކުރުމަށް އަލިވި ބޭނުން ކުރެވިދާނެ ގޮތްގޮތުގެ ވާހަކައެވެ.
މޫނަށް އަލުވި ވަރެއް ނެތް:
މޫނުގައި ލަކުނު އުފެދެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ މޫނުން ނަގާ ބިހިތަކެވެ. ބިހިތަކުގެ ސަބަބުން މޫނުގައި އުފެދިފައި ހުންނަ ލަކުނުތައް ފިލުވުމަށް އަގުބޮޑެތި ޕްރޮޑަކްޓުތައް ބޭނުން ކުރާއިރު ދާއިމީ ފަރުވާ އެއް ލިބުނަސް އޭގައި ހިމެނޭ ކެމިކަލް ތަކުން ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މީގެ ބަދަލުގައި ގުދުރަތީ ބާވަތްތަކުގެ އެހީގައި ހަމުގައި އުފެދޭ ލަކުނުތައް ފިލުވާލުމަކީ މުހިންމު ކަމެކެވެ.
އަލުތްވަކީ މޫނުން ނަގާ ބިއްސާއި އޭގެ ލަކުނުތައް ފިލުވާލަދޭން އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން މޫނުގެ ކުލަ އަލިކުރުމަށް ވެސް އަލުވި އެހީތެރިވެ ދެއެވެ. އަލުވި އެއް ދޮވެ ސާފު ކުރުމަށްފަހު ގާނާލާށެވެ. އަދި ސާފު ފޮތިކޮޅަކުން އޭގެ ދިޔަ ފެލާލާ އެ ދިޔަ މޫނުގައި ހާކާލާށެވެ. ދެ ގަޑިއިރުވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ދޮވެލާށެވެ. މިއީ ގޭގައި ފަސޭހައިން ކުރެވިދާނެ ފަރުވާތަކެވެ.
މީގެ އިތުރުން އަލުއްވަކީ ލޯ ކައިރި ކަޅުވުމުން ދުރުކޮށްދޭ ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަލުވި ބޭނުން ކޮށްގެން ލޯ ކައިރި ކަޅުވުމުން ސަލާމަތްވުމަށްޓަކައި ފުރަތަަމަ އަލުއްވެއް ރީތިކޮށް ދޮވެ ސާފު ކޮށްލާށެވެ. އަދި ތުނިކޮށް އަލުވި ފޮތި ކޮށްލުމަށްފަހު ލޯ ކައިރީގައި ކަޅުވެފައި ހުންނަ ތަނުގައި އަޅާށެވެ. ހަމައެހެންމެ އަލުވި ގޭނުމަށްފަހު ތުނި ފޮތިކޮޅެއްގެ ތެރެއަށް ލުމަށްފަހު ލޯ ކައިރީގައި ފޮތި ކޮޅު ޖައްސައިގެން ވެސް އަލުވި ބޭނުން ކުރެވިދާނެއެވެ. އަދި އަލުވި ދިޔައިން ކަފަ ކޮޅެއް ފޯ ކޮށްލުމަށްފަހު ކަފަ ކޮޅު ވެސް ލޯ ކައިރީގައި ޖެއްސި ދާނެއެވެ.
ސާފުކުރުމަށް ވެސް އަލުވި ބޭނުންކުރޭ!
އަލުއްވަކީ ތަފާތު އެހެނިހެން އެއްޗިހި ސާފުކުރުމަށްވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. މިގޮތުން ވަޅި އާއި ކަތުރުފަދަ ތަކެތި އަލުވިން ސާފުކުރެވިދާނެއެވެ. މިގޮތުން ރޯ އަލުވި ފޮތިކުރުމަށްފަހު ތަށިދޮންނަން ގެންގުޅޭ އެއްޗަކާއި ކުޑަ ބޭކިން ސޮޑާކޮޅެއް އަލުވި ފޮތީގައި އުނގުޅާލާށެވެ. އެއަށްފަހު ވަޅި އާއި ކަތުރުފަދަ ތަކެތީގެ މިޔާގައި އުނގުޅިފައި ހުންނަ އެއްޗިހީގައި އުނގުޅާލާށެވެ.
މީގެ އިތުރުން ތަށިމުށި ނުވަތަ މިފަދަ އޮމާން ތަނަކަށް ވެއްޓި ބިއްލޫރި އެއްޗެއް ތަޅައިގެން ދިއުމުން ވެސް އަލުވި ބޭނުންކޮށްގެން ކުދި ބިއްލޫރިކޮޅުތައް ސާފުކުރެވިދާނެއެވެ.
މިގޮތުން އަލުއްވެއް ފަޅާލާފައި އެ މުށިތަކުގައި ކާއްތާލުމުން ލޮލަށްނުފެންނަ ވަރުގެ ކުދި ބިއްލޫރި ކޮޅުތައްވެސް އަލުވީގައި އުނގުޅި ސާފު ވާނެއެވެ. މިގޮތަށް ސާފު ކުރާއިރު ރައްކާތެރި ގޮތަކީ އަތަށް އަންގިއެއް ލައްވައިގެން އުޅުމެވެ.