ކޮވިޑާއި އެހެނިހެން ބަލިތައް ފެތުރުނަ ނުދިނުމަށް ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19ގެ ކޭސްތައްވެސް އިތުރުވަމުންދާ ދުވަސްވަރެއް ކަމުން މި ދަނޑިވަޅުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ސާފު ކުރުމަށް "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮވިޑް-19ގެ އިތުރުންވެސް އެކި ބަލިތައް މި ދުވަސް ވަރު ހަލުވި ކަމާއެކު ފެތުރެމުންދާ ކަމަށެވެ. އެއާއެކު އިންފްލުއެންޒާ އަދި ކޮވިޑް ފަދަ ރޯގާތައް އަވަހަށް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ސާވައިލަންސް މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ސިއްހީ ހިދުމަތް ދޭ ތަންތަނާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުންވެސް އެޗްޕީއޭ އިން ބުނީ، ރޯގާގެ ގޮތުގައި ފެތުރޭ އެކި ބަލިތަކުން ރައްކާތެރިވުމަށް އާންމު ފަރުދުން ހޭލުންތެރި ކުރުމަށް އެ ބަލި ތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ ޕްލެޓް ފޯމުގައި މިހާރުވެސް އެކަމުގެ މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ބަލިތަކުން ރައްކާތެރި ވުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަމުންދާ ކަމަށާއި ބަލިޖެހޭ މީހުންގެ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށް ސިއްހީ އެހީތެރިންނަށް ރިފްރެޝާ ސެޝަންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދިނެވެ.

ހަމައެއާއެކު ބަލިތަކުން ދިފާއުވުމަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން، އާންމު ސާފުތާހިރުކަން ދަމަހައްޓުމަށާއި ގިނަގިނައިން އަތްދޮވެ ބަލިޖެހިފައިވާ ފަރާތެއްނަމަ މާސްކް އަޅާ، ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮންމެ ހަފްތާއަކު އެޗްޕީއޭ އިން އާންމު ކުރާ ކޮވިޑް ކޭސްތަކާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން 02 އޭޕްރީލް އާއި 08 އޭޕްރީލް އާ ދެމެދު މުޅި ރާއްޖެއިން ކޮވިޑް-19ގެ 84 ކޭސް އަލަށް ފެނިފައިވެއެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 73 މީހުންނާއި އަދި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވް ވި 11 މީހުންނެވެ.

އެއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު 45 ކޭސްގެ އިތުރުވުމެކެވެ. މީގެ އިތުރުންވެސް ކޮވިޑް ޖެހިގެން 17 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި މިއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު އެކެއްގެ އިތުރުވުމެކެވެ.

2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ރާއްޖޭގައި ޖުމްލަ 185،894 މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން 311 މީހުން އެ ބަލީގައި މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.