"ހޫމް... ދެން އޭނަ އައީ އަހަރެމެން ގެއަށޭ... މަށަށް ވެސް ވަރަށް އިންޒާރު ދިން... މަ ބުނިން ބޭވަފާ ވީމަ ދެން ނޫޅެވޭނޭ... މަ ބްރޭކްއަޕް ވީ އޭނާގެ މިސްޓޭކެއް ފެނިގެން ދޯ... އެވަރުން ވެސް އޭނާ ދެރައެއް ވެސް ނުވޭ. ކުރެވުނު ކަންތަކަށް މައާފަށް ވެސް އެދޭކަށް ނޫޅުނު. އޭނާ ފުއްޕަމުން ދިޔައީ.. އެންމެ ފަހުން މަށާ ދިމާލަށް ބުނީ، މަށަށް އެހެން ބިޓެއް ފެނުނީ ކަން އެނގެޔޯ... ބަލާނަމޯ އެމީހަކާ އެކީ އުޅެވޭތޯ... ބަހައްޓާ.. އެހެން ފުއްޕަފުއްޕާފަ ޖެހޭނީ މައިތިރިވާން..." ނޫރާ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެން އިނދެއެވެ.
ނުރާގެ ކޮނޑުގައި އަތް ޖައްސާލަމުން ނޫރާގެ މޫނަށް މިޒޫ ބަލާލިއެވެ. "އަސްލު ވާހަކައެއް އަހާލަންތަ؟ އާޔޫ އޯކޭ... އަޖޫ އެކަހަލަ ކަމެއް ކުރީމަ ދެރަވާނެ ކަން ވެސް އިނގޭ... މީގެ ކުރިންވެސް އަޖޫގެ ފަރާތުން އެހެން މައްސަލަތައް ފެނުމުން ވެސް ނޫރާ ހުރީ ދޯ އޭނާ ރަނގަޅު ވޭތޯ؟... ތިހާ ދުވަހު އެއްކޮށް އުޅެފަ އަޖޫ އެހެން ހެދީމަ ވަރަށް ބްރޭކް ވާނެ..."
ޗޮކެއް ކަނޑާލަމުން ނޫރާ ދެރަ ނުވާ ކަމަށް ބުންޏެވެ. ދެ އަހަރު ދުވަހުގެ އެ ގުޅުމުގައި އެތައް މައްސަލައެއް ޖެހި އެ ކަންކަން ހައްލު ކުރަން އަދި އަޖޫ ބަދަލުވޭތޯ ނޫރާ ލައްކަ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ އުޅުމަށް ބަދަލެއް ނުގެނެސް އުޅެމުން ދިއުމުން ނޫރާ ހުރީ އަޖޫ މަތިން ފޫހި ވެފައެވެ. އެތައް ފަހަރަކު އެ ގުޅުން ކަނޑާލާފައި ވެސް އެނބުރި އަޖޫއާ އެކީ އުޅެން އޭނާ ދަނީ ނުރާ ވީ ލޯތްބެއްގެ ބޮޑު ކަމުންނެވެ. ނަމަވެސް އެވަރު އަޖޫއަށް ބަލައިގަންނަން ނޭނގުނީއެވެ.
އެންމެ ފަހުން އަންހެން ކުއްޖެއް ގޮވައިގެން ރިސޯޓެއްގައި އުޅެފައި އަޖޫ އައި އިރު، އެ އަންހެން ކުއްޖާއަކީ މިޒޫމެން ރަށު ކުއްޖެކެވެ. އެ ދެމީހުން އެކުގައި ނަގާފައިވާ އެތައް ސްނެޕެއް އެ އަންހެން ކުއްޖާ މިޒޫއަށް ފޮނުވާފައި ވުމުން އަޖޫ ވީ ބޭވަފާތެރިކަން ފަޅާ އެރީ އެ ހިސާބުންނެވެ. އަޖޫއާއެކު އޮތް ގުޅުން އެއްކޮށް ކަނޑާލަން ނޫރާ ނިންމީ އަޖޫގެ އުޅުން އެއް ފަރާތްކޮށް ބޭވަފާތެރިކަން ނޫރާއަށް ހަަޖަމު ނުވީމައެވެ.
