އައްޑޫ ސިޓީއިން މި މަހުގެ 3 ވަނަ ދުވަހު ފޮޒިޓިވްވި ހިމަބިހި ކޭސްއާ ގުޅިގެން އެ ސިޓީގެ 19 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފެނުނު ހިމަބިހި ކޭސްގައި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ބަލާ މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށާއި ކޭސް ފެނުމާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކޭސް ފެނުނު ހިސާބުގެ ވަށައިގެންވާ ސަރައްހަދުގައި ދިރިއުޅޭ މީހުންގެ ކޮމިއުނިޓީ ސާވޭ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވެ ތިބި އަދި ފުރިހަމަކޮށްފައިވާ ކަމުގެ ރެކޯޑް ނެތް މީހުންނަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ އެ ކޭސްއާ ގުޅިގެން މިހާތަނަށް 65 ފަރާތެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު މިހާތަނަށް މިއިން އެއްވެސް ފަރާތަކުން ބަލީގެ އަލާމާތެއް ފެނިފައެެއް ނުވި ނަމަވެސް ހިމަބިއްސަށް ޕޮޒިޓިވްވި ފަރާތާއި ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ހުރިހާ ފަރާތްތަކަކީވެސް ހިމަބިހި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަތަކެއް ކަމަށެވެ. އަދި ކޮމިއުނިޓީ ސާވޭގައި 41 ފަރާތެއްގެ މައުލޫމާތު ސާފުކުރެވިފައިވާ ކަމަށާއި އެ ސާވޭގައި 16 ގެއަކާއި 1 ފިހާރަ ހިމމެނޭ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށް ކަނޑައަޅާފައިވާތީ ހިމަބިހީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ ފަރާތްތައް ހިމަބިއްސަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަކީ އެ އެޖެންސީގެ ސާވެއިލެންސް މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަނަކުން އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އަދި ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނެގުމުގެ އިތުރުްނ ކެއްސުމާއެކު އަރިދަފުސް ފޭބުމާއި ލޯރަތްވުން ފަދަ އަލާމާތްތައްވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.