"ހޫމް ގެއްލިގެން އުޅޭ ކުއްޖާ ދޯ. ތިވާނީ ބޯއީފްރެންޑާ އެކީ ފިލީ ކަމަށް... ގެއިން ފިލައިގެން ދާނީ އެކަލަ ކަމެއްގަ. ނޫނީ ޑްރަގްސް ކަމެއް ކަންނޭނގެ... ރައްޓެހިންނާ އެކީ ގޮސް ޕާޓީ ކޮށްލައިގެން އަދި ހޭވެރިކަން ނުވަނީ ކަންނޭނގެ..."
އެކުއްޖާއަށް ވީ ގޮތް އަންދާޒާކޮށް އެކި މޮޅެތި ސްޓޯރީތައް މުނާޒް ކިޔަމުން ދިޔަ އިރު، އެ ވާހަކަތައް އަޑުއަހަން އިން ނޫރާ ދިޔައީ ރުޅިގަދަވަމުންނެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްކޮށް ހުއްޓާ ޕިއްޒާ ފޮތީގައި ދަތްއަޅާ އަނގަޔަށް ލީ އެތިކޮޅު ހަފަމުން އަނެއްކާވެސް މުނާޒް ހިޔާލެއް އިތުރު ކޮށްލިއެވެ.
"ނޫނީ ވެދާނެ އޭނާ އުޅޭ ގެއިން މީހަކު ޖިންސީ ގޯނާ ކުރަނީ ކަމަށް... ނޫނީ ވެދާނެ....."
މުނާޒު ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ރުޅިގަނޑު ފަޅައިގެން ގޮސް އަޑުގެ ނެތްތަނަށް ނޫރާ ހަޅޭއްލަވައި ގަތުމުންނެވެ.
"މުނާޒް ދެން ހުއްޓާލާ... ފިލައިގެން ދާ ކުއްޖަކާ ދޭތެރޭ ހާދަ ނުބައިކޮށޭ ތި ދެކެނީ... މަޖުބޫރީ ހާލަތެއް ވެސް ދިމާވެދާނެ ދޯ... ނޫނީ މީހަކު ކިޑްނޭޕްކޮށް ބްލެކްމެއިލް ވެސް ކޮށްފާނެ ދޯ... ކިހިނެއް އިނގެނީ އެ ފަކީރު އުޅޭނެ ގޮތެއް... އެ އާއިލާ ތެޅޭނެ ހާލެއް..."
ގެއްލިގެން އުޅޭ ކުއްޖާއާ ދެތެރޭ ހަމްދަރުދީ އުފެދި ނޫރާ ވާހަކަ ދެއްކި ގޮތުން މުނާު ވެސް އޭނަގެ ދިފާއުގައި ވާޙަކަ ދެއްކިއެވެ. "ކިހިނެއްވީ؟... އަހަރެންނަށް ހީވާ އެއްޗެއް މި ބުނެލީ.. އެ އުމުރުގެ ކުދިން މިހާރު އުޅޭ ގޮތުން އެހެންވެސް ވެދާނޭ... ނޫންތަ؟..."
ނޫރާއަށް ސޯފާގައި އިށީނދެގެނެއް ނީންދެވުނެވެ. އިންތަނުން ތެދުވެ ސިޓީން ރޫމްތެރޭ ދެކޮޅަށް ހިނގަމުން ދިޔަ އިރު ހީވަނީ މުނާޒު ދެކެ ރުޅިއައިސްގެން އުލޭ ހެންނެވެ. ވާހަކަ ދެއްކުމުގައި އަޑު ބާރުވެފައި ރާގު ހުރި ގޮތުން ހީވަނީ މިރޭ މުނާޒާ ދެބަސްވެެ ޒުވާބު ކުރަން ނޫރާ ތައްޔާރު ވަނީ ހެންނެވެ. ސިތީންގެ ރޫމް މެދަކާ ހިސާބަށް ގޮސް ނއޭނާގެ ފިޔަވަޅު މަޑުކޮށްލުމަށްފަހު މުނާޒާ ދިމާއަށް އެނބުރި ބަލާލިއެވެ. އޭރުވެސް މުނާޒު އިނީ ސޯފާއި އިށީނދެގެން ނޫރާގެ ހަރަކާތްތަކަށް ބަލާށެވެ.
"ވަރަށް ފަސޭހަ ކަމެއް އެއީ ކަމުގެ ހަގީގަތް ނޭނގި މީހަކު ޖަޖްކޮށްލުން. އަސްލު އެއްވެސް މީހަކަށް ނޭނގޭނެ... އެކަހަލަ އިހްސާސްތައް އިނގޭނީ އެކަހަލަ ކަމެއް ދިމާވީމަ...."
މުނާޒު ހިފަހައްޓައިގެން ހުރި ޕިއްޒާ ފޮށިގަނޑު ސޮފާ މަތީ ބެހެއްޓުމަށްފަހު ސޯފާއިން އޭނާ ތެދުވެ ނޫރާ ކައިރިއަށް ޖެހިލީ ނޫރާ ހަމަޔަކަށް އަޅުވާށެވެ.