ނޫރާ ދެރަނުވާ ކަމަށް ބުނުމުން މިޒޫއަށް ވެސް ހަމަޖެހުމެއް ލިބުނެވެ. އެހެންކަމުން އެ ދެމީހުން އެކުގައި ރިވިޝަން ޕޭޕަރުތައް ހަދަން އުޅުނީ އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާ އިމްތިހާނަށް ތައްޔާރުވުމަށެވެ. ކިޔެވުމުގައި ވަގުތު ހޭދަ ކުރަމުން ދަނިކޮށް ނޫރާގެ ފޯނަށް ފުލުފުލުން މެސެޖްތަކެއް އަންނަން ފެށިއެވެ. ފޯން ނާގާ ނޫރާ ބަލައިލި އިރު އޭނާއަށް އެ މެސެޖް ކުރަނީ އަޖޫކަން އެނގުމުން ފޯން ސައިލެންޓަށް ލާފައި ދުރުގައި ބޭއްވިއެވެ.
އޭގެ އިރުކޮޅެއް ފަހެވެ. ދެން ނޫރާގެ ފޯން ދިއްލުމުން ބަލާލި އިރު އެ ގުޅަނީ އަޖޫއެވެ. ފޯނަށް ބަލަހައްޓައިގެން މިޒޫއާއި ނޫރާ އިރުގަނޑަކު ތިއްބެވެ. އަޖޫ ހުއްޓުމެއް ނެތި ގުޅަމުން ދިޔުމުން އަޅާނުލާށޭ ބުނެ ކިޔެވުމަށް ސަމާލުކަން ދޭން ނޫރާ މަސައްކަތް ކުރި ނަމަވެސް މިޒޫގެ މޫނުމަތިން ނުތަނަވަސްކަން ފެންނަ ފެށުމުން އެންމެ ފަހުން ނޫރާ ފޯން ނަގާ ސްވިޗް އޮފް ކޮށްލަން މަސައްކަތް ކުރިއެވެ. އެ ވަގުތު ވެސް ކޯލެއް އަންނަ ތަން ފެނުނެވެ. ނަމަވެސް ގުޅަނީ ކާކުކަމެއް ބެލުމެއް ނެތި ނޫރާ އޭނާގެ ފޯން ނިވާލީ އަޖޫއާ ހެދި ކިޔެވުމަށް ހުރަސް އެޅިދާނެތީއެވެ.
"ކީއްކުރަން ފޯން ތި ނިވާލީ.. ޔޫ ކުޑް ބްލޮކް ހިޒް ނަންބާ؟..." ފޯން ނިވާލާފައި ދުުރުގައި ފޯން ބޭއްވިތަން ފެނުމުން މިޒޫ ހިޔާލެއް ދިނެވެ.
"ބާއްވާ... ނަންބަރު ބްލޮކް ކޮށްފިއްޔާ އޭނާ އެކި މީހުންގެ ނަންބަރުން ގުޅަން ފަށާފާނެ.. މި ހެދީ އެންމެ ރަނގަޅަށް... މަންމަމެން ކައިރީވެސް ބުނިން ލަސްވާނެޔޭ... އެންޑް މަށަށް ނުގުޅިއްޖިއްޔާ މިޒޫއަށް ޒޫނާ ގުޅާނެއްނު..." ނޫރާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފައި އޭނާ ހުޅުވައިގެން އިން ފޮތަށް ބަލާލުމުން މިޒޫ އިންތަނުން ތެދުވިއެވެ. މިޒޫ ތެދުވީ ކީއްކުރަންތޯ ނޫރާ އަހާލުމުން އެ ދެމީހުން ކާލަން ކޮންމެ ވެސް ކޫސަނި އެއްޗެއް ހިފައިގެން އަންނަން ކަމަށް ބުނެ މިޒޫ ކޮޓަރިން ބޭރަށް ނިކުތެވެ.
ކިޔެވުމުގައި ވަގުތު ހޭދަ ކުރަމުން ދިޔަ އިރު ނޫރާގެ ފަރާތުން ހާސްކަމުގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. މިރޭ ކިޔެވުމަށް ކުރި ޕްލޭން ހަރާބު ވެދާނެތީ އެކަމާ ވިސްނަމުން ދިޔަ މިޒޫގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެން އެމީހުން ތިއްބާ މިޒޫގެ ފޯނަށް އެ މީހުން ކްލާހުގައި އުޅޭ ފިރިހެން ކުއްޖަކު މެސެޖު ކޮށްލުމުން އެ މެސެޖު ބަލާލަން މިޒޫ އަވަސްވެގަތެވެ.
