ނޫހެއްގެ ފަލަ ސުރުހީގައި މާލެއިން އަންހެން ކުއްޖަކު ގެއްލިގެން ޖަހާފައިވާ ހަބަރެއް ފެނުމުން އެ ހަބަރު އޭނާ ހުޅުވާލިއެވެ. އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ ކަމަށާއި އެ ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިފައެވެ. އޭރު އެ ކުއްޖާ ގެއްލިގެން އުޅޭތާ ދެ ދުވަސް ވެއްޖެ ކަމަށް ހަބަރުގައި އޮތެވެ.
އެވަގުތު ނޫރާގެ ހަނދާނަށް އައީ ގެއިން ފިލައިގެން ދާން އޭނާ ބޭނުންވި ދުވަހެވެ. މުޅި ދުނިޔެއަށް ފިލައިގެން އުޅެން ބޭނުންވެ، މުޅި ހަޔާތުގައި ވެސް މަރުވާން އޭނާ ހިތަށް އެރި ދުވަސް ކަޅު ވިލާގަނޑެއް ހެން އައިސް އޭނާ ވަށާލައިފިއެވެ.
*** *** *** *** *** ***
މުޅި ހަޔާތް ބަރުބާދު ވެއްޖެ ކަމަށް ނޫރާ ގަބޫލު ކުރި ދުވަހު ދުނިޔެއަށް ފިލަން ދާނެ ވަކިތަނެއް އޭނާއަކަށް ނޭނގުނެވެ. އެކުވެރި މިޒޫ ކައިރިއަށް ގޮސް އެގޭގައި އޭނާ މަޑުކޮށްގެން ހުރީ އެއްވެސް މީހަކާ ކުރިމަތިލާން ބޭނުން ނުވާތީއެވެ. އަޖޫ އޭނާއަށް ގުޅާ އުނދަގޫ ކުރާ ވަރުން ފޯން ވެސް ނިއްވާލައިގެން މިޒޫމެން ގޭގައި ހުންނަތާ މިހާރު 24 ގަޑިއިރު ވަނީއެވެ.
އަތުގައި އޮތް މިޒޫގެ ފޯނުން ފޭސްބުކް ހާވަމުން ދިޔަ ނޫރާ އެ ފޯންގެ ސްކްރީން އޮފްކޮށްލީ އެތައް އިރަކު ރޮއެފައި ހުރުމުން ލޮލާ އެކު ބޮލުގައި އުފެދިފައިވާ ރިހުން ގަދަވާން ފެށުމުންނެވެ. މީޒޫ އަތަށް އޭނާ ފޯން ދިއްކޮށްލި އިރު، އަނެއްކާ ވެސް ނޫރާއަށް ރޮވެން ފަށައިފިއެވެ.
ފޯނުގައި ހިފަމުން ނޫރާ ގާތު ހުއްޓާލަން މިޒޫ އެދުނެވެ. އަދި ގެއަށް ނުދިއުމަކީ އެ މައްސަލައިގެ ހައްލު ނޫން ކަމަށް ބުނެ، އެކުވެރިޔާއަށް ޅަ އެއްޗެއް ހެދިދާނެތީ މިޒޫ ދިޔައީ ނަސޭހަތް ދެމުންނެވެ. ދުނިޔޭގައި އުޅޭ އިރު އިންސާނުންނަށް ކުށް ކުރެވޭނެ ކަމާއި، އަދި އެކި މީހުންނާ ކުރިމަތިލާން ޖެހޭނީ އެކި އިމްތިހާންތަކާ ކަމަށް ބުނެ މިޒޫ ނޫރާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަދި ތައުބާވެ ދިރިއުޅުން ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަކީ ކުރެވެން އޮތް ކަމެއް ކަން ވެސް އޭނާ ހަނދާން ކޮށްދިނެވެ.
