ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތު އެއް ގަޑިއިރަށް އިތުރުކުރުމުން، އެ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްއެންޕީން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތު ހަވީރު 5 އަށް އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެ ކޮމިޝަނުން ބުނީ، ވޯޓުގެ ވަގުތު އިތުރުކުުރުމަށް ނިންމާފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ދާއިރާގެ މީހުންނަށް ވޯޓުލާން ދިއުމަށް ދަތިވެފައިވާތީ ކަމަށެވެ.

މިކަމާ ގުޅިގެން، އިދިކޮޅު ޕީޕީއެމާއި އެމްއެންޕީގެ ދެ ނައިބު ރައީސުން ވަނީ ސޯޝަލް މީޑިއާގައި ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންގެ ވަގުތަށް ބަދަލު ގެނެސްފައި ވަނީ ޕީޕީއެމާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށާއި އެ ޕާޓީން އެކަން ބަލައިނުގަންނާނެ ކަމަށެވެ.

"މިއީ ސީދާ ވޯޓުން ސަރުކާރު ބަލިވާނެ ކަން އެނގޭތީ ޖަރީމާ ހިންގަން ކުރި ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

އިންތިހާބުތަކުގައި ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން ބޭނުންވާއިރަށް ކުރެވޭ ކަމަށް ވިދާޅުވެ، އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވި ގޮތުގައި، އޭގެ ބަދަލުގައި، އިންތިހާބުތަކުގެ ވަގުތު އިތުރުކުރެވޭނެ ފަދަ ހާލަތްތައް ލިޔުމުން ފެންނަން އޮތުން މުހިންމެވެ. އިންތިހާބުތަކުގެ ވަގުތު ކަނޑައެޅުމުގައި އެއްވެސް ހަމައެއް ނެތް ކަމަށް ވިދާޅުވެ، އުޝާމް ވަނީ އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަނީ، އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ކުރީގެ މެންބަރު އިބްރާހީމް ރިޒާ، ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެރޭ މެލޭޝިއާގައި އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމުންނެވެ

ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެ ތިން ކެންޑިޑޭޓުންނަކީ:

  • އިބްރާހީމް ޝާޒް (އެމްޑީޕީ)
  • ހުސައިން ރިޒާ (ޕީޕީއެމް)
  • އަލީ އަރީފް (އެމްއެންޕީ)

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގައި 3،423 މީހަކަށް ވޯޓުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އެ ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަދު މެންދުރުފަހު 2 ޖެހުމާ ހަމައަށް 1،766 މީހުން ވޯޓުލާފައި ވެއެވެ. އެއީ އެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ 48.4 ޕަސެންޓު މީހުންނެވެ.