ނިމިދޔަ މާޗް މަހު އެކިއެކި ރޯގާ ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފެބަރުއަރީ މަހު އަރިދަފުސް ރޯގާ ޖެހިގެން 30،628 މީހުން ރިޕޯޓުކޮށްފައިވާއިރު މާޗް މަހު ވަނީ އެ އަދަދު 37،969 އަށް އިތުރުވެފައެވެ. މިއީ 7،341 މީހުންގެ އިތުރުވުމެކެވެ. އަދި މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާ އަށް 458 މީހުން ޓެސްޓް ކޮށްފައިވާއިރު 62 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ފެބްރުއަރީ މަހު ޕޮޒިޓިވް ވި 8 މީހުންނާއި މާޗް މަހު ޕޮޒިޓިވް ވި 27 މީހުންގެ އިތުރުން ޖެނުއަރީ މަހު ޕޮޒިޓިވް ވި 27 މީހުންނެވެ.

ނިމިދިޔަ މާޗް މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނަ ރިޕޯޓު ކޮށްފައިވަނީ ލ އަތޮޅުންނާއި ސ އަތޮޅުންނެވެ. ލ އަތޮޅުން ޖުމްލަ 18 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާއިރު ސ އަތޮޅުން ރިޕޯޓު ކޮށްފައިވަނީ 17 މީހުންނެވެ. އަދި އަރި ދަފުސް ރޯގާ ޖެހިގެން 1847 މީހުންނާއެކު އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އދ އަތޮޅުންނެވެ. ހދ އަތޮޅުން 257 މީހުންނާއެކު ބޭރަށް ހިންގުން ބަލި ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ އެ އަތޮޅުންނެވެ.

އެއާ ހިލާފަށް މިއަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާޗް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކުރި އަދަދު ވަނީ ދަށަށް ގޮސްފައެވެ. މާޗު މަހު ވައިރަލްހުން، ލޮ ލުރޯގާ އަދި ފާނަބަސަންދު އިތުރުވެފައިވީ ނަމަވެސް ބޭރަށް ހިންގުން އަދި ހޭންޑްފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދިނެވެ.

މި އަހަރުގެ ފެބުރުއަރީ މަހާ އަޅާ ބަލާއިރު، މާޗް މަހު ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ވައިރަލްހުން ޖެ ހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުންވެސް މި ދުވަސްވަރު ކޮވިޑް-19ގެ ކޭސްތައްވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭ އިން ކޮންމެ ހަފްތާއަކު އާންމު ކުރާ ކޮވިޑް ކޭސްތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން 02 އޭޕްރީލް އާއި 08 އޭޕްރީލް އާ ދެމެދު މުޅި ރާއްޖެއިން ކޮވިޑް-19ގެ 84 ކޭސް އަލަށް ފެނިފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 73 މީހުންނާއި އަދި އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވް ވި 11 މީހުންނެވެ.

އަދި ދާދި ފަހުން ވަނީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި ރާއްޖޭގެ އައްޑު އަތޮޅުން ފެނިގެން ރިޕޯޓުކޮށްފަ އެވެ. އެ ކޭސް އާ ގުޅިގެން ޖުމްލަ 19 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައިވެ އެވެ.

ބަލިތަކުން ދިފާއުވުމަށް އާންމު ސާފުތާހިރުކަން ދަމަހައްޓާ ގިނަގިނައިން އަތްދޮވުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޑެންގީ ހުމުން ދިފާއު ވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށްވެސް އެ އިދާރާއިން ލަފާދެއްވި އެވެ. ބަލި ޖެހިއްޖެ ނަމަ ގިނައިން ދިޔާ ތަކެތި ބޮއެ ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުން ވީ އެންމެ އަވަހަކަށް ސިއްހީ ލަފާ ދޭ ފަރާތެއްގެ އެހީ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދެފަ އެވެ.