ޕީއެސްޖީގެ ޑިފެންޑަރު އަޝަރަފް ހަކީމީގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޯދުމަށް އޭނާގެ ކުރީގެ އަނބިމީހާ ހިބާ އަބޫކު ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

މި އަހަރުގެ ފެބްރުއަރީ މަސްތެރޭ އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ހަކީމީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ އެކުއޭނާ ގާތުން ހިބާ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ މިލްކިއްޔާތުން 50 ޕަސެންޓް ހޯދުމަށް އެދިފައެވެ.

ހިބާ ހުށަހެޅި މައްސަލައާއި ގުޅިގެން ކޯޓުން ބެލިބެލުމުގައި ހަކީމީގެ މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަކީމީ އަށް މަހަކު އެއް މިލިއަން ޔޫރޯ ލިބެއެވެ. އެހެންނަމަވެސް އޭނާގެ މިލްކިއްޔާތުގައި ގެއެއް، ކާރެއް، އަންނައުނެއް އަދި ގަހަނާއެއްވެސް ނެތް އިރު އޭނާއަށް ލިބޭ ހުރިހާ ފައިސާއެއް ޖަމާކޮށްފައި ވަނީ އޭނާގެ މަންމަގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.

ހަކީމީގެ ހުރިހާ މުދަލަކާއި ފައިސާއެއް އޭނާގެ މަންމަ ފާތިމަގެ ނަންމަތީގައި ހުރި އިރު ހިބާ ވަނީ މިއީ އޭނާ ވަރިވާން ހުށަހެޅުމުން ހަކީމީ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ. މިކަމާ ގުޅިގެން ހިބާ ނެރުނު ބަޔާނުގައި ވަނީ ހަކީމީގެ މުދާ ބަދަލު ކުރުމަށް ހެދި އެގްރީމަންޓްގައިވާ ގޮތުން އޭނާ ކަމަކަށް އެދި ބުނަން ޖެހެނީ މަންމަ ގާތުގައެވެ. އަދި އެއްޗެއް ގަންނަން ބޭނުންވިޔަސް އެކަން ކޮށްދެނީ މަންމަ ފާތިމާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ހަކީމީ އާއި ހިބާ ރައްޓެހިވީ 2018 ވަނަ އަހަރުއެވެ. އަދި 2020 ވަނަ އަހަރު ކައިވެނިކޮށްފައި ވާއިރު، މި ކައިވެންޏަށް 2 ކުދިން ލިބިފައި ވެއެވެ. ހިބާ އަކީ ހަކީމީ އަށްވުރެ 12 އަހަރު ދޮށީ މީހެކެވެ.