"އޭ... ހަމަޖެހިބަލަ.... ނޫރާއަށް އަދި އެކަހަލަ ކަމެއް ވީކީއެއް ވެސް ނޫނެއްނު... ޔޫއާ އެކްޓިން ވެރީ ވިއާޑް..."
ނޫރާގެ އަތުގައި ހިފަހައްޓަމުން މުނާޒް ރަތްވަމުން ދިޔަ ނޫރާގެ ދޮން މޫނަށް ބަލާލިއެވެ. އެ މޫނު މަތިން ފެންނަމުން ދިޔައީ މިއިން ދުވަހަކު މުނާޒާށް ނުފެންނަ ކުލަވަރެކެވެ. ނޫރާއަށް ވަމުން ދިޔަ ގޮތްތައް ފެނި މުނާޒް އިތުރަށް ހާސްވިއެވެ. އޭނާއަށް ކޮށް ދެވުނު ރަނގަޅު ކަމެއް ވެސް ނެތެވެ.
"އާން.. އަހަރެން ވެސް ގެއިން ފިލައިގެން ދިޔައިން... ދިޔައީކީ ޕާޓީ ކުރާކަށް ނޫން... ބިޓަކާއެކީ އެއްވެސް ނޫން.... އަހަރެން ދިޔައީ ފިލަން ވެގެން... ދުނިޔެއަށް ގެއްލެން... ނުފެނި އުޅެވޭނެ ގޮތެއް ނެތިއްޔާ މަރުވާން..."
ބޭއިހްތިޔާރުގައި ނޫރާގެ ދުލުން ބޭރުވި ބަސްތައް އަޑު އިވުނު މުނާޒަށް ހައިރާން ކަމެއް ލިބުނެވެ. މިއީ ނުރާގެ ހަޔާތުން މީގެ ކުރިން އެނާއަށް އެނގިފައިވާ ކަމެއް ނޫނެވެ. ނުރާއަށް އެވަރުގެ ކަމަކާ ކުރިމަތިލާން ޖެހުނީ ކީއްވެ ތޯ ބަލަަން އޭނާ ބޭނުންވިއެވެ. ނޫރާއަށް އެހާ އުނދަގޫ ވެގެން އެ އުޅޭ ސަބަބަކީ އެ ހިތުގައި އަދިވެސް މާޒީގެ ރިހުންތައް ބިންވަޅު ނެގިފައިވާތީ ކަން މުނާޒަށް ދެނެގަނެވުނެވެ.
"ތިވަރު ކަމެއް ވެފަ އޮތް އިރު ކީއްވެ އަހަރެން ކައިރީ ނުބުނީ... އަހަރެންނަށް އިނގޭ ނޫރާއަށް ބަދަލުތަކެއް އަންނަ ކަން... ހާއްސަކޮށް ކޮންމެ އުފަން ދުވަހެއް މި ދަނީ މިހެން... ތި ވާހަކަ މަށަށް ކިޔައިދިނީމަ ދޯ މަށަށް ވެސް އަންޑަސްޓޭންޑް ވާން އިނގޭނީ... އާދޭސްކޮށްފަ ބުނަން... ކިޔައިދީބަލަ..."
ނޫރާގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ މުނާޒް އާދޭސް ކުރަމުން ދިޔައީ އޭނާގެ އަންހެނުންގެ ހިތުގައި ފޮރުވާފައިވާ ސިއްރު ހާމަކުރަން އެދިއެވެ. ނޫރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައިރު އޭނާއަށް އެ ދުވަހުގެ ވާހަކަތައް ހިއްސާ ކުރަން އުނދަގޫވިއެވެ. އަޑުގެ ނެތްތަނަށް ރޮމުން މުނާޒްގެ ގައިގައި އޭނާ ބައްދާލީ ހިތަށް ކެތް ނުވީމައެވެ.
މުނާޒްގެ މެޔާ ލައި ނޫރާގެ ތުނި ހަށިގަނޑު ބޮނޑިކޮށްލިއެވެ. ހިތް ފުރެން ދެން އޭނާގެ އަންހެނުން ރޯން ދޫކޮށްލައިގެން ހުރި މުނާޒް ނޫރާގެ ފަން އިސްތަށިގަނޑުގައި ފިރުމާލީ ލޯތްބާ އެކީގައެވެ. ދުވަހަކު ވެސް ނޫރާ މިހާ ވަރަށް އޭނާގެ ކުރިމަތީގައި އަދި ރިއެފައެއް ނުވެއެވެ. ނޫރާ ކުރަމުން ދިޔަ ހިތާމަ ފެނުމުން މުނާޒްގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ.
