ޒަމާން ދަނީ ބަދަލުވެ އަތް ނުފޯރާ ހިސާބަށް ތަރައްޤީ ވަމުންނެވެ. މި ތަރައްގީގައި އިންސާނުން ކުރިއަރާފައިވާ މިންވަރު އެންމެ ބޮޑަށް އެނގެނީ ޓެކްނޮލޮޖީއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާލުމުންނެވެ. ކާބަފައިންގެ ސިކުނޑިއަށް ތަޞައްވަރު ނުކުރެވޭނެ ފަދަ ބޮޑެތި ބަދަލުތައް މިއަދު ފެންނަމުން އެބަ ދެއެވެ. އެގޮތުން ޒަމާނީ ދަތުރުފަތުރުގެ ނިޒާމް ތަކާއި، ކިތަންމެ ދުރުގައި ހުރިކަމުގައިވިޔަސް އެކަކު އަނެކަކާއި ގުޅުވައިދޭ މޯބައިލް ފޯނާއި، ވަޔަލެސް ކަނެކްޝަންތަކަކީ މިކަމުގެ ހެއްކެކެވެ.

ޓެކްނޮލޮޖީގެ ސަބަބުން ދުވަހުގެ ބޭނުންތަކަށް އައިސްފައިވާ ލުއިތަކަކީ ކޮންމެ މީހަކަށްވެސް އެކަމުގެ ސަބަބުން އެތަކެއް ފަސޭހަތަކެއް ވެގެން ދިޔަކަމަކަށް ވާނެއެވެ. އިލޮށިފަތި ހިފައިގެން ކުނިކަހައި ގޭތެރެ ފޮޅާ ސާފުކުރުމުގެ ބުރަ މަސައްކަތް މިއަދު ކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި ވެކިއުމް ކުލީނާ ފަދަ ޒަމާނީ އާލާތްތައް މިވަނީ އެފަދަ ކުދިކުދި މަސައްކަތްތައްވެސް ލުއިކޮށްދީފައެވެ. ދަރު އުނދުނުން ދަރު އަންދައި، ދުންގަނޑުގެ ތެރޭގައި އުޅެ ކައްކާކަށް މިއަދު ނުޖެހެއެވެ. ގޭސް އުނދުނާއި، މައިކްރޯވޭވް އަވަނާއި އެއާ ފްރަޔާ ފަދަ ވަސީލަތްތަކުގެ ސަބަބުން ކެއްކުމަކީވެސް މިއަދު އެއްވެސް ކަމެއް ނޫނެވެ. ދާވެފައިވާ ފޭރާންތައް ދޮވެ ހިއްކުމުގައި ދޮންނަމެޝިން އެހީތެރިވެދޭތީ އެ މަސައްކަތުގައި ވަގުތު ބޭކާރުކުރާކަށް ނުޖެހެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މަސައްކަތް ކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ޓެކްނޮލޮޖީ ގެނެސްދީފައި ވާއިރު ތައުލީމީ ދާއިރާވެސް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. 1990ގެ ފަހުކޮޅުގައި ކޮންމެ މަހަކުހެން ތައުލީމީ ދާއިރާއަށް އާ ޓެކްނޮލޮޖީއެއް ވަނީ ތައާރަފް ކުރެވިފައެވެ. ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީގެ މުހިންމުކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން ސުކޫލުތަކުގެ ކިޔެވުން މެދު ކަނޑާލަން ޖެހުނު ހިސާބުންނެވެ. އޮންލައިން ކުލާސްތައް ފައްޓައި ގޫގްލް ކުލާސްރޫމްގެ އެހީގެ އިތުރުން ޓެލިކިލާސްތަކުގެ ޒަރީއާއިން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވުނީ ޓެކްނޮލޮޖީގެ އެހީގައެވެ.

ޓެލިކިލާހެއްގައި ދަރިވަރަކު ކިޔަވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކޮންމެ ފައިސާ ފޮއްޗެއްގައިވެސް ދެފުއް އޮންނަ ފަދައިން ދުނިޔަވީ ކޮންމެ ކަމަކީވެސް އޭގައި ރަނގަޅާއި ނުބައި، ފައިދާއާއި ގެއްލުން އޮންނަ ކަންކަމެވެ. ހަމަ މި ބީދައިން ޓެކްނޮލޮޖީވެސް ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ގެއްލުން އިންތިހާއަށް ކުރާނެއެވެ. މިކަން މިއަދުގެ މުޖުތަމައުންވެސް ފެނިގެންދަނީ މަދެއްކޮށެއް ނޫނެވެ.

