އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި "ބޮޑުފަޅި" ޖަހައިގެން ކެމްޕެއިން ކުރަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސަޕޯޓަރުންނެވެ. ބޮޑުފަޅީގައި ދައްކާ ފޮޓޯތަކުގައި ތިއްބަވަނީ ގާސިމް އިބްރާހިމް އާއި، އެމްޑީޕީގެ (ފިކުރެއްގެ ދިރުން) ރައީސް މުހައްމަދު ނަޝީދާއި، އެމްޓީޑީގެ ރައީސް އަހްމަދު އަދީބާއި އެމްއާެރުއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި އަދީބާއި، ދީނީ ރޮނގުން އެފަދަ ދެވަނައެއް ނުވާ އިލްމުވެރިޔާ މައުމޫނާއި، ބަރުލަމާނީ ނިޒާމަކަށް އަބަދުމެ ވަކާލާތު ކުރައްވާ ނަޝީދާއި، ބަރުލަމާނީއާ ދެކޮޅު ޖުމްހޫރިއްޔަތަކަށް އަޑުއުފުއްލަވާ ގާސިމް ބައިވެރިވާ ބޮޑުފަޅި ބޮޑަށް ފެޅޭނީ ނޫންތޯ ސުވާލު އުފެދޭ ދަނޑިވަޅެއްގައި ގާސިމްވެ ވެރިކަމެއްގައި އޮންނަން ވާނެ ކަމަށް ނަޝީދަށް ފެނިވަޑައިގަންނަވާ ގޮތް ބަޔާންކުރައްވައި ހުށަހެޅުއްވި ކަރުދާސް ލީކްވެއްޖެއެވެ.

އޭގައި ހުރި ބައެއް ކަންކަމަށް ނަޒރު ހިންގާލާ އިރު، ގާސިމަށް ރައީސުލްޖުމްހޫރިއްޔާކަން ލިބުނަސް އެއީ "މާ ބޮޑު ވެރިއެއް" ނޫނެވެ. އެކިއެކި ޕޯޑިއަމްތަކުގައި "ތިމަންނާއަށް މަދުވާ އެއްޗެއް ނެތޭ، މަދުވަނީ ކޯއްޗެއްހޭ" އައްސަވާ ސުވާލު ކުރައްވާ ގާސިމަށް މަދުވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ލަގަބެވެ. ގަބޫލު ކުރެނީ ނަޝީދުގެ ހުށަހެޅުއްވުމުން ފަހަރުގައި އެ ނަސީބުވެސް ގާސިމަށް ގެއްލިދާނެ ކަމަށެވެ. ނަޝީދުގެ ހުށަހެޅުއްވުމުގައި ރިޔާސީ އިންތިހާބަކަށް ވޯޓުލުމަށް ފަހު ހޮވޭ ކެންޑިޑޭޓު ހުވާ ކުރުމުގެ ކުރިން ބަރުލަމާނީއަކަށް ފެންނަ ނުފެން ވޯޓެއްލާން ޖެހެއެވެ. އެހެން އެކަން ވެ ނިޒާމު ބަދަލުވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ޣާސިމް ހޮވުނަސް ހައިސިއްޔަތާ މެދު ސުވާލު އުފެދޭނެއެވެ. ރިޔާސީ ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވިފައި، ނިޒާމު ބަދަލުކޮށް، ގާނޫނު އަސާސީއަށްވެސް ބަރުލަމާނީ ނިޒާމުގެ ސިފަ ގެނައީމައި ދެން ގާސިމް އިބްރާހިމަކީ ކޮންބޭފުޅެއްތޯއެވެ.

ގާސިމަކީ ބަރުލަމާނީ ނިޒާމާ ފާޅުގައި ދެކޮޅަށް ވާހަކަ ދައްކަވާ، އަދި ނަޝީދު އެ ނިޒާމެއްގެ ވާހަކަ ދައްކަވާތީ އެކަމާ ދެކޮޅަށްވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ.

ވެރިކަމަކީ، އޭގައި ޖެހިލައިފި ނަމަ މީހާ މަސްތު ކޮށްލާ ކަމެކޭ ބުނާ ފަދައިން ރައީސް ނަޝީދަށް މިވަގުތަށް މުހިންމީ ވެރިކަމެވެ. ކޮންމެ ފަދަ ގްރުބާނީއެއް ވެވަޑައިގެންވެސް ވެރިކަމެކެވެ. މިހާރު އޮތް ރިޔާސީ ނިޒާމުގައި ނަޝީދު ހޮވިވަޑައި ނުގަންނަވާނޭ ކަން އެނގިވަޑައިގަންނާތީ އާއި، ކިރިޔާވެސް މަގެއް އޮތީ، ނިޒާމު ބަދަލުކޮށް ގާސިމް ފަދަ ބޭފުޅެއްގެ ނިވަލުން އެހެނަސް ގާސިމަށް އަތުނުޖެހޭ ވަރު މަތިން ކުޅުއްވައިގެން ކަމަށް ނަޝީދަށް ގަބޫލު ކުރެއްވެނީ ކަމަށް ވެދާނެއެވެ.