"މިޒޫ.. އަހަންނަށް ގެއަށް ދާކަށް ނުކެރޭނެ. އަހަންނާ ދޭތެރޭ މަންމަ ހާދަ އުންމީދެއް ކުރެޔޭ.. އެކަމަކު އަހަންނަށް.. އަހަންނަށް ހެދުނު މިސްޓޭކަކުން ހުރިހާ ކަމެއް.... ފަނިވެއްޖެ. ދެން އަހަރެން ގެއަށް ގޮސް މަންމައަށް ދައްކާނީ ކޮން މޫނެއް... މިޒޫއަށް މިހެން ވެއްޖިއްޔާ ކިހިނެއް ހަދާނީ... އަޅެ ބުނެބަލަ.."
ރޮމުން ނޫރާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާއަށް ވެސް ހަނދާނެ ގޮތެއް ނޭނގިގެން އުޅޭ ކަހަލައެވެ. މިޒޫ ގާތު ނޫރާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އޭނާ ފުންކޮށް ވިސްނާލިއެވެ.
"އަސްލު އަހަަރެން ނަމަ ދޯ.. މިއަދު ޒޫނާއަށް ގުޅައިގެން ވާހަކަ ދެއްކި އިރު، ބުންޏެއްނު ތިކަންތައް ފިކްސް ކުރެވިދާނޭ... އޭނާ ދޭން އުޅުނު ހިޔާލެއް އަހަރެން ނަމަ އަޑު އަހާނަން... މިވަރުގެ ކަމެއް ވެގެން ބޯ ގޮވާފަ އިންނަ މީހަކަށް ރަނގަޅަށް ނުވިސްނިދާނެ... އެހެން މީހެއްގެ ހިޔާލު ހޯދާލަނިކޮށް ވެސް ކޮންމެ ވެސް އަލި މަގެއް ފެނިދާނެ... މަށަށް ފެންނަނީ ޒޫނާ އަށް ގުޅަން... ޒޫނާއަކީ ނޫރާއަށް ދެރަގޮތެއް ހަދާނެ މީހެއް ނޫން..."
މިޒޫގެ ވާހަކަތަކުން ނޫރާއަށް ކޮންމެވެސް އަސަރެއް ކޮށްފިއެވެ. ކުރިން ދެރަވެފައި ހުރި ވަރުން ޒޫނާ ދެއްކި ވާހަކަ އަޑުއަހަން އޭނާއަށް ކެތްނުކުރެވުނީއެވެ. އެ މުސީބާތުން އަރައިގަނެވިދާނެ މަގެއް އޮތް ކަމަށް ގަބޫލު ކުރަން އަމިއްލަ ޒަމީރު ވެސް ބޭނުން ނުވީއެވެ. ޒޫނާއަށް ގުޅާފައި އޭނާ ދޭން އުޅުނު ހިޔާލަކީ ކޮބައިތޯ ސާފުކުރަން ނޫރާ ބޭނުން ވިއެވެ. އެހެންކަމުން މިޒޫގެ ފޯނު ނަގާ ޒޫނާގެ ނަންބަރަށް ޑައަލް ކޮށްލިއެވެ.
މާ ގިނަ އިރެއް ނުވަނީސް އެ ފޯނަށް ޖަވާބު ދީފިއެވެ. ހީވީ މިޒޫގެ ކޯލެއް އާދޭތޯ ޒޫނާ ބަލަބަލާ ހުރި ހެންނެވެ. ނޫރާގެ އަޑު ޖެހުމާ އެކު ޒޫނާ ވާހަކަ ދައްކަން ފެށިއެވެ. އަދި އެނބުރި ގެއަށް އައުމަށާއި، ހުރިހާ ކަމެއް ހަމަޔަކަށް އޭނާ އަޅުވައިފިން ކަމަށާއި، މަންމަ ވެސް ނޫރާ ދެކެ ރުޅި ނާންނާނެ ކަމަށް ބުންޏެވެ.
"ކިހިނެއް ހެދީ... ކީކޭ މަންމަ ކައިރީ ބުނީ...."
ނޫރާގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. އަނެއްކާ ޒޫނާ މަންމަ ގާތު ބުނީ ކީކޭ ބާވައޭ ހިތަށް އެރުމުން ނޭނގޭ ކަހަލަ އުނދަގުލެއް ނޫރާއަށް އިހްސާސް ކުރެވުނެވެ. މަންމަ އަށް ހަގީގަތް ކިޔައިދީފިއްޔާ އޭނާއަށް ދުވަހަކު ވެސް މައާފެއް ނުކުރާނެކަން ނޫރާއަށް ޔަގީނެވެ. މަންމަ ހަމަޔަކަށް އަޅުވަން ދެން ޒޫނާ ކުރާނީ ވަކި ކޮން ކަމެއް ހެއްޔެވެ. އަނެއްކާ ދޮގެއް ހެދީ ހެއްޔެވެ. ނޫރާގެ ސކުނޑީގައި އުފެދެމުން ދިޔަ ހިޔާލްތަކުން އޭނާ އިތުރަށް ބޯ ގޮވައިފިއެވެ.
"މަންމަ އުޅުނީ ނޫރާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކުރަން.. އޭރުން މާ ކަޑަ ވާނެ ދޯ... ނޫރާގެ ފޮޓޯ އިސްތިހާރުކޮށް ގެއްލިގެން އުޅޭ ވާހަކަ އެންމެން ދައްކަން ފެށީމަ ކަޑައެއްނު... އެހެންވެ އަހަރެން.... އަހަރެން.... އެކަންތައް ހަމަޖައްސާލައިފީމޭ... ދެން އާދެބަލަ ގެއަށް... ވީ ކޭން ޓޯކް އޭރުން... މަންމަ އެބަ އުޅޭ ނޫރާ ނައިސްގެން... އިނގެޔެއްނު މަންމަ ޕެނިކް ވާނެ ވަރު..."
ގޭތެރޭގެ ހާލަތު އޮތް ގޮތް ޒޫނާ ކިޔައި ދިނުމުން ނޫރާއަށް ވެސް އޭނާގެ މަންމަ ފުނޑޭނެ ވަރު އިހްސާސް ކުރެވުނެވެ. މަންމައަކީ ނޫރާއަށް ކަމެއް ވެއްޖިއްޔާ ހަމައަށް ނޭވާ ވެސް ނުލެވޭނެ މީހެކެވެ. އަނެއްކޮޅުން ލޭ މައްޗަށް ދާތީ އުޅޭ ޒުލޭހާއަށް އިތުރު ހާސްކަމެއް ދޭކަށް ނޫރާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ގެއަށް ދާން އެއްބަސްވެ، މިޒޫ ގާތު ކާރަކަށް ގުޅައިދިނުމަށް އެދި ނޫރާ ފާހާނާއަށް ވަނީ މޫނު ދޮވެ ތާޒާ ވެލާށެވެ.
*** *** *** *** *** ***
މޫނު ދޮންނަ އިސްކުރުން ފައިބަމުން ދިޔަ ފެންތަކުގެ ތެރެއަށް ނޫރާގެ ދެއަތް ތިލަ ދިއްކޮށްލިއެވެ. ދެއަތް ފުރާ ފެން އެޅުމުން ހަށިގަނޑު ސިންކު ތެރެއަށް ގުދުކޮށްލުމަށް ފަހު މޫނު ދޮވެލިއެވެ. ލޯ ހުޅުވާލަމުން ކުރިމަތިން ފެންނަން ހުރި ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. އަމިއްލަ ސޫރައަށް ބަލަން އިރުކޮޅަކު މަޑުކޮށްގެން ހުރި އިރުވެސް، މާޒީގެ ސަފްހާތަކުން އެ ދުވަހުގެ ވާހަކަތައް ނޫރާގެ ބޮލުތެރޭގައި ތަކުރާރުވަމުން ދިޔައެވެ. ހިޔާލުން އެއްފަރާތަށް އޭނާއަށް ޖެހިލެވުނީ ފާހާނާ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.
"ނޫރާ... ކާއެއްޗިސް އައިއްސި...." މުނާޒް ގޮވާލުމުން ތުވާލިކޮޅަކުން މޫނު ފޮހެމުން ނޫރާ ފާހާނާއިން ނިކުންނަން އަވަސްވެގަތެވެ.