މެސެޖު ހުޅުވާލާފައި ކިޔަން އިން މިޒޫ ހައިރާން ކަމާއެކު ނޫރާގެ މޫނަށް ބަލާލިއެވެ. އެ މޫނު މަތިން ނޫރާއަށް ފެނުނު ނުތަނަވަސް ކަމުން ވީ ކީއްތޯ ބަލަން އޭނާ ސުވާލު ކޮށްލިއެވެ. އެއާއެކު މިޒޫގެ ފޯން ނޫރާއަށް ދިއްކޮށްލީ އެކުވެރިޔާ ފޮނުވި މެސެޖް ދައްކާލާށެވެ.
ފެނުނު މަންޒަރުން ނޫރާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ރޯންވީ ކަމެއް ރުޅިއައިސްގެން ހަޅޭއްލަވައިގަންނަން ވީ ކަމެއް އޭނާއަކަށް ނޭނގުނެވެ. ފޮނުވާފައި ހުރި މެސެޖުތަކަށް ބަލަން އިން ނޫރާގެ ދެލޯ ކަރުނުން ފުރުނު އިރު ވެސް އޭނާ ގަބުވެފައި އިން ގޮތުން މިޒޫ ހިތުގައި ޖެހުނެވެ. ނޫރާ ކައިރިއަށް އައިސް ހިތްވަރު ދިނުމަށް ވެސް ބުނާނޭ އެއްޗެއް މިޒޫއަކަށް ނުވިސްނުނެވެ.
މިއަދު އަޖޫ އެ ކުޅުނީ ނޫރާގެ މުޅި ދިރިއުޅުމާއެވެ. އޭނާގެ މުޅި ހަޔާތް ބަރުބާދުކޮށްލަން އޭނާ ކުޅުނު ކުޅިވަރު ކިތަންމެ ހާ ވެސް މޮޅު ވެފައި ކާމިޔާބެވެ. އެކަމުން ދުވަހަކުވެސް އަރައިނުގަނެވޭނެ ކަން ނުރާއަށް އެނގުމުން އޭނާ ދުވެފައި ގޮސް ފާހާނާއަށް ވަނީ ހިތުގައި ޖެހިފައި ހުރި ވަރުން މިޒޫ ކުރިމަތީ އިނދެ ރޯން ބޭނުން ނުވާތީއެވެ.
ފާހާނާ ތެރޭ ހުރި އިރު ނޫރާގެ ދެފައިކޮޅު ތުރުތުރުލަމުން ދިޔަ ކަން އޭނާއަށް އިހްސާސްވިއެވެ. މިއީ ހާސްވެ ކަންބޮޑުވިޔަސް މީގެ ކުރިން ނޫރާއަށް ވީގޮތެއް ނޫނެވެ.
ސިންކު ކައިރިއަށް ޖެހި އޭނާ މޫނު ދުވެލަން ހިތަށް އެރިއެވެ. އެ ވަގުތު ނޫރާގެ އަތުން ޖެހި އެތާ ހުރި ބިއްލޫރި ފުޅިއެއް ވެއްޓި ތަޅައިގެން ދިޔައެވެ. އެ އަޑަށް މިޒޫ އައިސް ދޮރުގައި ޓަކި ޖަހާލީ ނޫރާ ހުރި ހާލަތު އޮޅުން ފިލުވުމަށެވެ. އޭނާ އަތުން ޖެހި އެތާ ހުރި ފުޅިއެއް ވެއްޓި ތެޅުނީ ކަމަށް ބުނުމުން އެއީ މައްސަލައެއް ނޫން ކަމަށް މިޒޫ ބުނެލީ ނުރާ އެކަމާ ވެސް ކަންބޮޑުވެދާނެތީއެވެ.
ހިތް ފަޅައިގެން ގޮސް ނޫރާ ރޮމުން ދިޔަ އަޑު މިޒޫއަށް އިވުނެވެ. އިތުރަށް ދޮރުގައި ޓަކި ނުޖަހާ މިޒޫ ފާހާނާ ދޮރު ކައިރީ މަޑުކޮށްގެން ހުރި އިރު ނޫރާގެ ވޭނީ ރުއިމުގެ އަޑުން މިޒޫއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެކުވެރިޔާއަށް ޖެހިފައިވާ މުސީބާތުން އޭނާ ސަލާމަތް ކޮށް ދިނުމަށް ކުރެވޭނެ ކަމަކާ މެދު ވިސްނަމުން ދިޔަ ނަމަވެސް ހެދޭނެ ގޮތެއް އޭނާގެ ހިޔާލަކަށް ނައެވެ.
