ފެނަކައިން ކުންފުނިތައް ލައްވާ މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދީ ލަސްވާ މައްސަލަ އަވަސްކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުމެވެ.

މި ގަރާރުގައި ބުނެފައިވަނީ ފަނަކައިން ވިޔަފާރީގެ މުއާމަލާތް ކުރުމަށްފަހު ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެއް ގިނަ އަދަދެއްގެ ފައިސާއިން ދަރާފައިވާ ކަމަށެވެ. އަދި އެ ފައިސާ ނުލިބުމުގެ ސަބަބުން އެ ކުދި ވިޔަފާރިތަކަށް މާލީ ދަތިތަކާ ކުރިމަތިވެ މުވައްޒަފުންނަށް މުސާރަނުދެވި އަދި ކުލިދެއްކުންފަދަ ކަންކަން ހަމަޖައްސަން ދަތިވެ ބައެއް ވިޔަފާރިތައް ހުއްޓި ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ފެނަކަ އޮފީސް ދޮރުމަތީގައި މުޒާހަރާކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަންވެސް ގަރާރުގައި ވަނީ ފާހަގަކޮށްފައިވެއެވެ. އަދި ފެނަކައާމެދު ވިޔަފާރިތަކާއި އާންމުންގެ އިތުބާރުވެސް ގެއްލިފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ހަމައެހެންމެ ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުލިބިވަނިކޮށް، ވެރިކަމުގެ މިދައުރު ނިމިއްޖެނަމަ، އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް އެ ވިޔަފާރިތަކަށް ލިބޭނޭކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ގަރާރުގައި ބުނެއެވެ.

އަދި ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދޭ ސަބަބާއި ފެނަކައިގެ ދަރަނި ބޮޑުވަމުންދާ ސަބަބާއި އެކަންކަމަށް ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ފެނަކައިގެ މެނޭޖްމަންޓް އޮޑިޓަކާއި ފައިނޭންޝަލް އޮޑިޓެއް ހަދައި ކައިރި މުސްތަގުބަލެއްގައި ދަރަނި އަދާކުރެވޭނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށްވެސް ގޮވާލާފައިވެއެވެ.

މީގެކުރިން މި މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް އެ މައްސަލަ ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.