އެމެރިކާގެ މޮންޓާނާ ސްޓޭޓްގައި ޓިކްޓޮކް ބޭނުންކުރުން މަނާކޮށް، އެޕް ސްޓޯރުންވެސް ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތް ހެދުމަށް ބިލެއް ފާސްކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު މި ބިލަށް ވޯޓަށް ހުށަހަޅާފައި ވާއިރު ވޯޓުގައި ބައިވެރިވި 54 މީހުންވަނީ މޮންޓާނާގައި ޓިކްޓޮކް މަނާކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައެވެ. އަދި މި ބިލާ ދެކޮޅަށް 43 ވޯޓު ލިބިފައި ވާއިރު މި ބިލު އަމަލުކުރަން ފަށާނީ މޮންޓާނާ ރިޕަބްލިކަންގެ ގަވަރުނަރު ގްރެގް ޖިއަންފޯޓޭ އެޕްރޫވްކޮށް ސޮއިކުރުމުންނެވެ.

ގަވަރުނަރު ގްރެގް ޖިއަންފޯޓޭ މި ބިލު އެޕްރޫވްކޮށް ސޮއިކޮށްފިނަމަ އެޕަލް ސްޓޯރު އަދި ގޫގަލް އިންވެސް ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭނެއެވެ. އަދި މި ބިލަށް ޖެނުއަރީ 1، 2024 ގައި އަމަލުކުރަން ފަށާނެއެވެ. މި ބިލަށް އަމަލުކުރަން ފަށާ ހިސާބުން އެއްވެސް ގޮތަކަށް މޮންޓާނާގައި ޓިކްޓޮކް ބޭނުންކޮށްފިނަމަ 10،000 ޑޮަލަރުން ޖޫރިމަނާކުރާނެކަމަށްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ޗައިނާގެ ބައިޓްޑާންސް އިން ހިންގާ ޓިކްޓޮކް މެދުވެރިކޮށް ޔޫޒަރުންގެ އަތުން އެއްކުރާ ޑޭޓާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ މޮންޓާނާގައި ޓިކްޓޮކް މަނާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، މިހާރު ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް އަންނަނީ ޗައިނާއިން ޖާސޫސީ މައުލޫމާތު އެއްކުރާކަމަށް ތުހުމަތުކޮށް ޓިކްޓޮކް މަނާކުރަމުންނެވެ.

މޮންޓާނާއިން ޓިކްޓޮކާ ދެކޮޅަށް ފާސްކޮށްފައިވާ ބިލާ ގުޅިގެން ޓިކްޓޮކު ހިންގާ ބައިޓްޑާންސް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ގޮތުން މިބިލާ ދެކޮޅަށް ގާނޫނީ ގޮތުން މައްސަލަ ޖެއްސުމަށް ބައިޓްޑާންސްއިން ތައްޔާރުވަމުން އަންނައިރު މި ބިލުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބެމުންދާކަމަށްވެސް ބައިޓްޑާންސް އިން ވަނީ ހާމަކޮށްފައެވެ.