ފާހާނާ ތެރޭ ތަޅުން ގަނޑު މަތީ އިށީނދެގެން އިން ނޫރާ އޭރުވެސް ދިޔައީ ރޮމުންނެވެ. އެ ވަގުތު ނޫރާއަށް ފެނުނީ ތަޅުންމަތީ ވިއްސިވިހާލިވެފައިވާ ފުޅިތޮށިތަކެވެ. އެއީން ފުޅިތޮޅިގަނޑެއް ނަގާ އެއަށް ބަލަން އިރުކޮޅަކު އިނެވެ. އަމިއްލަ މީހާގެ ބަދުނަސީބު ކަން ހިތަށް ވެރިވެ، ދެން އޭނާއަށް ކުރިއަށް ނުދެވޭނެ ކަން އިހްސާސް ވިއެވެ. ދެކެމުން އައި ހުވަފެންތައް ވެސް އެ ބިއްލޫރި ފުޅި ހެން ކުދިކުދިވީ ކަމަށް ނިންމާ އަތުގައި އޮތް ފުޅިތޮށިގަނޑު އޭނާގެ އަތުގެ މުލައްދަނޑިގައި އަޅަން ފެށިއެވެ. ރޮމުން ހަޅޭއްލަވަމުން އަމިއްލަ ހަށިގަނޑަށް ދެމުން ދިޔަ އަނިޔާތަކުން ވެސް ނޫރާއަށް ތަދުގެ މިންވަރެއް ވެސް އެ ވަގުތު އިހްސާސް ނުވާ ކަހަލައެވެ.
*** *** *** *** *** ***
ފުން ނޭވާއެއް ދޫކޮށްލަމުން ނޫރާ އޭނާގެ މަންމަގެ މޫނަށް ބަލާލީ އެ ވާހަކަތައް ކިޔައިދީ ނިމުނު އިރުވެސް ޒުުލޭހާ ބަހެއް ނުބުނެ އިނުމުންނެވެ. ހިހޫވެފައިވާ ކޮފީތަށި ނަގާ އެއް ފަހަރުން ނޫރާ ދަމާލީ އޭނާގެ އަރުތެރެ ހިކިފައި ހުރުމުންނެވެ. ހުސް ކޮފީތަށީ މޭޒުމަތީ ބެހެއްޓުމުން ޒުލޭހާ އޭނާގެ ހަގު ދަރިފުޅުގެ މޫނަށް ބަލާލިއެވެ. އެއީ ދޮގެކޭ ބުނާށޭ ބުނަން ޒުލޭހާ ބޭނުންވިއެވެ. ނަމަވެސް ނޫރާގެ ވާހަކަތަކުން އެ ހެދީ ދޮގެއް ނޫން ކަން ޒުލޭހާއަށް ޔަގީން ވިއެވެ.
"މަންމާ... ޒޫނާއަކީ ގޯސް މީހެއް ނޫން... އޭނާ އަބަދުވެސް އައީ އަހަރެންގެ ދިފާއުގައި ވާހަކަ ދައްކާ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެހީވަމުން... މިއަދު މި ހިސާބުގަައި އަހަރެން މިހުރީ ވެސް ޒޫނާއާ ހެދި.. މަންމަ ރުޅި އަންނަންޏާ އަންނަންވީ އަހަރެން ދެކެ.. ޒޫނާގެ އެއްވެސް ކުށެއް ނެތް... އިނގޭ މި ވާހަކަ ބުނަން ލަސްވެސް ވެއްޖެ. އެކަމަކު ދެން އެ ސިއްރު ހިފަހައްޓައިގެން ނުހުރެވޭނެތީ މި ކިޔައި ދިނީ.... މަންމާ އަހަރެންނަށް މައާފު ކުރޭ..."
ނުރާ އިން ތަނުން ތެދުވި އިރު ވެސް ޒުލޭހާ އިނީ ހިމޭނުންނެވެ. ހަގީގަތް ސާފުވީ ދުވަހު ޒުލޭހާ އިނީ ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ޒުލޭހާ އަނގައިން ނުބުނާނެ ކަން ނޫރާއަށް އެނގުމުން ގެއަށް ދާން ހިނގައިގަންނަން އުޅެނިކޮށް ނޫރާގެ ފޯން ރިންގް ވުމުން ހުއްޓި ފޯނަށް ބަލާލިއެވެ.
- ނުނިމޭ -