ނަޝީދު ގާސިމަށް ހުށަހެޅުއްވި ކަރުދާހުގައި ގާސިމް ރުހިވަޑައިގެންފާނެ މަގަށް ބައެއް ކަންކަން ތަރުތީބު ކުރައްވާފައި ވެއެވެ. އެގޮތުން ސިފައިންގެ އެންމެ އިސް ވެރިޔާ ކަމާއި، ކޮމިޝަންތަކަށް މީހުން އައްޔަން ކުރުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ފަދަ ކަންކަން ގާސިމަށް [ރައީސުލްޖުމްހޫރިއްޔާއަށް] ދޭން ހިމަނާފައި ވެއެވެ.

ނަމަވެސް ނަޝީދުގެ ކަރުދާހުގައި، ބޮޑުވަޒީރަކު ހުންނާން ވާނެ ކަމަށާއި އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ހޮވޭ މީހަކަށް ވުމާއި، ވަޒީރުންނަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ ބައެއް ކަމުގައި ހެދުމާއި އަދި ސަރުކާރުގެ ގިނަ ބާރުތައް (ދުވަހުން ދުވަހަށް ހިންގުމުގެ ބާރުތައް) ދިނުމަށް ހުށަހަޅާފައި އެބައޮތެވެ.

ނަޝީދު ބޭނުންފުޅުވާގޮތަށް ނިޒާމު ބަދަލުވެ މަޖިލީހުގެ މެންބަރުން މިނިސްޓަރުންނަށް ތިއްބަވާ ގޮތަށް ހިނގާން ފަހިކުރުމަށް ނުވަތަ ގާސިމް ރުއްސުމަށް އެ ހުށަހެޅުމަށް ދެން ގެންނަވާފައި އޮތް ވިސްނުންފުޅަކީ، ގާސިމް ބޭނުންވާ ނަންތަކެއްވެސް ކެބިނެޓުގައި ހިމެނުއްވި ދާނެ ކަމަށް އޮތް ހުށަހެޅުމެކެވެ. ނަމަވެސް އެއީ ކެބިނެޓްގެ 40 ޕަސެންޓަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ.

އެ ހުށަހެޅުމުގައި މަޖިލީސް އެކުލެވޭ ގޮތް ބަދަލުކުރަންވެސް ހުށަހަޅުއްވާފައި އެބައޮތެވެ. އެ ގޮތަކީ ނޭޝަނަލް ލިސްޓަކުން މެންބަރުން އިންތިހާބު ކުރަމުން ދިޔުމާއި މަޖިލީހުގެ މެންބަރުންގެ އަދަދުވެސް ކަނޑައެޅުމެވެ.

ސިޔާސީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ގޮވާހާ "އެތިވަރުތައް" ނުވަތަ އެއްޗެއްސަކީ އެއްޗެހި ކަމަށް ނުބަލާ ދޫކޮށްލެވިދާނެއެވެ. ނަޝީދުގެ ފެކްޝަންގައި ހިމެނޭ ލީޑްކުރައްވާ ގިނަ ބޭފުޅުންނަކީ ގާސިމަކީ "ސޭޓަކަށް ވެގެން" ދައުލަތުގެ ވަތްގަނޑު ހަވާލުކުރަން ހެޔޮ ނުވާނެ ކަމަށާއި، ވިޔަފާރިވެރިއަކު ވެރިކަމަށް ކަމުނުދާނެ ކަމަށް ބުނުމުގެ އިތުރުން އެތައް މޭރުމެއްގައި ގާސިމަށް ފާޑުވިދާޅުވެފައިވާ ބޭފުޅުންނެވެ.

ނަމަވެސް ނިޒާމަށް ނުރުހުނަސް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ލަގަބަށްޓަކައި އަދި ބާރެއް ނެތް ގޮތަކަށް ގާސިމް އެކަމާ "ރުހޭހޭ" ސުވާލު ކުރަންޖެހެއެވެ.

މަ ދަންނަ ގާސިމަކީ، ދިވެހިން ދެކެ ލޯބިވާ، ދިވެހިންނަށް އަޅާލައި އޯގާތެރި ބޭފުޅެކެވެ. މުޅި ދައުލަތާއި އަދި ރާއްޖޭގައި ތިބިހާ މަހުޖަނުންނާ ނުބައްދަލު "ވެލްފެއާ ސްކީމެއް" ހިންގެވި ހިތްހެޔޮ ބޭފުޅެކެވެ. އަމިއްލައަށް ދާ އޮހޮރައިގެން ހޯއްދަވާ ފައިސާއިން ދިވެހި އެތައް އެތައް ދަރިންތަކަކަށް އެހީތެރިވެދެއްވި ބޭފުޅެކެވެ. ދިވެހި ދަރިންނަށް ތައުލީމު އުގަންނައި ދެއްވުމަށް ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކުރެއްވި ބޭފުޅެކެވެ. ޕާޓީ ހިންގަންވެސް މުސާރަވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ގެންގުޅުއްވާ ބޭފުޅެކެވެ.

އެހެން ވިޔަސް ވެރިކަމުގެ ލައްޒަތަކީ މީހާ ބަދަލުވެ ހިނގައި ނުދާ ވަރަށް ވުރެ މާ މަތީ ޖާހާއި ޝަރަފްވެރިކަމެއް ލިބޭ ކަމެކެވެ. ހަމަ އެހެންމެ ވެރިކަމުގެ ދަހިވެތި ކަމަކީ، އެކުވެރިޔާ ގަތުލު ކޮށްފައިވެސް ހޯދަން ބޭނުންވާ ވަރުގެ ދަހިވެތިކަމެކެވެ.