ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި 14 ރަށުގެ ތެރެއިން އެންމެ ގިނައިން ބިޑް ހުށަހަޅާފައި ވަނީ ހއ. އަލިދުށްފަރުފިނޮޅާއި ތ. އޮޅުފުއްޓާއި އޮޅުފުށި ފިނޮޅަށް ކަަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރިސޯޓް ތަރައްގީ ކުރަން ހުޅުވާލި ރަށްތަކުގެ ތެރެއިން ހއ. އަލިދުށްފަރުފިނޮޅަށް ލޭންޑް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ އެންމެ ދަށް އަގަކީ 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ) އެވެ. އަދި ތ. އޮޅުފުއްޓާއި އޮޅުފުށި ފިނޮޅަށް ލޭންޑް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަން ޖެހޭ އެންމެ ދަށް އަގަކީ ހަތް ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ) އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ހއ. އަލިދުށްފަރުފިނޮޅަށް ފަސް ފަރާތަކުން ބިޑް ހުށަހަޅާފައިވާ އިރު، އެންމެ މަތިން ލޭންޑް އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ހުށަަހަޅާފައި ވަނީ އެ ކޯސްޓުގެ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވާ 350،000 ޑޮލަރުގެ 585.7 ޕަސެންޓް އިތުރު އަގެއް ކަމަށެވެ. އެއީ 2.05 މިލިއަން ޑޮލަރެވެ.

ތ. އޮޅުފުއްޓާއި އޮޅުފުށި ފިނޮޅަށް ތިން ފަރާތަކުން ބިޑް ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން އެންމެ މަތިން ލޭންޑް އެކުއިޒިޝަން ކޯސްޓް ހުށަހަޅާފައި ވަނީ ހަތް ލައްކަ ޑޮލަރަށް ވުރެ 114.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެއީ 799،000 ޑޮލަރެވެ.

ރިސޯޓް ތަރައްގީ ކުރަން ހުޅުވާލި 14 ތަން

  • 3 ހެކްޓަރުގެ ހއ. އަލިދުށްފަރުފިނޮޅު - 350،000 ޑޮލަރު (5.3 މިލިއަން ރުފިޔާ)
  • 10.9 ހެކްޓަރުގެ ހއ. މެދަފުށި - 875،000 ޑޮލަރު (13.5 މިލިއަން ރުފިޔާ)
  • 1.20 ހެކްޓަރުގެ ހދ. ކުޑަފަރުފަސްގަނޑު - ދެ ލައްކަ ޑޮލަރު (3 މިލިއަން ރުފިޔާ)
  • ރ. އެއްތިގިލި - 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ)
  • 10 ހެކްޓަރުގެ ކ. ކާށިދޫ ފަޅު- 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ)
  • 2 ހެކްޓަރުގެ މ. ބޯހުރާ - 288،500 ޑޮލަރު (4.4 މިލިއަން ރުފިޔާ)
  • 10 ހެކްޓަރު ސަރަހައްދެއް ފ ނިލަންދޫ ފަޅުން (ޕްލޮޓް1)
  • 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ)
  • 10 ހެކްޓަރު ސަރަހައްދެއް ފ ނިލަންދޫ ފަޅުން (ޕްލޮޓް2)
  • 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ)
  • 3 ހެކްޓަރުގެ ތ. އޮޅުފުއްޓާއި 0.54 ހެކްޓަރުގެ އޮޅުފުށި ފިނޮޅު - ހަތް ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ)
  • 3.08 ހެކްޓަރުގެ ގއ. ބޭރަމައުއްޑޫ - 288500 ޑޮލަރު (4.4 މިލިއަން ރުފިޔާ)
  • 5 ހެކްޓަރުގެ ގއ. ފުނަދޫވިލިގިއްލާ - 7 ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ)
  • 7.61 ހެކްޓަރުގެ ގދ. ކަޅެހުއްޓާ - 575،300 ޑޮލަރު (8.8 މިލިއަން ރުފިޔާ)
  • 7.42 ހެކްޓަރުގެ ގދ. ހާދުވާ - 560،900 ޑޮލަރު (8.6 މިލިއަން ރުފިޔާ)
  • ގދ.ގެ ފެރޭތަވިލިގިއްލާ އާ ޖެހިގެން އޮންނަ އިތުރު ތިން ރަށެއް - ހަތް ލައްކަ ޑޮލަރު (10.7 މިލިއަން ރުފިޔާ)

ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި ތަންތަނުގެ ތެރެއިން ކ. ކާށިދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫގެ ފަޅުތެރެއިން 10 ހެކްޓަރުގެ ދެ ސަރަހައްދަކީ އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓް ދައްކަން ޖެހޭ ތަންތަނެވެ.

މިތަންތަނުގެ ތެރެއިން ހއ. ހދ. ރ އަދި ކ އަތޮޅުގެ ރަށްރަށާއި ފަޅުތަކުގެ ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މ، ފ އަދި ތ އަތޮޅުގެ ރަށްރަށާއި ފަޅުތަކުގެ ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި ގއ އަދި ގދ އަތޮޅުގެ ރަށްރަށާއި ފަޅުތަކުގެ ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައި ވަނީ މިދިޔަ މަހުގެ 30 ގައެވެ.