މުނާޒް ޕިއްޒާއަކަށް އޯޑަރު ކުރީ ނޫރާގެ ފޭވްރިޓް ރެސްޓޯރަންޓުންނެވެ. އާންމުކޮށް ފިލްމް ބަލާއިރު ނޫރާ އަކީ ޕިއްޒާ ނޫނީ ސަބްމެރިން ފަދަ ކާއެއްޗެއް ގެނެސްގެން ނޫނީ ފިލްމް ބަލާ މީހެއް ނޫން ކަން މުނާޒަށް އެނގެއެވެ. އަންހެނުންގެ ހަރާބުވެފައިވާ މޫޑް ރަނގަޅު ކުރެވޭތޯ ކުރެވެން އޮތް ހުރިހާ ކަމެއް މުނާޒް ކުރަމުން ދިޔަ ނަމަވެސް ނޫރާގެ މޫނުމަތިން އޭނާ ބޭނުންވާ ކަހަލަ ހިނިތުންވުމެއް އަދި ނުފެނެއެވެ.
ސޯފާގައި ނޫރާ އިށީނދެ ހަމަޖެހިލުމުން، މުނާޒް ޕިއްޒާ ފޮށިގަނޑު ހުޅުވާލަމުން ހަށިފުރާ ނޭވާއެއް ދަމާލިއެވެ. އެ ޕިއްޒާގެ މީރު ވަހުން ކުޅުދިޔާ ވެއްޖެ ކަމަށް ބުނެ ފޮއްޗެއް ނަގާ ނޫރާ އަތަށް އޭނާ ދިއްކޮށްލިއެވެ. ނޫރާ އެ ފޮތީގައި ނުހިފުމުން މުނާޒް ނޫރާއާ ދިމާއަށް ބަލާލިއެވެ. އޭރު ނޫރާ އިނީ އަނެއްކާ ވެސް ފޯނާ ކުޅޭށެވެ.
ފޯނުން ނޫރާ މާ ބިޒީ ކޮށްލާފައި ކުރާ ކަމެއް ބަލަން މުނާޒް ކުޑަކޮށް އަރިވެލާފައި އެ ފޯނުގެ ސްކްރީނަށް ކަޅިއެއް އެއްލިއެވެ. ގެއްލިގެން ހޯދަމުންދާ ކުއްޖާ އާ ބެހޭ އިތުރު ޕޯސްޓެއް ނޫރާ އޭރު ބަލަން އިން އިރު އެ ކުއްޖާ އެންމެ ފަހުން ގެއިން ނިކުތް ވަގުތާއި ލައިގެން ހުރި އަންނައުނުގެ ތަފްސީލު ހާމަކޮށްފައި އޮތެވެ.
"ހޫމް ގެއްލިގެން އުޅޭ ކުއްޖާ ދޯ. ތިވާނީ ބޯއީފްރެންޑާ އެކީ ފިލީ ކަމަށް... ގެއިން ފިލައިގެން ދާނީ އެކަލަ ކަމެއްގަ. ނޫނީ ޑްރަގްސް ކަމެއް ކަންނޭނގެ... ރައްޓެހިންނާ އެކީ ގޮސް ޕާޓީ ކޮށްލައިގެން އަދި ހޭވެރިކަން ނުވަނީ ކަންނޭނގެ..."
އެކުއްޖާއަށް ވީ ގޮތް އަންދާޒާކޮށް އެކި މޮޅެތި ސްޓޯރީތައް މުނާޒް ކިޔަމުން ދިޔަ އިރު، އެ ވާހަކަތައް އަޑުއަހަން އިން ނޫރާ ދިޔައީ ރުޅިގަދަވަމުންނެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްކޮށް ހުއްޓާ ޕިއްޒާ ފޮތީގައި ދަތްއަޅާ އަނގަޔަށް ލީ އެތިކޮޅު ހަފަމުން އަނެއްކާވެސް މުނާޒް ހިޔާލެއް އިތުރު ކޮށްލިއެވެ.
"ނޫނީ ވެދާނެ އޭނާ އުޅޭ ގެއިން މީހަކު ޖިންސީ ގޯނާ ކުރަނީ ކަމަށް... ނޫނީ ވެދާނެ....."
މުނާޒު ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ރުޅިގަނޑު ފަޅައިގެން ގޮސް އަޑުގެ ނެތްތަނަށް ނޫރާ ހަޅޭއްލަވައި ގަތުމުންނެވެ.
- ނުނިމޭ -