ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށް ސައުދީ އަރަބިއާއިން އިސްވެ ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ހައްލެއް ހޯދުމަށްޓަކައި ސައުދީ އަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދު ކުރާކަމަށެވެ.

ސަޢުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުހައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންއާގައި އޭޕްރިލް މަހުގެ 8 އިން 13 އަށް ސައުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތަކުގެ ރަނގަޅު ނަތީޖާ ފެންނަމުން ދާކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ގޮތުން މިނިސްޓްރީންވަނީ ސައުދީ އަރަބިއާގެ ވަފުދުގެ މިބައްދަލުވުންތަކަކީ މާޗް 2021 ގައި އިއުލާނު ކުރެވުނު ސައުދީ އިނީޝަޓިވް އާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އޭޕްރިލް 2022ގައި ޔަމަނުގައި ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވާކަމަށެވެ. އަދި މިކަން އ.ދ. އިން އިއުލާނު ކުރީއްސުރެ އެގައުމުގެ މަސްރަހަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ މައްޗަށް ބިނާކުރެވިގެންދިޔަ ބައްދަލުވުންތަކެއްކަން ފާހަގަ ކުރެވިގެން ދިޔަކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީންވަނީ ޔަމަނުގައި ތަރައްގީ އާއި ފާގަތިކަމާއި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ޔަމަނުގެ ރައްޔިތުން ދެކެމުންދާ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ޔަމަނުގެ ގާނޫނީ ސަރުކާރަށާއި ޙޫޘީންނަށް ގޮވާލާފައެވެ.