ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އިންޑިއާގެ އަންހެން މީހާ ތިން ދުވަހަށް ބަންދުކޮށްފިއެވެ.

މަސްތުވާތަކެއްޗާ އެއްކޮށް އުމުރުން 56 އަހަރުގެ އެ އަންހެން މީހާ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި އަތުލައިގެންފައި ވަނީ، މަސްތުވާތަކެތި އެތެރެކޮށްފާނެ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އޭނާ ބަލައި ފާސްކުރުމަށް ފަހުގައި ކަމަށް، ކަސްޓަމްސް އިން އިއްޔެ ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، އެ އަންހެން މީހާގެ އަތް ދަބަހާއި ލަގެޖު ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، އެ ތަކެތި ހެރޮއިނަށާއި ކޮކެއިނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެ މައްސަލައިގައި ކްރިމިނަލް ކޯޓަށް އޭނާ އިއްޔެ ހާޒިރުކުރުމުން، ތިން ދުވަހަށް އޭނާ ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އޭނާ އަށް ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ، ދެން ބާއްވާ ޝަރީއަތުގެ މަޖިލީހަށް ތަރުޖަމާނަކު ހާޒިރުކުރުމަށް، އެ އަންހެން މީހާގެ މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރަށް ކޯޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަސްޓަމްސް އިން އިއްޔެ އާންމުކުރި ތަފްސީލުގައިވާ ގޮތުން، އެ އަންހެން މީހާ ވަނީ ޖުމްލަ 5.38 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައެވެ. އެއީ 4.2 ކިލޯގެ ހެރޮއިން، އަދި 1.18 ކިލޯގެ ކޮކެއިނެވެ. އެ ތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ހިދުމަތުން ބުނީ، މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި މަސްތުވާތަކެއްޗާ އެކު އެ އަންހެން މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.