އާއިލީ ގުޅުންތައް ހީނަރުވުމުގެ މައިގަނޑު އެއް ސަބަބު

މުޖުތަމައުގައި މިއަދު އާންމެވެފައިވާ އާއިލީ މައްސަލަތަކުގެ ފަހަތުގައި ފޮރުވިގެން ވަނީ ޓެކްނޮލޮޖީ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެންމެ ކުޑަކުދީންނުން ފެށިގެން އުމުރުން ދުވަސްވީ މީހުންނާ ހަމައަށް ކޮންމެ މީހެއްގެ އަތުގައި ފޯނެއް ނުވަތަ އައިޕެޑެއް ނުވަތަ ލެޕްޓޮޕެއް ނެތް ބައެއް މަދުވާނެއެވެ. މެހެމާނަކު ގެއަށް އައިސް "މިގޭގައި ކުޑަ ކުއްޖަކު އުޅޭހެންވެސް ހީނުވޭ، މިގޭ ކުދިން ހާދަ ބަސްއަހައޭ!" ބުނާއިރު ހަގީގަތަކީ ގިނަފަހަރު މިކުދިން ތިބޭނީ ޔޫޓިއުބް ވީޑޯއެއް ބެލުމުގައި ނުވަތަ ގޭމެއް ކުޅުމުގައި އަވަދި ނެތިއެވެ. މިކަމުގެ ސަބަބުން ދިމާވާ މައްސަލަތަކާ މެދު ވިސްނާލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟

ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ދުރުގަ ތިބޭ އާއިލާ މީހުންނާއި ރައްޓެހިންނާއި ގުޅުން ބަދަހި ކުރެވުމަކީ ހަގީގަތެކެވެ. ނަމަވެސް މިކަމުގެ ސަބަބުން އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ފަރާތްތަކާއި އޮންނަ ގުޅުން ހީނަރުވާނަމަ އެއީ މައްސަލައެކެވެ. ބައްޕަ ނުވަތަ މަންމަ ޓިކްޓޮކަށް ގެއްލި ހުސްވެފައި އިންނައިރު ދަރިން ކުރަނީ ކީއްކަމެއް، އުޅެނީ ކިހިނެއް ކަމެއް ބަލައެއް ނުލެވެއެވެ. ދަރިންނާއެކު ހޭދަކޮށްލަން ލިބޭ ވަގުތުވެސް ސޯޝަލް މީޑިއާ މިވަނީ އަތުލައިގެންފައެވެ. ކާމޭޒު ދޮށުގައި ކާން ތިބޭއިރު އެއްވެސް މީހަކު އެކަކު އަނެކަކާ އަނގައިން ބުނާތަނެއް މިހާރަކު ނުފެނެއެވެ. ބަދަލުގައި އެންމެންވެސް ތިބެނީ ފޯނުތަކުގެ އަވައިގައި ޖެހިފައެވެ. "ފެމިލީ ޓައިމް" އޭ މިކިޔާ ވަގުތެއް މިހާރަކު ނޯވެއެވެ. ނަތީޖާއަކަށް ވެގެންދަނީ އާއިލާތަކުގައި މައްސަލަޖެހުމެވެ. އިންސްޓަގްރާމް ސްޓޯރީގައި "ބެސްޓް ސިސްޓާ" ނުވަތަ "ބެސްޓް ބްރަދާ" ޖެހުމަށް ފަހު ނަގާފައިވާ ސެލްފީއެއް އަޕްލޯޑުކޮށް އެއަށް ލައިކްސް ލިބޭ ވަރު ބެލުމަކީ އާއިލީ ގުޅުންތައް ވަރުގަދަވެގެން ދާނެ ކަމެއްކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟

ކާންތިބޭ ވަގުތުވެސް ފޯނާއި ކުޅޭ މަންޒަރު ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ފޮޓޯއެއް

ކުދިންގެ ކިޔެވުން ހަލާކުވުމަށް މަގުފަހިވެގެންދޭ

އިންޓަނެޓުގެ ޒަރީއާއިން މައުލޫމާތު ހޯދުމަށް ފަސޭހަވެ ފިލާވަޅުތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދިޔަ ނަމަވެސް މިކަމުގެ ސަބަބުން ކިޔެވުން އެއްކޮށް ހަލާކުވާތަން ވެސް އެބަ އާދެއެވެ. އިންޓަނެޓު ބޭނުންކުރުމުން ކުދިންގެ އުމުރާ ނުގުޅޭ މަންޒަރާއި އަޑު އިވުމަށް މަގުފަހިވެގެން ދެއެވެ. މިކަމުގެ ސަބަބުން ކުދިންގެ އަހުލާގަށް ނޭދެވޭ އަސަރު ފޯރައެވެ. މީގެ އިތުރުން ވީޑިއޯ ގޭމުތަކަށް ކުއްޖާ ދެވިހިފައި އަގުހުރި ވަގުތުތައް އެކަމުގައި ބޭކާރު ކޮށްލައެވެ. މީގެ ސަބަބުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތަން އާދެއެވެ. 2022-2023 ވަނަ އަހަރު ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އަމީނިއްޔާ ސުކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ކިޔެވުމަށް އިތުރަށް ސަމާލުކަން ދީ ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