ދިރިއުޅުމުގައި ނޫރާއަށް ކުރިަތިލާން ޖެހުނު އެންމެ އުންދަގޫ ދުވަސްތަކާއި އެ ދުވަސްތަކުން އޭނާ އަރައިގެން ގޮތް ހިއްސާ ކުރަން ނޫރާ ބޭނުން ވިއެވެ. ދެލޯ ފޮހެލަމުން ނޭފަތް ދަމާލަމުން އެ ވާހަކަތައް ހިއްސާ ކުރަން ނޫރަން އެއްބަސްވިއެވެ. އެއާއެކު ނޫރާގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދުމަށް ފަހު ފެން ތައްޓެއް ހިފައިގެން އައިސް މޫނާޒް ނުރާ އަތަށް އެ ތަށި ދިއްކޮށްލިއެވެ. ފެންތަށީގައި ނޫރާ ހިފުމުން މުނާޒު ވެސް ނޫރާއާ ކުރިމަތިލަމުން ސޯފާގައި އިށީނދެ އަނބިމީހާގެ އަތުގައި ދެއަތުން ހިފާ ބާރުކޮށްލީ ހިތްވަރު ދެމުންނެވެ. ފެންފޮދެއް ބޯލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލައި ނޫރާގެ އަނދިރި ހަޔާތް އޭނާ ކިޔައިދޭން ފެށިއެވެ.
*** *** *** *** *** ***
ގޭގެ މައި ދޮރު ކުރިމައްޗަށް ޓެކްސީ މަޑުކޮށްލި އިރު، ދޮރު މަތީ މަޑުކޮށްގެން ހުރި ޒޫނާ ފެނުމުން ނޫރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު ނޫރާ ކާރުން ފޭބިއެވެ. އަދި ޒޫނާ ހުރި ދިމާއަށް މަޑު ފިޔަވަޅުތަކެއް ހިންގާފައި ގޮސް ޒޫނާ ކުރިމައްޗަށް ވާ ގޮތަށް އޭނާ ހުއްޓުނެވެ.
ނޫރާ ފެނުމުން ޒޫނާއަކަށް ހިމޭނަކުން ނުހުރެވުނެވެ. ކޮއްކޮގެ ގައިގާ ބައްދާލަން ދެ އަތް ފުޅާކޮށްލަމުން ގާތްވިއެވެ. ޒޫނާ ބައްދާލައި ނޫރާގެ ބުރަކަށީގައި ފިރުމާލަމުން ކޮއްކޮގެ ކަންފަތް ދޮށުގައި ޒޫނާ މަންމަ ގާތު ބުނި ވާހަކަ އާއި އޭނާ ކުރި ކަންތައް ކިޔައި ދިނެވެ. އެ ވާހަކަތަކުން ނޫރާއަށް ލިބުނު ހައިރާން ކަމާއެކު ޒޫނާގެ ކޮނޑުގައި އަޅާ ކޮއްޕާލަމުން ނޫރާ ދުރަށް ޖެހިލީ ދެލޯ މުދުނަށް ލައިގެން ހުރެއެވެ.
"ކީއްކުރަން ތިހެން ތި ހެދީ؟.... ޒޫނާ... އަޅެ ކީއްކުރަން ތިހެން ތި ހެދީ؟...."
ނޫރާއަށް ރޮއެގަނެވުނެވެ. ދައްތަ ކަން ކުރީ އޭނާ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ނޫރާ ސަލާމަތް ކުރަން އެނގި ހުރެ އަނދައަނދާ ހުރި އަލިފާންގަނޑެއްގެ ތެރެއަށް ޒޫނާ އަމިއްލައަށް ފުންމާލާކަށް ނޫރާ ބެނުމެއް ނޫނެވެ. އެ އަލިފާނުގެ ހުޅު ޒޫނާގެ ހަށިގަނޑުގައި ރޯވެ އޭނާ އެނދިޔަސް ވަރިހަމަ ވެ، ކޮއްކޮ ސަލާމަތް ކުރުމުން އޭނާގެ ހިތަށް ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށް ޒޫނާ ބަޔާން ކުރީ ހިތުން ރުހިގެން އެ ހުރިހާ ކަމެއް ގަބޫލު ކުރާ ހާލުގައެވެ..
"އަހަރެންނަށް އެކަހަލަ ކަމެއް ވެއްޖިއްޔާ ނޫރާ ވެސް ހަދާނީ މިހެންނެއްނު... ދެން ހިނގާ މައްޗަށް... މަންމަ ކައިރިއަކު އަދި ނުބުނަން ނޫރާ އަންނަ ވާހަކައެއް ވެސް..."
ނޫރާގެ އަތުގައި ހިފައިގެން ޒޫނާ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ގަބު ވެފައި ހުރި ބުދެއް ހެން ޒޫނާގެ ފަހަތުން ނޫރާ ދިޔައިރު، ދެން ކަންތައް ވާނެ ގޮތަކާ މެދު ނޫރާ ދިޔައީ ވިސްނަމުންނެވެ.
- ނުނިމޭ -