" އަޅުގަނޑު ދެކޭ ގޮތުގައި ތައުލީމުގެ މައިގަނޑު ބޭނުމަކީ ބުއްދި ފާގަތިކުރުމާއެކު އުޅުން ފުރިހަމަކުރުން. ފަހުން ކަންކަމާމެދު ވިސްނަން އަދި އުނގެނެން ބޭނުންކުރަނީ ސުކޫލު ދައުރުގައި ކިޔަވާ ކިޔެވުން. އެހެންކަމުން ސުކޫލުގައި އުޅެން ލިބޭ މަދު ދުވަސްތަކުގައި ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ކުރުމަށް ހުރިހާ ކުދިންނަށް އަޅުގަނޑު އިލްތިމާސްކުރަން"
އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ

ސިއްހީގޮތުން އެތައް ގެއްލުމެއް!

ސްކްރީނަށް ބެލުމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން ލޮލުގެ ތެއްކަން ކެނޑި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރު ކުރެއެވެ. ދިވެހި ކުދިންގެ ތެރެއިން ނިސްބަތުން ގިނަ އަދަދެއްގެ ކުދިން އައިނު އަޅަން މެދުވެރި ކުރުވާ އެއް ސަބަބު ކަމުގައިވެސް މިކަން ވުން އެކަށީގެން ވެއެވެ. މީގެ އިތުރުން ނިދުމުގެ ކުރިން ފޯނާއި ކުޅުމަކީ ހަމަ ނިދި ލިބުމުން މަހުރޫމް ކުރުވާ ކަމެކެވެ. މިއީ ސްކްރީނަށް ބަލަހައްޓައިގެން ހުންނައިރު މެލެޓޮނިން ނަމަކަށް ކިޔާ ހޯމޯންއެއް ހަށިގަނޑުގައި އިތުރަށް އުފެދޭތީ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ. ސްކްރީން ޓައިމް އިތުރުވުމުގެ ސަބަބުން ހަރަކާތްތެރިވުން ދަށްވެ ފަލަބަލިވެސް ޖެހޭ ނިސްބަތް ދަނީ އިތުރުވަމުންނެވެ.

ކެނެޑާގެ ޗިލްޑްރެން ހޮސްޕިޓަލް އޮފް އީސްޓަން އޮންޓާރިއޯ (ސީއެޗްއީއޯ)ގެ ރިސާޗް އިންސްޓްޓިއުޓް ޑރ. ޖެރެމީ ވޮލްޝް ވިދާޅުވި ގޮތުގައި ދަރިންގެ ހެދި ބޮޑުވުމަށް ހަރަކާތްތެރިކަން ވަރަށް މުހިންމެވެ. އެގޮތުން ކޮންމެ ދުވަހަކީވެސް ދަރިންނަށް ހަރަކާތްތެރިކޮށް އުޅެވޭނެ ވަގުތުތަކެއް ހޯދައިދޭންޖެހޭ ދުވަހެއްކަމަށް އޭނާ ވިދާޅުވިއެވެ.

" އެހެން ނޫން ކަމަށް ވާނަމަ ޖިސްމާނީ ގޮތުންވެސް ހެދި ބޮޑު ވާންޖެހޭ ވަރަށް ހަށިގަނޑު ތަރައްގީ ނުވުމާއި ސިކުނޑިވެސް މަސައްކަތް ކުރަންވާ ވަރަށް މަސައްކަތް ކުރުމަށް ހުރަސް އެޅިގެންދާނެ. ހަމަ މި އާއެކު ކޮންމެ ދުވަހަކީވެސް ހަމަ ނިދި ލިބޭ ދުވަހަކަށް ހަދަން ޖެހޭނެ. ބަރާބަރަށް ނިދި ނުލިބޭނަމަ ސިއްހީ އެކި ކަހަލަ މައްސަލަތަކާއި ދިމާވާނެ."
ޑރ. ޖެރެމީ

އެހެންކަމުން ޓެކްނޮލޮޖީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި، އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ނުހަނު މުހިންމު ކަމެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ!